.jpg)
ލިއުނީ : ހަދީޖަތު ވަރުދާ އަކިރި ނ. ލަންދޫ ސުކޫލް ގުރޭޑް 10 އޭ
ނިމުމެއްނެތް އިންތިޒާރު...............
ހަވީރުގެ ވަގުތެވެ. އިރު އޭގެ ވާޖިބު އަދާކުރުމައްފަހު ދުނިޔެއާއި އަލްވަދާއު ކިޔަމުން ދަނީއެވެ. ގޮޑުދޮށުގައިވާ ގަސްތަކުން ހިތްގައިމު ނަސީމީ ވައިރޯޅި ޖެހެމުންދެއެވެ. އެރަށު އަތިރިމަތީގައި އޮތް ރުއްބުޑެއްމަތީގައި އެރީތި މަނަޒަރު ބަލަމުން މާޒީގެ ތެރެއަށް ގެއްލިފާ ނިހާ އިނެވެ.
އެއީ އޭގެ ދެތިން އަހަރު ކުރިއެވެ. ދުވަސް ވަރަކީ ބޮޑުޗުއްޓީ ދުވަސްވަރު ކަމުން ރަށުންބޭރު މީހުންނާއި ރަށުންބޭރުގައި ތައުލީމް ހާސިލް ކުރުމަށް ގޮސްއުޅޭ މީހުން ރަށައް އަންނަމުންދެއެވެ. އޭގެ ތެރެއިން އެކަކީ އިއާޒުއެވެ. އޭނާވެސް ކިޔެވުމުގެ ދުވަސްތައް ވޭތުކުރުމަށްފަހު ރަށައް އައެވެ. އިއާޒު ރަށައް އައުމައްފަހު ފެންވަރާ ހަދައިގެން އާއިލާގެ މީހުންނާ ބައްދަލުކުރުމަށް ގެއިން ނިކުތެވެ. ގެއިންނިކުމެ މަގުގެ ދެފަރާތައް ބަލާލިއެވެ. ކުއްލިއަކަށް އޭނާގެލޯ އަމާޒުވީ ވަރަށްފަރި ހިގުމެއްގައި ފެންބަޑިޔަލެއް ހިފައިގެން އަންނަ ރީތި ފައްމިންޏެއް ފަދަ އަންހެން ކުއްޖާއަށެވެ. ފަންއިސްތަށިގަޑެއްގެ ވެރިއެކެވެ. ކުރަގި ދެލޮލެވެ. ހިތިފަތު ބުމައެކެވެ. ލޫޅާފަތި ހަށިގަޑެކެވެ. އިޔާޒްގެ ހިތްބާރު ބާރައް ތެޅެންފަށައިފިއެވެ. އެއަންހެންކުއްޖާއާއި ވާހަކަ ދެއްކުމަށްއެދި އޭނާގެހިތް ގޮވަންފަށައިފިއެވެ. އިއާޒުއަށް ފުރަތަމަ ނަޒަރުން އެއަންހެންކުއްޖާދެކެ ލޯބި ވެވިއްޖެއެވެ.
އެއަންހެންކުއްޖާ އައިސް އިޔާޒުއާއި އަރާހަމަވުމުން އެއަންހެންކުއްޖާއަށް ނިހާއޭ ކިޔާގޮވާލިއެވެ. ނިހާ އާއެކޭ ބުނުމުގެ ނިޔަތުގައި އިޔާޒުއާއި ދިމާލަށް އެނބުރިލައި ވަރަށް ރަކިގޮތަކަށް ހީލިއެވެ. އިޔާޒް އެރޭ ގެއަށް އައުމަށް ފަހު ނިދުމަށްޓަކައި ގޮދަޑީގައި އެނބުރި އެނބުރި ނިދޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނިދޭގޮތެއް ނުވިއެވެ. އޭނާގެ ހިޔާލްގައިވަނީ ނިހާއެވެ.
އެއްދުވަހެއްގެ ހަވީރެވެ. ނިހާ ވަރަށް އެކަނިގޮތަކަށް ހިނގާފައިދާތަން އިޔާޒްއަށް ފެނުނެވެ. އަދި އޭނާ ނިހާގާތުގައި ތުނޑިއަށްދާން ހިނގާށޭ ބުނުމުން ނިހާ އިޔާޒް އާއިއެކު ތުނޑިއަށް ދިޔައެވެ. ތުނޑިއަށްގޮސް ދެމީހުން ތުނޑިމަތީގައި ވާހަކަދައްކަން ތިއްބެވެ. އަދި އިޔާޒް ނިހާ ވާހަކަ ނުދައްކާތީ ވަރަށް ގިނައިން ސުވާލް ކުރިއެވެ. ނިހާ ޖަވާބުގައި އާން ، ހޫން ބުނަމުން ގެންދިޔައެވެ. މިގޮތައް ވަގުތައް ފާއިތުވަމުންގޮސް މަޢުރިބު ނަމާދު ބަންގިގޮވަން ފެށިއެވެ. ނިހާ ގެއަށް ދިއުމައްޓަކާ ކޮޅަށް ތެދުވެ ހިނގައިގަތެވެ. ކުއްލިއަކަށް ނިހާ ހުއްޓުން އެރިއެވެ. އިޔާޒް ނިހާ އަތުގައި ހިފެހެއްޓީއެވެ. އިޔާޒް ނިހާ އޭނާއާ ދިމާއަށް އެނބުރުމައްފަހު އޭނާގެ ހިތުގެ ހާލަތު ބަޔާން ކުރިއެވެ. އަދި ލޯބި ހުށައެޅިއެވެ. ނިހާ އޭނާގެ ލޯބި ގަބޫލް ކުރިއެވެ.
މިގޮތުގައި މިދެމީހުން ލޯބީގެ ދުވަސްތައް ވޭތިކުރަމުން ދެއެވެ. މިއަދަކީ އިޔާޒް މާލެދާން ފުރާދުވަހެވެ. އިޔާޒް ނިހާއާއި ވަދާއީ ސަލާން ކުރިއެވެ. އަދި އަންނާނެ ކަމުގެ ޔައގީންކަންދެމުން ދެމީހުން ވަކިވިއެވެ. ނަމަވެސް ކަންތައްވީ މިއާހިލާފަށެވެ. އިޔާޒް މާލެގޮސް ހަބަރެއްނުވާތާ މާގިނަ ދުވަސްވުމުން އިޔާޒްގެ ރައްޓެއްސަކާ ނިހާ ގުޅިއެވެ. ނިހާއަށް އިޔާޒް އުޅެނީ މީހަކާ އިދެގެންކަން އޭނަގެ ރައްޓެހިންގެ ކިބައިން އެގުނެވެ. އަދި އޭނާއަކީ ވަރަށްގިނަ ކުދިންނަށް އޮޅުވާލައިފައިވާ މީހެއްކަން ނިހާއަށް އެގުނެވެ. ނިހާ ވަރަށް ދެރަވެ ހިތާމަކުރިއެވެ.
ނަމަވެސް އޭނާ މިހާރުވެސް އިޔާޒްދެކެ ލޯބިވެއެވެ. އަދި އިޔާޒް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. އޭނާގެ ދަރިފުޅުގެ ހައްގުގައެވެ. އާއެކެވެ. އޭނާޔާ އިޔާޒްގެ ދަރިފުޅަށް ޓަކައެވެ. ނީސްއަށްޓަކައެވެ. އެއީ އިޔާޒް އާއި ނިހާގެ ލޯބީގެ ނިޝާނެވެ. ނިހާއަށް އޭނަގެ މާޒީގެތެރެއިން ނުކުމެވުނީ ނީސް މަންމާއޭ ކިޔާފައި ގޮވާލުމުންނެވެ. ނީސްއަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމުގެ ނިޔަތުގައި ނިހާ ކުރިއަށް ހިގަންފެށިއެވެ. އިޔާޒް އަންނާނެކެމުގެ ނިމުމެއްނެތް އިންތިޒާރު ކުރަމުންނެވެ.






0 ޚިޔާލު:
Post a Comment