Showing posts with label މަޒުމޫނު. Show all posts
Showing posts with label މަޒުމޫނު. Show all posts

March 11, 2010

ކަނޑު ޙިމާޔަތް ކުރަން ކުރެވިދާނެ ކަންތައްތައް

ކަނޑު ޙިމާޔަތް ކުރަން ކުރެވިދާނެ ކަންތައްތައް

ދުނިޔޭގެ ސަތަޙައިގެ ހަތްދިހަ އިންސައްތައަށްވުރެން ބޮޑުބަޔަކީ ކަނޑެވެ. އަދި ދުނިޔޭގެ ދިރުމުގެ %90 އަކީ ކަނޑުގެ ދިރުމެވެ. ދުނިޔޭގައި ހިކިފަސް ތަނަށް ވުރެ ބޮޑީ ކަނޑެވެ. ހަމަ އެފަދައިން ރާއްޖޭ އަކީ ވެސް ކަނޑުގެ މުއްސަނދިކަން ލިބިގެން ވާ ކުދި ޖަޒީރާ ރަށްތަކެއް އެކުލެވިގެން ވާ ރީތި ޤައުމެކެވެ. އަދި މި ރަށްތަށް އުފެދިފައި ވަނީ ފަރުގެ ސަބަބުންނެވެ. ދިރޭ ގަލުގެ އެތަކެއް އަހަރު ތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން ފަރުތަކާއި ކަނޑުގެ ރަނގަޅު ޞިއްޙަތަކީ މި ކުދިކުދި ރަށްތައް ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެކެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގެ މައިގަނޑު ދެބާރަކީ މަސްވެރިކަމާއި، ފަތުރުވެރިކަމެވެ. މި ދެ މަސައްކަތް، ސީދާގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ނަމަވެސް ގުޅިފައި ވަނީ ކަނޑާއެވެ. ކަނޑުގެ ދިރުމާއެވެ. ރާއްޖޭގެ ކަނޑުގެ ދިރުމުގެ މުއްސަނދި ކަމާއެވެ. ވީމާ އަޅުގަނޑުމެންގެ އިޤުތިޞާދު ކުރި އެރުވުމަށްޓަކައި ވެސް، މިރީތި ކަނޑުތަކާއި ފަރުތައް ދެމި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަނޑު ތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކަމާއެކު ދެމެހެއްޓުމަށް ކުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ.

ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވިދާނެ އެތައް ކަމެއްވެސް އެބަހުއްޓެވެ. ކަނޑުގެ ދަތުރު ފަތުރު ކުރާއިރު އުކާލަން ބޭނުން އެއްޗެއް ހުރިނަމަ ކަނޑަށް ނުވަތަ މޫދަށް އުކާނުލައި، ހިކިފަސް ތަނަކަށް އާދެވުމުން އުކާލުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އަދި މޫދަށް ނަގިލި ވައްޓާލާއިރު ބަލާނުލައި ވައްޓާލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ފެންނަމުން އަންނަ ކަމެކެވެ. މިކަމުގެ ސަބަބުން އެތަކެއް ގައުތަކެއް ހަލާކުވެ، މަރުވެއެވެ. ވީމާ ބަލާފައި ނަގިލި ވައްޓައި ލުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ރަނގަޅު ކަމެކެވެ. ކޮންމެ ދިވެއްސަކީ ކޮންމެވެސް ދުވަސްވަރެއްގައި މޫދަށް އެރޭނެ ނުވަތަ އެރިފައިވާ މީހެކެވެ. އަދި ކޮންމެ ދުވަހުކުހެން މޫދަށް އެރޭ މީހުންވެސް އުޅެއެވެ. މިހެން އުޅުމުގެ ތެރޭގައި މޫދުން ގައު އަދި ދިރޭ މުރަކަ ނެގުމަކީ ވަރަށް ގޯސް އަދި ކަނޑުގެ ދިރުމަށް ނުރައްކައުތެރި އަސރުތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން މޫދަށް އެރި އުޅޭއިރު މިފަދަ ތަކެތި ނުނެގުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޚާއްޞަކޮށް ޑައިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް ވެއެވެ. ޑައިވްކުރަން އުޅޭއިރު ފިންސުން ގާގަލުގައި ނުޖެހުމާއި، ފޮޓޯނަގާއިރު ބަޔޯންސީ ކޮންޓްރޯލް ކުރުމަށް ސަމާލުކަން ދިނުން މިކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހައި ކަމަކަށް ސަމާލުކަން ދީގެން އުޅުމަކީ ކަނޑުތައް ޙިމާޔަތް ކުރުމަށް އުޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން އަދުގެ ސަރުކާރުން ވެސް ވަނީ ކަނޑުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެތަކެއް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރައްކާތެރި ކުރެވިފައިވާ ބައެއް ސަރަޙައްދުގެ ގޮތުގައި ފަނަރަ ސަރަޙައްދެއް ވަނީ 27 ސެޕްޓެމްބަރ 1995 ވަނަ އަހަރު ކަނޑަ އަޅުއްވައިފައެވެ. އަދި ކަނޑުގެ ބައެއް ދިރުންތައް ޙިމާޔަތް ކުރައްވާފައިވެސް ވެއެވެ. އަދި މޫދުން ގަލާއި ވެލިފަދަ ތަކެތި ނެގުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިފަދަ ތަކެތި ރާއްޖެއިން ބޭރުކުރުންވެސް ވަނީ މަނާ ކުރައްވާފައެވެ. އިހުޒަމާނުގައި ރާއްޖޭގެ ކުޑަކުދިންނަކީ ވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫނެވެ. ނަމަވެސް މިހާރުގެ ކުޑަކުދިންނަކީ ފަށާ ތަޢުލީމުން ފެށިގެންވެސް މިފަދަ ކަންތައްތަކަށް ހޭލުންތެރި ކުރެވެމުން އަންނަ ބައެކެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި މިއީވެސް ދިވެހި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން ބޭރުގެ އެކުވެރި ޤައުމުތަކުގެ އެހީ ހޯދައިގެން ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދުތައް ހޯދުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ދިވެހި ސަރުކާރުން ވެސްވަނީ މިކަންތައްވެސް ކުރައްވަން ފަށްޓަވާފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ކަންތައްތައް ކުރައްވާ، ކަނޑު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އުއްމީދެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންދަނީ ވެށި ޙިމާޔަތް ކުރުމަށް ހޭލުންތެރި ވަމުންނެވެ. އަދި މިކަމުގައި ދިވެހިންވެސް ދަނީ ވަރަށް ހަރުދަނާ ކަމާއެކު ފައިތިލަ ސާބިތު ކުރަމުންނެވެ. މި ދިވެހިރާއްޖޭގެ ކަނޑާއި ކަނޑުގެ ދިރުންތައް އަބަދުގެ އަބަދަށް ރައްކާތެރި ކަމާއެކު ދަމަހައްޓަވާށިއެވެ. މިއީ އަޅުގަނޑުގެ އުންމީދެވެ. ހިތުގެ އަޑިން ކުރާ ދުޢާއެވެ.

December 12, 2009

ތަޢުލީމު ލިބިގަތުމުގެ އެއްމަގު

ތަޢުލީމު ލިބިގަތުމުގެ އެއްމަގު

ޝައްކެތް ވަސްވާހެއް ނެތެވެ. ލިޔަންކިޔަން ދަތުމާއި ތަންދޮރު ވަކިވުމާއި މިދެކަމަކީ އިނގިރޭސީންގެ މުޙާވަރާއިންނަމަ، އެއްފައިސާފޮތީގެ ދެފުށެވެ. ދިވެހިބަހުގެ އަދަބީބަހުގެ ފުންކަނޑުގެ ތެރެއަށް ފީނައިގަތަސް، ތަންދޮރު ވަކިވުމުގެ މަޖާޒީ އެއްމާނައަކީ ލިޔަން ކިޔަން ދަތުންކަމާމެދަކު ޝައްކު ނުކުރާނެ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި ތިބޭނެކަން އަޅުގަނޑަށް ހަމަޔަޤީނެވެ. ކަންމިހެން އޮތްއިރު ޒަމާނީ ސައިންސްގެ ރޮނގުން ރާއްޖެވެސް އެތަކެއް ހަލުއި ފިޔަވަޅު ކުރިޔަށް އަޅަމުންދާއިރު، އިހުތިބިތާނގައި ގާވެފައި ތިބުމަކީ ކުރަން ހެޔޮވެސް ވާވަރުގެ ކަމެއް ނޫނެވެ. ތޮށަލިދުޅަޔަށް ހިނގާކަމަށް ބުނާ ދުނިޔޭގައި އަޅުގަނޑުމެން މިހާރު މިތިބި ހިސާބުން ދަށަށް ދާނެދުވަހެއްވެސް އަންނާނެޔޭ ބުނެ، ގަބުޅިކަމަކާއި ނުލައި ކަތީބުކަމެއް ހަމަނުކުރެވޭނެޔޭ ބުނަން ހިތަށް އެރުވުމަކީ އަމިއްލަ ނަފުސުތަކަށް އަމިއްލަ އަތްތަކުން ދެވޭ އަނިޔާއެއް ކަމުގައި މެނުވީ ހަމަނުވާނެއެވެ. އަދި ކިޔެއްތަ، ކަޓުކަމާއި ދުރަށް ދީލައިލައި، ޒަމާނީ ކުރިއެރުމުގެ މައިކަނޑަށް އޮޑިނެރެލައި، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށް ޖެހެމުން އެހެރަދާ ފަހި ވައިރޯޅިތައް ރިޔަލުގައި އަޅުވައިލައިގެން މެނުވީ މިހާރު ވާކަށް ނުމެނެތްމެއެވެ.
އަސްތާ އަޅުގަނޑަކީ މިކަހަލަ ވާހަކަތައް މާފުޅާ ދާއިރާއެއްގައި ދައްކައިނަގަން މާބޮޑު ސަނަދެއް ލިބިހުރި މީހަކީމެއްވެސް ނުމެ ނޫންމެއެވެ. އެހެންނަމަވެސް ދުނިޔޭގައި ހިނގާ އޮއިވަރުތަކަށް ލޯހުޅުވައިގެން ހުންނަމީހަކަށް ވާތީއާއި، އަޅުގަނޑަށްވެސް ސަނަދެއް ނުވަތަ ފާހެއް ލިބިފައި އޮތްނަމަ އެސަނަދެއް ނުވަތަ ފާހެއް ލިބިއޮތް ދާއިރާޔަކަށް ލިބެމުންދާ ކުރިއެރުމާއި ތަރައްޤީއަށް ލޯހުޅުވައިގެން ހުންނަމީހަކަށް ވާތީ، އަޅުގަނޑު މިކަހަލަ ވާހަކަ ދައްކައި މިއުޅެނީ ހަމަ އެދާއިރާތަކުންނެވެ. ރާއްޖޭގައި އަދި އެކަހަލަ ތަންތަން ހުޅުވިފައި ނެތުމާއި، ލިބޭ މުސާރައިން ކުރަންހުންނަ ކަންތައްތައް ކޮއްފައި ބާކީނުވާތީ، ޔުނިވަރސިޓީއެކޭ ކިޔަން އެކަށީގެންވާ ތަނެއްގެ ހަތަރުފާރުން އެތެރެވެ، ޑިގްރީގަނޑެއް އާކޮއްލައި، އެފަންތި މައްޗަށް ޖައްސާލުމުގެ ފުރުޞަތު ނުލިބޭތާ ފަންސަވީހަކަށް އަހަރުވެފައި ހުއްޓަސް، އިންޓަނެޓާއި ބޭރުޓީވީއާއި މަޖައްލާތަކުގެ ޒަރީޢާއިން އެފަދަ ތަންތާނގެ ފާރުފާރުމަތިން ބޯއަރުވައި އުޅެވޭތީ، މިކަހަލަ ވާހަކަ އަދިވެސް މިދެއްކެނީ، މަންމަގެ އުނގުންފެށިގެން ކަށްވަޅަށް ދާންދެން އުނގެނެން ޤަޞްދުކުރެވޭތީކަމަށްވެސް ވެދާނެއެވެ.
މަޢާފުކުރައްވާށެވެ. ދަންބެރަށްވުރެ ތަގުޑި ދިގުކޮށްނަމަވެސް، ދެންނެވޭތޯ މިއުޅެނީ ހަމަ ލިޔަންކިޔަން ދަތުމާއިބެހޭ ވާހަކަޔެކެވެ. ހާ އަބަފިލިން ފެށިގެން ޗަވިޔަނި ސުކުނާ ހަމަޔަށް ދަތިނުޖެހޭ ވަރަށް ތާނައަކުރު ދަސްކޮށް، ހިސާބުއަކުރުވެސް އެނގިލައި، ނަންބޯޑުތަކާއި ނޫސްތަކުގެ ފަލަސުރުޚީ ކިޔާލަން އެނގޭވަރުކޮއްފައި ހުއްޓާލުމާއި، ޕްރައިމަރީ ސްކޫލް ނިމުނީމައި އެވީ ވަރެކޭ ހީކޮއްފައި ވަކިވުމާއި، ޖީސީ ނެގި ދަރިފުޅުގެ ކިޔެވުން ނިމުނީއޭ ބުނުމާއި،އޭލެވެލްއަށްފަހު ކިޔަވާނެކަމެއް ނެތޭ ބުނުމާއި، ފުރަތަމަ ޑިގުރީ ނިމުނީމާ އެހެރީ ކިޔެވިފައޭ މީހާގެ ބޭނުން ހިފޭނެޔޭ ބުނުމާއި މާސްޓާރޒްއާ ހަމަޔަށް ދެވުނީމާ މީހާއެހެރީ މޮޅުމީހުންގެ ތެރެއިން ވެފައޭ ބުނެވުނީމާ، މިހުރިހާ ކަމެއް އެއްގޮތްވެގެން ދާވާހަކައެވެ.
އާދޭހެވެ! ދުނިޔެމިދަނީ ކުރިއަރަމުންނެވެ. ރާއްޖެވެސް ވާނީ އެމަގުން ހިނގާށެވެ. އަޅުގަނޑު މިދެންނެވި ފަދައިން ހާ އަބަފިލިން ފެށިގެން ޗަވިޔަނި ސުކުނާހަމަޔަށް ދަސްވީމާ މީހާއެހެރީ ރޯފިލާފައި ކަމަށް އެއްވެސް މީހަކު މިހާރަކު ޤަބޫލެއް ނުކުރާނެއެވެ. ވަޒީފާގެ ދާއިރާތަކަށްވެސް އެފެންވަރާއި ހަމައިން ބުރަކި ޖެހިފައިވާ މީހަކަށް ކިޔާ މަރުހަބާ ވަރަށް ކުޑަވާނެއެވެ. އަދި ދަންނަވަންތޯއެވެ. އިބްތިދާޢީ މަދަރުސާ ނިމުނީމާވެސް މިހާރުވަނީ އެހެންނެވެ. ޖީސީ ނަގައިގެން ވަޒީފާ ގަނޑެއް ނުލިބިގެން އުޅޭ ކުދިންވެސް މިހާރު ރާއްޖޭގައި އެބަތިބިމއެވެ. މީގެ ދިހަވަރަކަށް އަހަރު ފަހުން، ފުރަތަމަ ޑިގްރީއަލަށް ނަގައިގެން އަންނަ ކުދިންނަށްވަނީ އެހެނޭ ބުނާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ.
ކަންމިހެން އޮތްއިރު، ދުނިޔޭގައި މިހާރަކު ތަޢުލީމުގެ އަގެއްނެތޭ، މިތާނގައި ކިޔަވައިދެވެން އޮތްފެންވަަރަށް ކިޔެވީމާ މިތާކަށް މިހާރަކު ނުފުދެޔޭ، ކިޔަވަނީ ކީއްކުރަންހޭބުނެ، ހަނގުރާމައަށް ނިކުތުމުގެ ކުރިން ބަލިވެގެން ހަތިޔާރުބަހައްޓާ ޒުވާނުންނަށް ބުނަމެވެ. ތިޔައީ ކުށްޚިޔާލެކެވެ! ތެދެކެވެ. ރާއްޖޭން ބޭރަށްގޮސް ޕީ.އެޗް.ޑީ ނެގުމުގެ ކުޅަދާނަކަމާއި ޤާބިލިއްޔަތާއި ކެރިފޯރުންތެރިކަމާއި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަނަވަސްކަމާކީ ކޮންމެ މީހެއްގެ ނަސީބުގައި ލިޔެވިގެންވާ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. މުސްތަޤުބަލުގައި އެފަދަ ފުރުޞަތުތައް ލިބޭ މީހުން ނިސްބަތުން ވާނީ ދަށްކަމަށްވެސް ފެނެއެވެ. އެކަމަކު ރަނގަޅު ވަޒީފާތަކާއި މަޤާމުތައް މުސްތަޤުބަލުގައި ހުސްވެގެންވާނީ އެކަހަލަ މަތީ ފާސްތައް ލިބިގެން އަންނަ މީހުންނަށޭ ހީކޮށްފައި ކުރިން މިދެންނެވި ހަނގުރާމައިން ބަލިވެގެން ދުރަށް ދިއުމަކީ އަޅުގަނޑު ދެކޭގޮތުގައި ހަމަ މޮޔަކަމެކެވެ. ސަބަބަކީ....... އާދެ! ސަަބަބު މިދަންނަވަނީއެވެ. ތަޖުރިބާގެ އަލީގައެވެ. ދެކެ، ފެނި، އަތުން ހިފާފައިވާ ޙަޤީޤަތެއްގެ އެހީގައެވެ.
ފަށަމުންވެސް ދެންނެވި ފަދައިން، ޔުނިވަރސިޓީއެކޭ ކިޔަން އެކަށީގެންވާ ތަނެއްގެ ހަތަރުފާރުން އެތެރެވެ، ޑިގްރީގަނޑެއް އާކޮށްލައި، އެފަންތި މައްޗަށް ޖައްސައިލުމުގެ ފުރުޞަތު އަޅުގަނޑަށް ނުލިބޭތާ ފަންސަވީހަކަށް އަހަރު ވެއްޖެއެވެ. އަޅުގަނޑު ބަލަހައްޓައިގެން ހުއްޓައި އަޅުގަނޑު ކިޔަވައިދިން ކުދިންނާއި އެކުދީންގެދަރިވަރުންނަށް ދަންދެން ބޭރު ކަރަތަކަށް ކިޔަވަންގޮސް، މަތީ ފާސްތައް ނަގައިގެން އަންނަ އުފާވެރި މަންޒަރު ބަލަން އަޅުގަނޑު އެބަހުރީމެވެ.އަޅުގަނޑަށް އެފަދަ ފުރުޞަތެއް އަދި ތަނަވަހެއް ނުމެވޭމެއެވެ. އަޅުގަނޑުގެ ނަސީބުގައި އެކަން ނެތީވެސް ތޯއްޗެކެވެ. އެކަމަކު ދަންނަވަންތޯއެވެ! އަޅުގަނޑުގެ ތަޢުލީމީ ޙަޔާތުގައި އަޅުގަނޑުގެ އަމިއްލަ އަތަކުން އަދިވެސް ސިއްކައެއް ނުޖަހަމެވެ. މަޢުލޫމާތު ލިބެން ހުރިތާކުން ލިބެންހުރި ގޮތަކަށް ހޯދަނީއެވެ. ތަޖުރިބާލިބެންއޮތް މަގަކުން ހިނގޭތޯވެސް ބަލަނީއެވެ. ނަތީޖާއަކީ ތޯއެވެ؟ ނަތީޖާ މިދަންނަވަނީއެވެ.
ރާއްޖޭގެ އެކި ތަންތާނގައި ނުލާހިކު މޮޅަށް ކިޔަވައިދޭ ތަންތާނގެ ދަރިަވރުންނަށް "އެސައިންމަންޓް" ހަދަން ހަވާލުކުރީމާ އެމީހުން އެންމެ ފުރަތަމަ ގުޅާ އެކަކު ކަމުގެ ޝަރަފު އަދިވެސް އަޅުގަނޑަށް ލިބެމުންދެއެވެ.މުހިންމު އޮފީސްތަކާއި ޖަމުޢިއްޔާތަކުން ކުރައްވާ ނުލާހިކު މުހިންމު މަސައްކަތްތަކާއި ހިންގަވާ ބޮޑެތި މަޝްރޫޢުތަކަށް ތަރުޖަމާގެ ޚިދުމަތް ބޭނުންފުޅުވީމާ އެންމެ ފުރަތަމަ ގުޅުއްވާ އެކަކީ އަދިވެސް އަޅުގަނޑޭ މިދަންނަވަނީ އުފަލާއި ޝުކުރާއެކުގައެވެ. ކޮންމެވެސް އެއްޗެއް އޮޅުންފިލުވަން ގޭދޮށަށް ކުދިންކޮޅެއް ނާންނަ ހުކުރެއް ހޮނިހިރެއް ނުދާނެއެވެ. އަޅުގަނޑު ވަޒީފާ އަދާކުރާ ދާއިރާޔާ ހަމައެއްގޮތަކަށްވެސް ނުގުޅޭ ކިތަންމެ ކިތަންމެ ކަމަކާމެދު ޚިޔާލު ބަދަލުކޮށްލައި، އަޅުގަނޑަށް ފެންނަ އެއްޗެއް ހޯދައިލާން ރާއްޖޭގެ އެކިކަންކޮޅުން ދެތިން ހަތަރު ފޯނުކޯލު ނާންނަ ދުވަހަކަށްވެސް އަދި އިރެއް ނާރައެވެ. ހަމަކަށަވަރުންވެސް، މިކަހަލަ މަސް މިއަންނަނީ ފެން އޮތްތާކަށް ކަމަށްވާނަމަ،.... ޔުނިވަރސިޓީތަކުގެ ފާރުފާރުމަތިން ބޯއެރުވުމަކީ ޞިއްޙަތަށް ފައިދާހުރިކަމެއްކަން ކަށަވަރެވެ. އަދި، ބައެއްކަހަލަ ޙާލަތްތަކުގައި އެތަންތާނގައި ދިރިއުޅުމަށްވުރެ މާ މޮޅުކަމެއް ކަމަށްވެސް އަޅުގަނޑަށް އެބަފެނެއެވެ.
ކެރިހުރެގެން ދަންނަވަމެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އުނގެނުމަކީ އެނިޢުމަތަށް ފުރަގަސްދޭ ވަރުގެ ނިޢުމަތެއް ނޫނެވެ. އުނގެނުމުގެ މަގު އެކި މީހުންނަށް ހުޅުވޭނީ އެކިގޮތަށެވެ. އެމީހެއްގެ ވަރުން އެމީހަކަށް އަބަދުމެ ހުޅުވިފައި އޮންނަ ކަމާމެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ. ނުވެސް ކުރާނަންމެއެވެ. އެހެނީ، އަޅުގަނޑަކީ އަޅުގަނޑަށް އެމަގު ހުޅުވިގެން ވާގޮތާއި ދޭތެރޭ ޝުކުރުކޮށް، އެމަގުން ލިބެން އޮތްހައި ފައިދާޔެއް ލިބިގަނެ އެމަގުން އަޅުގަނޑު ހޯދާ މުއްސަނދިކަމުން އެހެންމީހުންނަށްވެސް ދީގެން ކައިއުޅޭ، އެމަގު އަޅުގަނޑަށް ހުޅުވައިދެއްވި ފަރާތަށް ޙަމްދާއި ޝުކުރު ކުރުންމަތީ ދެމިހުރި މީހަކީމެވެ. އަޅުގަނޑުގެ އެދުމަކީ އެމަގު އެގޮތަށް ހުޅުވިގެންދާ އެންމެންވެސް އެމަގުން ހިނގުމެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އަމިއްލައަށް ރައްޓެހިވެ، ދުނިޔޭގެ މިހާރުގެ ތަރައްޤީގެ ތެރެއަށް އަމިއްލަ ދެލޯހުޅުވައި، އުފާވެރިކަމާއި، ކެރުމާއި، ޢިއްޒަތާއި ޤަދަރާއި، ދީލަތިކަމާއި، ޚިދުމަތާއެކު ހިނގުމެވެ! ( އޮކްޓޯބަރ 2004ގެ ޖަމާޢަތުގެ ޚަބަރުގައިވާ ލިޔުމެއް )

November 30, 2009

އައި ޖީ އެމް އެޗް

އައި ޖީ އެމް އެޗް


intro1

275 އެނދުގެ އައި.ޖީ.އެމް.އެޗް އަކީ ސާބިތުކަންމަތީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތިންވަނަ ދަރަޖައިގެ ސަރުކާރު ހޮސްޕިޓަލެކެވެ. ޒަމާނީ ތަހުލީލުތައް ހެދުމަށާއި ބޮޑެތި އޮޕަރޭޝަންތައްކުރުމަށް ރާއްޖެއިންބޭރަށް ނުދެވޭމީހުންނަށް ޤައުމުގައިތިބެގެން މިކަންތައްތައްކުރެވޭނެއިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ.

އައި.ޖީ.އެމް.އެޗްއިން އަބަދުވެސް ބަލަމުންގެންދަނީ ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް ޚިދުމަތްހޯދުމަށް އަންނަފަރާތްތައް ހިތްހަމަޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯއެވެ. އައި.ޖީ.އެމް.އެޗް އަކީ ދިވެހި މުޖްތަމަޢުއަށް ފެންވަރު ރަގަޅު ޚިދުމަތްތަކެއް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދިނުމަށް ދިވެހިސަރުކާރުން ނެންގެވި ވަރަށްމުހިއްމު ފިޔަވަޅެކެވެ.

ތާރީޚުގެތެރެއިން އައި.ޖީ.އެމް.އެޗް

intro2

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އަކީ އިންޑިއާ ސަރުކާރުން ވެދެއްވި އެހީތަކުގެތެރެއިން މިހާތަނަށް ހަދިޔާކޮށްދެއްވާފައިވާ އެންމެ އަގުހުރި އެހީއެވެ. މިހޮސްޕިޓަލަކީ ތަފާތު ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓްތަކާއި ތަހުލީލިކުރުމުގެ ޒަމާނީ ވަސީލަތްތަކާއިއެކު ކަމަށް ވަރަށް ޤާބިލު އަދި މަސައްކަތުގައި ދުވަސްވީ ސިއްޙީފަރުވާދެއްވާ މުވައްޒަފުން މަސައްކަތްކުރަމުންގެންދާތަނެކެވެ. މިއީ ދިވެހިސަރުކާރުން ސިއްޙީ ޚިދުމަތްތައް ފުޅާކޮށް ކުރިއަރުވަން އަޅުއްވާދެއްވި ވަރަށްފުހިއްމު ފިޔަވަޅެކެވެ. އަޅުގަޑުމެންގެ އުއްމީދުކުރާގޮތުގައި 15 އޭޕްރިލް 1995، އައި.ޖީ.އެމް.އެޗްގެ މިކުލަގަދަ އިފްތިތާހު ވެގެންދާނީ ދިވެހިސަރުކާރާއި އިންޑިއާސަރުކާރުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ރަމްޒަކަށެވެ.

15 އޭޕްރިލް 1995 ގައި ރަސްމީގޮތުން އައި.ޖީ.އެމް.އެޗް ހުޅުވާދެއްވީ އިންޑިޔާގެ ޕްރައިމިނިސްޓަރ ޕީ.ވީ. ނަރަސިމްހަރާއޯ އާއި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްއެވެ.

މިހޮސްޕިޓަލް ހަދިޔާކުރުމާމެދު ވާހަކަދެކެވުނީ 1986 ގައި ކުރީގެ އިންޑިޔާގެ ޕްރައިމިނިސްޓަރ ސްރީ ރަޖީވް ގާނދީ ރާއްޖެއަށްކުރެއްވިދަތުރުފުޅުގައެވެ. މިދަތަރުފުޅަށްފަހު އޮކްޓޯބަރ 1988 މިކަމާއިބެހޭގޮތުން މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިިންގް އެއްގައި ސޮއިކުރެވުނެވެ.

އައި.ޖީ.އެމް.އެޗްގެ ބިންގާއަޅުއްވާދެއްވީ 14 ޖެނުއަރީ 1990 ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލް ޤައްޔޫމްއެވެ.

2 ފެބްރުއަރީ 1994 ގައި ރަސްމީގޮތުން އައި.ޖީ.އެމް.އެޗް ދިވެހިސަރުކާރާއި ހަވާލުކޮށްދެއްވީ އިންޑިޔާގެ ޔޫނިއަން މިނިސްޓަރ ފޮރ އާރބަން ޑިވެލޮޕްމަންޓް ޝްރީމަތީ ޝެއިލާ ކޯލްއެވެ. އަދި މިއެހީއާއި ހަވާލުވެލެއްވީ ރާއްޖޭގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އަލްފާޟިލް އަޙުމަދު އަބްދުﷲ އެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތައް އެކުލެވިގެންއައީ ތަފާތު ފިޔަވަހިތަކަށްބެހިގެންނެވެ. އެގޮތުން 15 އޮކްޓޯބަރ 1994ގައި ފުރަތަމަ ދޭންފެށުނު ޚިދުމަތަކީ ކުޑަކުދިންގެ އޯ.ޕީ.ޑީގެ ޚިދުމަތެވެ. އެއަށް ފަހު މަޑުމަޑުން ސެންޓްރަލް ހޮސްޕިޓަލުންދެވުނު ޚިދުމަތްތަށް އައި.ޖީ.އެމް.އެޗްއަށް ބަދަލުކުރެވި އެއްފުރާޅެއްގެދަށުން ހުރިހާ ޚިދުމަތެއްދެވެންފެށުނީ 31 ޑިސެމްބަރ 1994ގައެވެ. އެހެންކަމުން 1995ވަނަ އަހަރުވެގެންދިޔައީ ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތްތަކުގެ އާދައުރެއްގެ ފެށުމަކަށެވެ. އައި.ޖީ.އެމް.އެޗް ހުޅުވުނީއްސުރެ ދިވެހިސަރުކާރުންވަނީ ދާއިމީގޮތެއްގައި ސިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާވަސީލަތްތައް އިތުރުކޮށްދެއްވާފައެވެ. މިގޮތުން ސީ.ޓީ ސްކޭންގެ ޚިދުމަތާއި،ހީމޯ ޑައިލިސިސްގެ ޚިދުމަތާއި ބަލިތައް ދެނެގަތުމަށް ތަހުލީލުކުރުމުގެ ވަސީލަތްތައް ފުޅާކޮށްދެއްވާ އިތުރުކޮށްދެއްވާފައެވެ.

September 23, 2009

ޤައުމުދެކެ ލޯބިވާށެވެ.

ޤައުމުދެކެ ލޯބިވާށެވެ.

އަޅުގަނޑުމެން އެ ތަނެއްގައި ދިރިތިބުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ކޮންމެ ނަޒަރަކުން ބެލިނަމަވެސް ވަރަށްވެސް ހިތްފަސޭހަ ތަނެކެވެ. އެހެންނަމަވެސް ދިވެހީންގެ ޤައުމިއްޔަތާމެދު މިއަދު ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ. މިއީ އެކަމަށް ވަރަށް މުނާސަބު ދަނޑިވަޅެކެވެ. އެހެނީ މިހާރު ގުނެމުން މިދަނީ ބަރާކާތްތެރި ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. އެދުވަސް ވަރެއްގައި ބަރަކާއްލެއްވިގެންވާ ލައެލަތުންގަދުރިވިލޭރޭ ހިމެނޭނެކަމައް ބައެއްއިލްމުވެރިން ވިދާޅުވަމުން ގެންދަވައެވެ. އަދި އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އަހަރެވެ.

2- ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޛު މަޢުމޫނު އަބްދުލް ޤައްޔޫމް ދިވެހި ޤައުމާ މުޙާތަބު ކުރައްވާ މިދިޔަ އަހަރުގެ ޤައުމީ ދުވަހު ދެއްކެވި ވާހަކަފުޅަށް ވިސްނާލަމާތޯއެވެ. އެ މަނިކުފާނު ވިދާޅުވިއެވެ. '' ޤައުމީ ދުވަހަކީ ޤައުމިއްޔާތުގެ ބިންގާތައް ރައްކާތެރިކޮށް ހަރުދަނާކުރުމުގެ އަޒުމު އާކުރަންވީ ދުވަހެކެވެ. އެހެނީ ޤައުމުގެ ބާއްޖަވެރިކަމާ ޤައުމިއްޔާތު ދިރުވުމާވަނީ ވަރަށް ބޮޑަށް ލާމެހި ގުޅިފައެވެ. އަދި މިނިވަން ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމި ތިބެވޭނީވެސް އަދި އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުން ޙާސިލް ކުރެވޭނީވެސް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮއްގެންކަން ކަށަވަރެވެ." މި ރޮނގުން ވާހަކަފުޅު ދައްކަވަމުން އެންމެ ޙާއްޞަގޮތެއްގައި ފާހަގަ ކުރެއްވީ އަޅުގަނޑުމެންގެ ދީނުގެ ބިންގާ ގުޑުވާލުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ.

3- މިއަދު ދުނިޔޭގައި ހިނގާ އިސްތިޢުމާރީ ވަރުގަދަ ބާރަކީ ފިކުރީގޮތުން އެހެންމީހުންގެ ވިސްނުމާއި ޒަމާނުއްސުރެ ގެންގުޅެމުން އައިސްފައިވާ ގޮތްތައް ބަދަލުކުރުމުގެ ބާރެވެ. މި ބާރުގެ ސަބަބުން ބަދަލުވެގެން ދަނީ ދީނެވެ. ހަލާކުވެގެން ދަނީ އާދަކާދައެވެ. މިއީ އަޅުވެތިކަމުގެ ނުރައްކާތެރި ބާރެވެ.

4- ޤައުމިއްޔަތުގެ ބިންގާތައް ވަރުގަދަކުރަން ޖެހެނީ ޤައުމުގެ މިނިވަންކަމާއި އަފުރާދުން މިނިވަންކަމާއި އިޤުތިޞާދީ ކުރިއެރުން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށެވެ. ބޭރުގެ ނުފޫޒުތަކަށް ހެއްލި މީހުންގެ ވާހަކަތަކަށް އެބުރި، ދީން ބަދަލުކުރުމަށް ޖެހިލުން ނުވާނަމަ ބޭރުބައެއްގެ އަތްމައްޗަށް ރާއްޖެ ދޫކޮށްލުމަށް ޖެހިލުން ވާނެކަމަށް ޤަބޫލުކުރެވީދާނެ ތޯއެވެ؟ އެފަދަ ދުވަހެއް އަތުވެއްޖެނަމަ އެތަކެއް ހާސް އަހަރުންސުރެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި މިނިވަންކަމާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ވެއްޔާ މޮޑެވިގެން ދިޔައީއެވެ. މި ސަބަބަށްޓަކާއި ޤައިމީ ދުވަހު ވަރަށްވެސް ޙާއްޞަ އިލްތިމާސެއް ކުރިގެރައީސުލް ޖުމުހުރިއްޔާ ކުރެއްވެވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ.

5- '' ދިވެހި މުޖުތަމަޢުގައި މިހާރު އުފެދިފައިވާ ދީނީ ހޭލުންތެރިކަމާއި ދީނަށްއޮތް ލޯބި އަދިވެސް އިތުރުކުރަން ޖެހިފާވާކަން މިއަދު މިވަނީ ހާމަވެފައެވެ. މި ކަމުގައި ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެއްސަކުމެ އަތުކުރި އޮޅާލުމަށް މިއަދު އަޅުގަނޑު ގޮވާލަމެވެ. ދީނީ ތަޢުލީމު ޙާޞިލް ކުރައްވާފައިވާ ބޭފުޅުންނާއި މައިންބަފައިންނާއި މުދައްރިސުންނާއި އާއިލާތަކާއި މުޅިމުޖުތަމަޢު މި ކަމުގައި ޙާއްޞަ މަސައްކަތްތަކެއް ފެށުމަށް މިއަދު އަޅުގަނޑު ގޮވާލަމެވެ. ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދޭ ވަރުގަދަ ރޫހެކެވެ. ރާއްޖޭގެ އަމަން އަމާންކަމާއި ސިޔާސީ އަދި އިޖުތިމާޢީ ހަމަޖެހުމުގެ އެންމެ ބޮޑުބާރެވެ. ދިވެހީންގެ ކެރުމާއި ހިތްވަރާއި ޖިހާދުގެ ދެމިހުންނަނިވި އަސްލެވެ.''

6- ދިވެހި ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން އޮތީ ޤައުމުގެ ވެރީން ދައްކަވާމަގުން ހިނގުމުގައެވެ. ކެރިގެންނެވެ. އަޒުމާއެކުގައެވެ. ހިތްވަރު ހުރެގެންނެވެ. އެގޮތަށް މަސައްކަތްނުކޮށް ރާއްޖެ ކަހަލަ ވަޞީލަތްތަކާއި ދިފާއި ބާރުތައް ކުޑަތަނަކަށް ރައްކާތެރިކަމެއްނެތެވެ.

September 16, 2009

އަހަރެންގެ މޮޓޯ 1

ލިޔުނީ : ފަޒީލާ ހަސަން ނ. ލަންދޫ ސުކޫލް ގުރޭޑް 10 އޭ

އަހަރެންގެ މޮޓޯ

އަހަރެންގެ މޭ ގައުމަށްޓަކާ އައްޑަނައަކަށް ދިއްކޮށްލުމީ

ފަހުނޭވަޔަށް ދާންދެން މޮޓޯ ކަމުގައި ހިޔާރު ކުރާނަމޭ

ކޮންމެ އިންސާނަކީވެސް ކޮންމެވެސް އާއިލާއަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ފަދައިން ކޮންމެވެސް ގައުމަކަށް ނިސްބަތްވާނެ މީހެކެވެ. ކޮންމެ މީހަކުވެސް ބަލަންވީ ގައުމު ތިމާއަށް ކޮށްދޭ ކަމެއްނޫނެވެ. ތިމާ ގައުމަށް ކޮށްދޭނީ ކޮންކަމެއްތޯއެވެ.

ރާއްޖޭގައިވެސް ސަހީދުންގެ ދުވަހެއްފާހަގަކޮށް އެބޭފުޅުންގެ ހަނދާންތައް ކޮންމެ އަހަރަކުވެސް އާކުރަމުން ގެންދެއެވެ. އެބޭފުޅުންނަކީ އެބޭފުޅުންގެ އަމިއްލަ ގައުމައްޓަކައި އަމިއްލަ ފުރާނަ ގުރުބާންކުރި ބަތޮލުންނެވެ. އެންމެ ފަހުނޭވަޔާ ހަމައަށްވެސް އެބޭފުޅުންދިޔައީ އެބޭފުޅުންގެ މޮޓޯކަމުގައިވާ ގައުމައްޓަކައި އައްޑަނައަކަށް އެބޭފުޅުންގެމޭ ދިއްކުރަމުންނެވެ. އެންމެ ފަހަރަކުވެސް ފަސްޖެހުމެއްނެތިއެވެ. އަޒުމުގައި ވަރުގަދައަށް ދެމި ތިބެމުންނެވެ.

އެއަޒުމުގައި މިއަދު ތިބީ ދިވެހިންގެ ތެރެއިން ކިތައްމީހުންތޯއެވެ؟ އެބޭފުޅުން ދިވެހި ޖީލައް އެހޯދައިދިން މިނިވަންކަން ދަމަހައްޓަން މަސައްކަތްކުރަނީ ކިތައް ދިވެހިންތޯއެވެ ؟ އާދެ ! ދިވެހިންގެ ތެރޭގައި މިއަދަކު އެރޫހެއްނެތެވެ. ގައުމއަށްޓަކައި އައްޑަނައެއްގެ ގޮތުގައި ދިއްކޮށްލާނެ މެއެއްނެތެވެ. ގައުމައްޓަކައި ފިދާވާނެ ހަމަ އެކަކުވެސް ނެތެވެ. ނަމަވެސް މިއަދު ގައުމާ ދެކޮޅައް ނިކުންނާނެ މީހުންދަނީ 1000 ހުން އިތުރުވަމުންނެވެ. ފިތުނަ ފަސާދަވެރިން ގިނަވަމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ނަޒަރު ހިންގާލި ނަމަވެސް ފެންނަނީ އަމިއްލަ އެދުމުން ފޯވެފައިވާ ހިތްތަކެކެވެ. ގިނަ ގައުމުތަކަށް ސިކުޑީގެބާރުގެ ބޭނުންކޮށްގެން އަޅުވެތި ކުރަމުންނެވެ. މީހުންގެ ހައްގުތައް ފޭރެމުންނެވެ. އެއްބަޔަކު މުއްސަދި ކަމުގެތެރޭގައި ހުދުހޭއިރު އެގައުމުގެ އަނެއްބަޔަކުދަނީ ފަގީރުކަމުގެ ތެރޭގައި ފަތަމުންނެވެ. މިފަދަ ގައުމުތައް އާލާކޮށް ދިރުވަންތިބީ ވެސް ހަމަ ކޮންބައެއްތޯއެވެ.؟ މިއީ މިއަދުގެ ދުނިޔޭގައި ކޮންމެ ގައުމަކާމެދު ކުރެވިފައިވާ ސުވާލެކެވެ. މިސުވާލްގެ ޖަވާބު ދޭންތިބީ އެގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ކޮންމެ މީހަކުވެސް ދެކެންވި އެމީހެއްގެ މޮޓޯއެއް ނުވަތަ އަޒުމެއްކަމުގައި އެމީހެއްގެމޭ ގައުމައްޓަކައި އައްޑަނައަކަށް ދޫކޮށްލުމެވެ. އަދި އެންމެ ފަހުނޭވަޔާ ޖެހެންދެންވެސް މިކަންތައް ހިޔާރުކުރާށެވެ. އަޅުގަޑުމެން ކޮންމެ ދިވެއްސަކީވެސް މި ޚިޔާރުގައި ދެމިތިބޭ ބައެއްކަމުގައި ލައްވާށި ! އާމީން.

September 13, 2009

ޤައުމުދެކެ ލޯބިވާށެވެ.



އަޅުގަނޑުމެން އެ ތަނެއްގައި ދިރިތިބުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ކޮންމެ ނަޒަރަކުން ބެލިނަމަވެސް ވަރަށްވެސް ހިތްފަސޭހަ ތަނެކެވެ. އެހެންނަމަވެސް ދިވެހީންގެ ޤައުމިއްޔަތާމެދު މިއަދު ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ. މިއީ އެކަމަށް ވަރަށް މުނާސަބު ދަނޑިވަޅެކެވެ. އެހެނީ މިހާރު ގުނެމުން މިދަނީ ބަރާކާތްތެރި ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތަކެވެ. އެދުވަސް ވަރެއްގައި ބަރަކާއްލެއްވިގެންވާ ލައެލަތުންގަދުރިވިލޭރޭ ހިމެނޭނެކަމައް ބައެއްއިލްމުވެރިން ވިދާޅުވަމުން ގެންދަވައެވެ. އަދި އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އަހަރެވެ.
2- ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޛު މަޢުމޫނު އަބްދުލް ޤައްޔޫމް ދިވެހި ޤައުމާ މުޙާތަބު ކުރައްވާ މިދިޔަ އަހަރުގެ ޤައުމީ ދުވަހު ދެއްކެވި ވާހަކަފުޅަށް ވިސްނާލަމާތޯއެވެ. އެ މަނިކުފާނު ވިދާޅުވިއެވެ. '' ޤައުމީ ދުވަހަކީ ޤައުމިއްޔާތުގެ ބިންގާތައް ރައްކާތެރިކޮށް ހަރުދަނާކުރުމުގެ އަޒުމު އާކުރަންވީ ދުވަހެކެވެ. އެހެނީ ޤައުމުގެ ބާއްޖަވެރިކަމާ ޤައުމިއްޔާތު ދިރުވުމާވަނީ ވަރަށް ބޮޑަށް ލާމެހި ގުޅިފައެވެ. އަދި މިނިވަން ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމި ތިބެވޭނީވެސް އަދި އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުން ޙާސިލް ކުރެވޭނީވެސް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮއްގެންކަން ކަށަވަރެވެ." މި ރޮނގުން ވާހަކަފުޅު ދައްކަވަމުން އެންމެ ޙާއްޞަގޮތެއްގައި ފާހަގަ ކުރެއްވީ އަޅުގަނޑުމެންގެ ދީނުގެ ބިންގާ ގުޑުވާލުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ.
3- މިއަދު ދުނިޔޭގައި ހިނގާ އިސްތިޢުމާރީ ވަރުގަދަ ބާރަކީ ފިކުރީގޮތުން އެހެންމީހުންގެ ވިސްނުމާއި ޒަމާނުއްސުރެ ގެންގުޅެމުން އައިސްފައިވާ ގޮތްތައް ބަދަލުކުރުމުގެ ބާރެވެ. މި ބާރުގެ ސަބަބުން ބަދަލުވެގެން ދަނީ ދީނެވެ. ހަލާކުވެގެން ދަނީ އާދަކާދައެވެ. މިއީ އަޅުވެތިކަމުގެ ނުރައްކާތެރި ބާރެވެ.
4- ޤައުމިއްޔަތުގެ ބިންގާތައް ވަރުގަދަކުރަން ޖެހެނީ ޤައުމުގެ މިނިވަންކަމާއި އަފުރާދުން މިނިވަންކަމާއި އިޤުތިޞާދީ ކުރިއެރުން ރައްކާތެރިކޮށް ޙިމާޔަތްކުރުމަށެވެ. ބޭރުގެ ނުފޫޒުތަކަށް ހެއްލި މީހުންގެ ވާހަކަތަކަށް އެބުރި، ދީން ބަދަލުކުރުމަށް ޖެހިލުން ނުވާނަމަ ބޭރުބައެއްގެ އަތްމައްޗަށް ރާއްޖެ ދޫކޮށްލުމަށް ޖެހިލުން ވާނެކަމަށް ޤަބޫލުކުރެވީދާނެ ތޯއެވެ؟ އެފަދަ ދުވަހެއް އަތުވެއްޖެނަމަ އެތަކެއް ހާސް އަހަރުންސުރެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި މިނިވަންކަމާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ވެއްޔާ މޮޑެވިގެން ދިޔައީއެވެ. މި ސަބަބަށްޓަކާއި ޤައިމީ ދުވަހު ވަރަށްވެސް ޙާއްޞަ އިލްތިމާސެއް ކުރިގެރައީސުލް ޖުމުހުރިއްޔާ ކުރެއްވެވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ.
5- '' ދިވެހި މުޖުތަމަޢުގައި މިހާރު އުފެދިފައިވާ ދީނީ ހޭލުންތެރިކަމާއި ދީނަށްއޮތް ލޯބި އަދިވެސް އިތުރުކުރަން ޖެހިފާވާކަން މިއަދު މިވަނީ ހާމަވެފައެވެ. މި ކަމުގައި ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެއްސަކުމެ އަތުކުރި އޮޅާލުމަށް މިއަދު އަޅުގަނޑު ގޮވާލަމެވެ. ދީނީ ތަޢުލީމު ޙާޞިލް ކުރައްވާފައިވާ ބޭފުޅުންނާއި މައިންބަފައިންނާއި މުދައްރިސުންނާއި އާއިލާތަކާއި މުޅިމުޖުތަމަޢު މި ކަމުގައި ޙާއްޞަ މަސައްކަތްތަކެއް ފެށުމަށް މިއަދު އަޅުގަނޑު ގޮވާލަމެވެ. ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދޭ ވަރުގަދަ ރޫހެކެވެ. ރާއްޖޭގެ އަމަން އަމާންކަމާއި ސިޔާސީ އަދި އިޖުތިމާޢީ ހަމަޖެހުމުގެ އެންމެ ބޮޑުބާރެވެ. ދިވެހީންގެ ކެރުމާއި ހިތްވަރާއި ޖިހާދުގެ ދެމިހުންނަނިވި އަސްލެވެ.''
6- ދިވެހި ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން އޮތީ ޤައުމުގެ ވެރީން ދައްކަވާމަގުން ހިނގުމުގައެވެ. ކެރިގެންނެވެ. އަޒުމާއެކުގައެވެ. ހިތްވަރު ހުރެގެންނެވެ. އެގޮތަށް މަސައްކަތްނުކޮށް ރާއްޖެ ކަހަލަ ވަޞީލަތްތަކާއި ދިފާއި ބާރުތައް ކުޑަތަނަކަށް ރައްކާތެރިކަމެއްނެތެވ

September 9, 2009

ހޮޅިން






ހިޖުރައިން 1166ވަނަ އަހަރު ޖުމާދަލް އާޙިރާ މަހު ތިނެއްވީ އާދިއްތަ ވިލޭރޭ ތިނެއްޖެހުމާއެކު މުނާޖާ ގޮވުމުން،ހޮޅިންގެ ސިފައިން ކަނައްކަފޫޅު ބައިންދާފައި ނިދައްޖެއެވެ. އެވަގުތު ހިތްވަރުގަދަ ހަސަންތަކުރުފާނު ޒުވާން ޕާޓީ ދުއިސައްތައެއްހައި މީހުން ގޮވައިގެން ވެޔޮދޮށު ގަނޑުވަރަށް ހަތިޔާރު ހިފައިގެން ވަނީއެވެ.
ކަނޑި ހިފައިގެން އަށީގޭގައި އިން ކަނައްކަފޫޅު ގައިގައި ފުރަތަމަ ހިފައިގެންނެވީ، ޒުވާން ދޮންހަސަންމަނިކުފަނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ބަލިކޮށްލައްވައި އޭނާ އަތުން ކަނޑިއަތުލެއްވިއެވެ. އެވަގުތު އަޑުފައްގަދަވެ ހަނގުރާމަ ފެށުނީއެވެ. ހޮޅިންވެސް ރުޅިވެރިކަމާއެކު ދިމާކޮއްލީއެވެ. އެކަމަކު އިސާހިތަކު ބަލިވެއްޖެއެވެ. އެދުވަހު އިރު އެރިއިރު މަރުނުވެ ހޮޅިއަކުވަނީނަމަ އެމީހަކުވަނީ ބަދެހައްޔަރު ކޮށްފައެވެ.
ކޮންމެއަކަސް މާތްރަސްކަލާންގެ އިރާދަފުޅުން ހުރާގޭ މުހަންމަދު ފާމުދޭރި މަނިކުފާނުގެ ދަރިކަލުން،ހަސަން މަނިކުފާނުގެ ހިތްމަތާއި މިންނަތުން، ހިތްވަރާއި ފަންވަރުން ދިވެހިރާއްޖޭގެ ވެރިކަން އަނެއްކާވެސް ދިވެހިންނަށް ލިބުނީއެވެ.
ހޮޅިންނަށް ރާއްޖޭގެ ވެރިކަން ކުރެވުނީ 3 މަހާއި 20 ދުވަހުއެވެ. އެހިނދު މާލޭގައި ތިއްބެވި
ބޮޑުންނާއި ޢިލްމުވެރިން ރަސްކަމަށް ލާނޭ މީހަކާމެދު މަޝްވަރާކޮށް ހަސަން މަނިކުފާނު ފިޔަވާއި، އެހެން ބޭފުޅަކު ނުފެންނާތީވެ، ވިހިހާސް ލާރިހިފައިގެން އައިސް ވެދުންކޮށް ރަސްކަމަށް އިސްވެވަޑައިގަތުމަށް ދެންނެވިއެވެ. އެމަނިކުފާނު މާފުއެދިވަޑައިގަތުމާއެކު ވިދާޅުވިއެވެ. އަހަރެމެންގެ ރަސްގެފާނުގެ ޙަބަރެއްވަންދެން އެރަސްގެފާނަށް ތާނިޔާ ކިޔައި ސިއްކަފުޅު ހިންގަން ތިޔަ ބޭކަލުން ޤަބޫލުވެއްޖެނަމަ ހަވަރަށް ހަމައަށް ތިޔަލާރިތައް ބަހައިދޭށެވެ. އަހަރެން ރަސްކަމަށް އިސްނުވިޔަކަސް މިތަން ހިންގާދީފާނަމެވެ.
އެބޭކަލުން މިގޮތް ގަބޫލުކުރެއްވުމަށްފަހު ހަސަންމަނިކުފާނު ދިވެހިރާއްޖެ ހިންގެވީ، އިބުރާހީމް ރަސްގެފާނުގެ އާމިނާ ކަނބާފާނާ ވެރިކަން ހަވާލުކުރައްވައިގެންނެވެ. މިބުނި އާމިނާ ކަނބާފާނިގެ ގަނޑުވަރުހުރީ މިހާރު'' މާބަގީޗާގެ'' އެހުރި ތާނގައެވެ.
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino