Showing posts with label ޚަބަރު. Show all posts
Showing posts with label ޚަބަރު. Show all posts

August 20, 2010

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ އެއްވިސްނުންފުޅަކީ، އެރަށަކީ ގާތުގައި އޮތް ބޮޑު ރަށެއް ކަމުގައިވިޔަސް

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ އެއްވިސްނުންފުޅަކީ، އެރަށަކީ ގާތުގައި އޮތް ބޮޑު ރަށެއް ކަމުގައިވިޔަސް، އަދި ކުޑަރަށެއް ކަމުގައިވިޔަސް، ގާތުގައި އޮންނަ ރަށަކާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ އެއްވިސްނުންފުޅަކީ، އެރަށަކީ ގާތުގައި އޮތް ބޮޑު ރަށެއް ކަމުގައިވިޔަސް، އަދި ކުޑަރަށެއް ކަމުގައިވިޔަސް، ގާތުގައި އޮންނަ ރަށަކާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތަށް ހިންގެން ހުރި ކިތަންމެ ރަށެއް ފެންނަން އެބަހުރި ކަމަށާއި، އެގޮތަށް ހަމަޖެއްސިއްޖެނަމަ، އޭގެ ސަބަބުން ކިތަންމެ އިޤްތިޞާދީ ފައިދާއެއް އަދި އިޖްތިމާޢީ ކުރިއެރުންތަކެއް ލިބުމުގެ ފުރްޞަތު މާބޮޑަށް ފަހިވެގެންދާނެ ކަމަށް ސަރުކާރަން ލަފާކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިމަސައްކަތް ސަރުކާރުން ހިންގަވަން ބޭނުންފުޅުވަނީ، ވީހާވެސް ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރައްވައިގެން ކަމަށް ވިދާޅުވެ، އެކަމުގެ މަޝްވަރާތައް މިހާރު ފެށިގެންދާކަން ހާމަކުރެއްވިއެވެ. މިގޮތުން، ވަޒީރުންގެ މަޖިލީހުގަޔާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލްގައި މިމަޝްވަރާތައް ކުރައްވައިފި ކަމަށާއި، އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއި، މިކަމުގެ ޚާއްޞަ މުޝީރުންނާވެސް ވާހަކަފުޅު ދައްކަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ބާއްވާ ލޯކަލް ގަވަރންމަންޓް އިންތިޚާބަށް ބައްލަވައިލައްވަމުން، އެ އިންތިޚާބުގެ އެންމެބޮޑު އެއްމަޤްޞަދަކީ، ކަތީބުން އިންތިޚާބު ކުރުމަށް ވަކާލާތު ކުރަމުން ގެންދިޔަ ގެންދިޔުން ޙަޤީޤަތަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ. ކައުންސިލަރުން ތިއްބަވާއިރު، ކަތީބުންނަކީ އިދާރީ އޮނިގަނޑުގެ ތެރޭގައި ފަހުން އައިސް ހިމެނޭނެ މަގާމެއްތޯ ނުވަތަ ނޫންތޯ ބަލަން އެބަޖެހޭ ކަމަށާއި، މިއީވެސް އިތުރަށް މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތައް އިންތިޚާބު ކުރުމާއެކު، އިތުރު މަސައްކަތްތައް ހިންގަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރަށުއޮފީހުގެ މަސައްކަތްތައް ރޭވުންވެސް މީގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އާބާދީއާ ގުޅުވައިގެން، ބޮޑުވެ ކުޑަވާ އެއްމިންގަނޑަކަށް އޮންނަ އޮނިގަނޑުތަކެއް މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ގަތާލެވެން އެބަޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އެއޮނިގަނޑުތަކާއި ދެން އިންތިޚާބުވާ ކައުންސިލްތަކާ އޮންނަ ގުޅުން ފުރިހަމަ ކުރެވިގެން ނޫނީ އަޅުގަނޑުމެން މި ޙާޞިލު ކުރަން ބޭނުންވާ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ އިންތިޚާބު ބާއްވާއިރު، އިލެކްޝަންސް ކޮމިޝަނާއެކުވެސް ސަރުކާރުން މަޝްވަރާތައް އިތުރަށް ހިންގަވަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށްރަށުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތުގައި ސިވިލް ސަރވިސް ކޮމިޝަނާވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

July 19, 2010

ކޮބާ ދިޔައީ

އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފި
ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ޑޮކްޓަރ ބޯލްޑްވިން ސްޕެންސަރ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ބޮޑުވަޒީރު ސްޕެންސަރގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ ބައްދަލުކުރައްވައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުންނާއި، ދެ ޤައުމުގެ ގުޅުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި، މިމަހުގެ 17ން 18އަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވި ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވައި، މިބައްދަލުވުމުގެ މަޝްވަރާތަކުގައިވެސް ބޮޑުވަޒީރު ސްޕެންސަރ ބައިވެރިވެވަޑައިގެންނެވިއެވެ.


ދިވެހިރާއްޖެއާއި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އުފެދުނީ 25 މާޗް 2002ގައެވެ

July 18, 2010

މަރުވެއްޖެ


މެލޭޝިއާގައި އިމާރާތަކުން ވެއްޓި ދިވެހި އަންހެނަކު މަރުވެއްޖެ
މެލޭޝިއާގެ ދަމަންސަރާ ޑިސްޓްރިކްޓްގެ އިމާރާތެއްގެ މަތީ ބުރިއަކުން ދިވެހި އަންހެނަކު ވެއްޓި މަރުވެއްޖެއެވެ.

އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާއަކީ މެލޭޝިއާގައި ކިޔަވަންހުރި ދިވެހެއްގެ އަންހެނުންނެވެ.

މިކަން މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުންވެސް ވަނީ އެމްއެލްއަށް ޔަގީންކޮށްދީފައެވެ

July 11, 2010

  1. ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން، ސަރުކާރުގެ ތަންފީޒީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ސަރުކާރުގެ ތަންފީޒީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިބިލް ތަޞްދީޤު ނުކުރައްވައި، އިއްޔެ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާތީ، މިބިލް މަޖިލީހަށް ފޮނުއްވި ސަބަބުތައް ހާމަކުރައްވައި، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިނިވަން މުއައްސަސާތަކަށް މީހުން ހޯދުމާއި، އެމީހުންގެ ކިބައިގައި އެކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރިތޯ ބެލުމަކީ، ދައުލަތުގެ ތަންފީޒީ ބާރުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރަކަށްވާންވާނީ، ސަރުކާރުން އެކަން ކުރައްވާފައިވަނީ ރަނގަޅަށްތޯ ބައްލަވައި، ފާރަވެރިވެ، މަޖިލީހަށް ސަރުކާރުން އެނަންތައް ހުށަހެޅުއްވުމުން، އެނަންތައް ފާސްކުރެއްވުން ނުވަތަ ނުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ "ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން" މި ޢިބާރާތަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ކަމުގައި ފާސްކުރާނީ، ދައުލަތުގެ ވެރިޔާ ހުށަހަޅާ ނަންތަކެއްކަން، މި ޢިބާރާތުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ މަސައްކަތަކީ، ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަމެއް ނޫންކަމާއި، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުމަކީ ދައުލަތުގެ ވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއްކަން، ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުންނާއި އަދި ޢަމަލު ކުރެވިފައިވާ އުޞޫލުތަކުން ސާފުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އިއްޔެ އެމަނިކުފާނު ތަޞްދީޤު ކުރެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލްގެ މުހިންމު ކަމުގެ މައްޗަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެބިލުން ރައްކާތެރިކޮށްދޭ ޙައްޤުތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. މިގޮތުން އެ ޤާނޫނުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ ކޮބައިތޯ ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު މަދުވެގެން -/2000 ރުފިޔާގެ މާލީ ޢިނާޔަތެއް ސަރުކާރުން ދެއްވަން ޖެހިވަޑައިގަންނަވާ ގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކުވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ސަރުކާރުގެ ޚަރަދުގައި ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރެއްވުމުގައި، ރައީސް ރާޖަޕަކްސައާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވިއެވެ. އަދި ރާޖަޕަކްސަގެ މަޝްވަރާއާއި ލަފާފުޅުގެ މަތިން ބައެއް ކަންކަން ހިންގަވަން ފަށްޓަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއި، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު، ސްރީލަންކާގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި، މަޖިލީހުގައި ކަންތައް ގެންދާނެގޮތާ ގުޅޭގޮތުން ޑީ.އާރު.ޕީ.ގެ ތިން މެންބަރުންނާއި، އެމް.ޑީ.ޕީ.ގެ ތިން މެންބަރުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް އެއްބަސްވެފައިވުމާއެކު، އެކޮމިޓީ އެކުލަވާލެވި، އެކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، އެމަޖިލީހަށް ފޮނުއްވުމުގެ ކަންތައް، އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދަވާނެކަންވެސް މިއަދުގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކުރި ސެލެބްރިޓީ ފުޓްބޯޅަ މެޗް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ޓައިނ ހާޓްސް އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމު ކޮށްގެން، ރޭ ގަލޮޅު ދަނޑުގައި ބޭއްވި ސެލެބްރިޓީ ފުޓްބޯޅަ މެޗް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ރޭ، ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ، އަންހެން ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންގެ ޓީމަކާއި، އަންހެން ޕްރެޒެންޓަރުންގެ ޓީމެކެވެ. މި މެޗް، 1 ލަނޑުން 0 ލަނޑުން ކާމިޔާބުކުރީ ޕްރެޒެންޓަރުންގެ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ، ފިރިހެން ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންގެ ޓީމަކާއި، ފިރިހެން ޕްރެޒެންޓަރުންގެ ޓީމެކެވެ. މިމެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

މި ދެމެޗްގެ އިންޓަރވަލް ވަގުތު، ސްކޫލް ކުދިންގެ ބައެއް ޙަރަކާތްތައް ދައްކާލުން އޮތެވެ. އަދި މިއީ ހިތުގެ ބަލި ޖެހިފައިވާ ތުއްތު ކުދިންނަށް އެހީވުމަށް ބޭއްވުނު ޚާއްޞަ އިވެންޓަކަށްވުމާއެކު، ކަމާގުޅޭ ދެލަވައެއްވެސް ހުށަހެޅުން އޮތެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިފްތިތާޙް ކޮށްދެއްވީ، 2009 ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެ

April 17, 2010

އިނގިރޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ "ދި އިންޑިޕެންޑެންޓް"އިން ހޮވާ ގްރީން އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ ހޮވިވަޑައިގެންފި

އިނގިރޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ "ދި އިންޑިޕެންޑެންޓް"އިން ހޮވާ ގްރީން އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ ހޮވިވަޑައިގެންފި
އިނގިރޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ "ދި އިންޑިޕެންޑެންޓް"އިން އަހަރަކު އެއްފަހަރު ހޮވާ ގްރީން އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހޮވިވަޑައިގެންފިއެވެ. ތަފާތު 14 ދާއިރާއަކުންދޭ މިއެވޯޑްގައި ރައީސުލްޖުމްހޫރިއްޔާ ހޮވިވަޑައިގެންފައިވަނީ "އެންމެ ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ސިޔާސީ ލީޑަރު" މި ބައިންނެވެ.

ގްރީން އެވޯޑް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އިޢްލާންކޮށް "ދި އިންޑިޕެންޑެންޓް"ގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާ ލީޑަރުން މަދު ކަމަށާއި، އެހެންނަމަވެސް، މި މަސައްކަތްޕުޅުގައި އެންމެ ކުރީގައި ހުންނެވި ލީޑަރަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުކަން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޯޕަންހޭގަންގައި ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދުނިޔޭގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް "ދި އިންޑިޕެންޑަންޓް"އިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

"ޕޮލިސް ހެލްތީ ލައިފް ސްޓައިލް" ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފިޒިކަލް ޓްރެއިނިންގ ކްލާސް މިއަދު ބާއްވައިފި

"ޕޮލިސް ހެލްތީ ލައިފް ސްޓައިލް" ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފިޒިކަލް ޓްރެއިނިންގ ކްލާސް މިއަދު ބާއްވައިފި

"ޕޮލިސް ހެލްތީ ލައިފް ސްޓައިލް" ޕްރޮގްރާމުގެ ދަށުން ބޭއްވުނު ފުރަތަމަ ފިޒިކަލް ޓްރެއިނިންގ ކްލާސް މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު ޓްރެކް ދަނޑުގައި ބޭއްވި ފިޒިކަލް ޓްރެއިނިންގ ޕްރޮގްރާމްގައި އިންސްޓްރަކްޓަރުން ގޮތުގައި ޙަރަކާތްތެރިވެލެއްވީ ފިޒިކަލް ޓްރެއިނނިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލް ކުރައްވައިގެން ހުންނެވި މިއަދު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފިޒިކަލް ޓްރެއިނިންގ ޙަރަކާތްތަށް ހިންގުމުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ މަޝްހޫރު ޓްރެއިނަރ މުޙައްމަދު ޒިނާންއާއި އޭނާގެ ޓީމެވެ. މިއަދުގެ ކްލާހުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކް ތަކުގެ ގިނަ ޢަދަދެއްގެ ފުލުހުންވަނީ ބައިވެރިވެފައެވެ.

މިއަހަރު ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި މިއޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފުލުހުންނަށް އަމާޒުކޮށްގެން އިފްތިތާޙު ކުރެވިފައިވާ "ޕޮލިސް ހެލްތީ ލައިފް ސްޓައިލް" ޕްރޮގްރާމުގެ މަޤްޞަދަކީ ފުލުހުންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ދެމި ތިބޭ ބަޔަކަށް ހެދުމެވެ. މިޕްރޮގްރާމުގެ ދަށުން އެނުއަލް ހެލްތު ސްކްރީންކުރުމާއި، ހެލްތް އެވެއާރނަސް ޕްރޮގްރާމްތައް ރާވާ ހިންގުމުގެ އިތުރުން ކޮންމެ މަހަކު އެއްފަހަރު ފިޒިކަލް ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

"ޕޮލިސް ހެލްތީ ލައިފް ސްޓައިލް" ޕްރޮގްރާމުގެ ދަށުން މިމަހު 14 ވަނަ ދުވަހު ވަނީ ޑައިބެޓިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެންވެސް ޙަރަކާތްތަކެއް ހިންގާފައެވެ. ފުލުހުންގެ މައިމަރުކަޒުގައި ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ އެޕްރޮގްރާމުގައި ލޭ ޓެސްޓް ކުރިމާއި ހަށިގަނޑުގައި ސަރުބީ އަދި ހަކުރުބަލީގެ މިންވަރު ހުރިވަރު ބެލިފައިވެއެވެ. ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވި އެޕްރޮގްރާމުގައި ޞިއްޙަތާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއްވެސް ވަނީ ފޯރުކޮށްދެވިފައެވެ.

April 15, 2010

ސީ.އެފް.އެސް. މަސައްކަތު ބައްދަލުވުމެއް މަތިއުތުރު ޕްރޮވިންސްގައި ފެށިއްޖެ

ސީ.އެފް.އެސް. މަސައްކަތު ބައްދަލުވުމެއް މަތިއުތުރު ޕްރޮވިންސްގައި ފެށިއްޖެ
15 އޭޕްރީލް 2010
ސީ.އެފް.އެސް. މަސައްކަތު ބައްދަލުވުމެއް މަތިއުތުރު ޕްރޮވިންސްގެ ލީޑިންގ ޓީޗަރުންނަށް ފެށިގެން ކުރިއަށް އެބަދެއެވެ. ޕްރޮވިންސްގެ ހުރިހާ ސްކޫލްތަކަށް ދަޢުވަތުދެވުނު މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 32 ސްކޫލަކުން 35 ބައިވެރިންނެވެ. 11 އެޕްރީލްގައި ފެށުނު މި މަސައްކަތު ބައްދަލުވުން 6 ދުވަހަށް (35 ގަޑިއިރަށް) ކުރިއަށް ދާނެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިއުކޭޝަން އާއި ހއ ޓީ.އާރ.ސީ. އަދި ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަދި މަތިއުތުރު ޕްރޮވިންސް އޮފީހުގެ ތަޢުލީމާއި ބެހޭ ޔުނިޓާއި މަތިއުތުރު ޕްރޮވިންސް އޮފީސް ގުޅިގެން ހިންގޭ މަސައްކަތު ބައްދަލުވުމެކެވެ. ޔުނިސެފްގެ ފަންޑްގެ އެހީގައި ހިންގޭ މި މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވަނީ ސީސީއީގެ ޓީޗަރ އެޑިއުކޭޓަރުންނެވެ.

ހއ ަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ފަރާތުން މި މަސައްކަތު ބައްދަލުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާތީ އެކަން ޝުކުރުވެރިކަމާއިއެކު މި ބައްދަލުވުން ރޭއްވެވި ފަރާތްތަކުން ފާހަގަ ކުރައްވައެވެ.

April 8, 2010

މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފި

މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފި

"މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ހަމަޖެއްސެވީ، މައްޗަންގޮޅީ ރަށްދެބައިގޭ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ތިލަދުންމަތީ އުތުރުބުރީ ކެލާ އިރުދޭމާގޭ ޒުބައިރު މުޙަންމަދާއި، ގަލޮޅު މިރާން މަރިޔަމް ރަޝީދާ އާއި، ގަލޮޅު ނާރެހި މަރިޔަމް ސުޒާނާ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 1373 އިބްރާހީމް ޒާހިރާއި، ގަލޮޅު ޓިނުޖެހިގޭ އިބްރާހީމް ޝަހީމާއި، މާފަންނު ހުވަނދުގަނދަކޯޅިގޭ ޠާހާ މުޙަންމަދެވެ.

April 6, 2010

ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް މިމަހު ރާއްޖެ ވަޑައިގަންނަވާނެ

ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް މިމަހު ރާއްޖެ ވަޑައިގަންނަވާނެ


އަބްދުއްލަތީފް

ދުނިޔެއަށް އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެތެރޭގައި ހިމެނިވަޑައިގަންނަވާ، ޕީސް ޓީވީ އިން އަޅުގަނޑުމެންނާއި “އެންމެ ރައްޓެހި، އެންމެ މަޤްބޫލް” ފަޟީލަތުއްޝައިޚު ޒާކިރު ނައިކް އާއި އޭނާގެ ޢާއިލާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދުނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ނާއިބު އައްޝައިޚު މުޙައްމަދު ފަރޫޤް ވިދާޅުވީ ފަޟީލަތުއްޝައިޚު ޒާކިރު ނައިކް ރާއްޖެވަޑައިގަތުމަށް އެމިނިސްޓްރީ އިން ދެއްވާފައިވާ ދައުވަތު ޤަބޫލުފުޅުކުރައްވައި މިމަހު 28 އާއި 30 އާއި ދެމެދު ރާއްޖެވަޑައިގެން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިކަށެވެ.

” ޒާކިރު ނައިކް ވަޑައިގަންނަވާނީ އެބޭފުޅާގެ ޢާއިލާއާއިވެސް އެކުގައި. ޒާކިރު ނައިކް ތަޤްރީރު ކުރެއްވުމުގެ އިތުރުން އަނބިކަނބަލުން އަންހެނުންނަށް ޚާއްޞަ ތަޤްރީރެއް ދެއްވާނެ. އަދި ދަރިކަލުންވެސް ތަޤްރީރު ކުރައްވާނެ.” ކަމަށް ޝައިޚު ފާރޫޤް ވިދާޅުވިއެވެ.

މިދަރުސްތަކަށްފަހު ބައިވެރިން ކުރަން ބޭނުން ސުވާލުކުރުމުގެ ފުރުޞަތު ދެއްވާނެކަމަށްވެސް ޝައިޚު ފާރޫޤް ވިދާޅުވިއެވެ.

ޒާކިރު ނައިކް އަކީ ހިލޭ ސާބަހަށް ހިންގާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ފައުންޑަރ އަދި ޕްރެޒިޑެންޓް އެވެ. އިސްލާމް ދީނުގެ ހިދާޔަތު ފެތުރުމުގައި އެންމެ ފުރިހަމަކަމާއިއެކު މަސައްކަތްކުރަމުންގެންދާ މުމްބާއީގެ ޓީވީ ޗެނެލެއްކަމަށްވާ ޕީސް ޓީވީ ޗެނެލަކީ އެ ޖަމާއަތުން ހިންގާ ޗެނެލެކެވެ. މި ޗެނެލްގެ އެންމެ މަޤބޫލު ޕްރެޒެންޓަރގެ އިތުރުން ޒާކިރް ނައިކް އަކީ އެންމެ ގިނަ ތަޤްރީރުކުރައްވާ ޢިލްމުވެރިޔާއެވެ.

ފަޟީލަތުއްޝައިޚު ޒާކިރު ނައިކްއަކީ މިވަގުތު ދުނިޔޭގައި ތިއްބެވި ދީނީ އިލްމުވެރިންގެތެރެއިން އެންމެ ގިނަ ބައެއްގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިވަޑައިގެންފައިވާ އިލްމުވެރިޔާކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

ފަޟީލަތުއްޝައިޚު ޒާކިރު ނައިކް ރާއްޖެ ގެންނެވުމުގެ މަސައްކަތަކީ މިދިއަ އަހަރުންފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ކުރައްވަމުންގެންދަވާ މަސައްކަތްތަކެކެވެ. ހަތަރު ހަރަމްފުޅުގެ އިމާމުން ރާއްޖެގެންނެވުމުގެ މަސައްކަތްވެސް އެމިނިސްޓްރީ އިން ގެންދަވަނީ ކުރައްވަމުންނެވެ.

ކ. އަތޮޅު ޓީ. އާރ. ސީގައި އިންފޮމޭޝަން ކޮމިޔުކޭޝަން ޓެކްނޮލޮޖީ ވާރކްޝޮޕެއް ފެށިގެން ކުރިއަށް އެބަދޭ

ކ. އަތޮޅު ޓީ. އާރ. ސީގައި އިންފޮމޭޝަން ކޮމިޔުކޭޝަން ޓެކްނޮލޮޖީ ވާރކްޝޮޕެއް ފެށިގެން ކުރިއަށް އެބަދޭ
06 އޭޕްރީލް 2010
ޭރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމުކުރައްވާފައިވާ ޓީ. އާރް. ސީ ތަކުގެ ކޯޑިނޭޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ޓީޗަރ އެޑިޔުކޭޓަރުންނަށް ހިންގާ ކިޔަވައިދިނުމުގައި އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި. ސީ. ޓީ) ބޭނުންކުރާނޭގޮތުގެ މަޢުލޫމާތު ދީ އަހުލުވެރިކުރުމަށް ބާއްވާ 8 ދުވަހުގެ މަސައްކަތަށްވުމެއް ކ. ޓީ އާރ ސީގައި މާރޗް މަހުގެ 28ވަނަ ދުވަހުންފެށިގެން ކުރިއަށް އެބަދެއެވެ. މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދީފައިވަނީ ތަފާތު ސޮފްޓްވެއަރތައް ބޭނުންކޮށްގެން ކްލާސް ރޫމްގައި ތަންފީޒު ކުރެވިދާނޭ އިންޓަރެކްޓިވް ފިލާވަޅުތައް އުފައްދާ ބޭނުންކުރުމުގެ ގޮތްތަކެވެ.

މީގެ އިތުރުން ޓީ. އާރ. ސީތަކުގައި މިހާތަނަށް އައި. ސީ. ޓީ. ބޭނުން ކޮށްގެން ކުރައްވާފައިވާ ކާމިޔާބު ތަޖުރިބާތައް ހިއްސާ ކުރުން އޮތެެވެ.

ޔުނިސެފްގެ އެހީގެ ދަށުން ކުރިއަށް ގެންދެވޭ މި މަސައްކަތު ބައްދަލުވުމުގެ ސެޝަނެއްގައި ޔުނިސެފްގެ އެޑިއުކޭޝަން ސްޕެޝަލިސްޓް އަލްފާޟިލާ އަމީނާ މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވަނީ މިކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ޓީޗަރ އެޑިޔުކޭޓަރ އަލްފާޟިލް މުޙައްމަދު ޢަލީމެވެ.

April 2, 2010

ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެހީދޭ ދައުލަތްތައް ފިޔަވައި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށ

ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެހީދޭ ދައުލަތްތައް ފިޔަވައި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ ޢަދަދުގެ ޖުމްލަ އެއްހާސް މިލިއަން ޑޮލަރަށްވުރެ ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި. މި ސަރުކާރުގެ ސިޔާސަތަކީ، ކުޅިވަރަކީ ހަމައެކަނި ސަރުކާރުން ހިންގަވަންވީ ކަމަކަށް ނުހެއްދެވުން ކަމަށާއި، ކުޅިވަރަކީ މުޖްތަމަޢާއި ރައްޔިތުންގެ ޙިއްޞާއާއެކު ހިންގާ ޙަރަކާތަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެހީދޭ ދައުލަތްތައް ފިޔަވައި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ ޢަދަދުގެ ޖުމްލަ އެއްހާސް މިލިއަން ޑޮލަރަށްވުރެ ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ލިބެންހުރި އިންވެސްޓްމަންޓްތަކާއި، އެކަމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގައި ބޭއްވުނު ޑޯނަރ ކޮންފަރެންސަށް ބައްލަވައިލައްވަމުން، ތިންއަހަރު ދުވަހުގެ ތެރޭގައި، ޖުމްލަ ތިންސަތޭކަ ތޭރަ މިލިއަން އެމެރިކާ ޑޮލަރު، އެކިޤައުމުތަކުންނާއި، ޖަމްޢިއްޔާތަކުންނާއި، އެކިފަރާތްތަކުން ރާއްޖެއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވަނީ ލިބިވަޑައިގެންފައި ކަމަށާއި، މިކަމުން އެނގެނީ، ޤައުމުތަކުންނާއި އެކިއެކި ޖަމާޢަތްތަކުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރާއި، އެބޭފުޅުން މި ސަރުކާރާ އެކީގައި ތިއްބެވި ކަމުގެ ފުރިހަމަ ހެކި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ތިންސަތޭކަ އެތައް މިލިއަނެއްގެ ހިލޭ ފައިސާއަކީ ނުވަތަ ލޯނު އެހީ ފައިސާއަކީ ރާއްޖޭގެ ހިންގުމުގެ ނުވަތަ ބަޖެޓަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރަށް ދެއްވުމަށް އެފަރާތްތަކުން އެއްބަސްވެވަޑައިގެންފައިވާ ފައިސާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ތިން އަހަރު ދުވަހުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެއްވޭ އިންވެސްޓްމަންޓްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަންޖެހޭ ތަރައްޤީ އެއީ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަޝްރޫޢަށް ގާތްގަނޑަކަށް ތިންސަތޭކަ މިލިއަން ޑޮލަރު ޚަރަދު ކުރެވޭނެކަން ހާމަކުރައްވަމުން، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމުގެ މަސައްކަތުގައިވެސް ތިންސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އަންނާނެ ކަމުގައި ވިދާޅުވިއެވެ. ގަން އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ޕްރައިވެޓް ޕާޓީއަކުން ގާތްގަނޑަކަށް ސާޅީސް މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ތިލަފުށީގައި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމު ކުރުމަށް ވާރލްޑް ބޭންކްގެ އައި.އެފް.ސީ.އާ އެކީގައި ބީލަމުގެ ޕްރޮސެސްއެއް ފެށިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމަށް އިންވެސްޓް ކުރުމަށް ހަތްދިހަ މިލިއަން ޑޮލަރާ އެކީގައި ރާއްޖެއަށް ބަޔަކު އަންނާނެކަމީ، ސަރުކާރަށް މިހާރު ވަރަށް ބޮޑަށް ޔަޤީންކަމެއް ލިބިވަޑައިގެންފައިވާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެޕޯލޯ ހޮސްޕިޓަލާ އެކީގައި ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން އައި.ޖީ.އެމް.އެޗް ކުރިއެރުވުމުގެ ގޮތުން، އެތަނަށްވެސް މަދުވެގެން ވިހި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރައްވާ ކަމަށާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ހިންގަވާ ޕްރޮޖެކްޓްގެ ތެރެއަށްވެސް ފަންސާސް މިލިއަން ޑޮލަރު ވަދެގެންދާނެ ކަމަށް ލަފާކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ފަށްޓަވަން ޤަޞްދު ކުރައްވާފައިވާ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢަށްވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް ރާއްޖެއަށް ފައިސާ ވަދެގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިޢަދަދުތައް އެއްކޮށްލުމުން، ޖުމްލަ އެއްހާސް މިލިއަން ޑޮލަރަށްވުރެ ބޮޑުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް މިއަހަރުގެ ފަހުކޮޅު ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އަދި މިއަހަރުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުންނާއި، ޕަބްލިކް ސެކްޓަރުންނާއި ސަރުކާރުންވެސް ދިވެހި އިޤްތިޞާދުގެ ތެރޭގައި އިތުރު އިންވެސްޓްމަންޓްތައް ކުރަން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަން ޤަޞްދު ކުރައްވާ ބައެއް ކަންތައްތައް ހާމަކުރެއްވިއެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ރީ-ސްޓްރަކްޗަރ ކުރާއިރު، ރާއްޖޭގެ ކުޅިވަރު ޖަމްޢިއްޔާތައްވެސް ހިނގަމުންދާންވާނީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވިއެވެ. އަދި އުފެދެމުން އަންނަ ޓްރާންސްޕޯޓް ނެޓްވަރކަކީ، ކުޅިވަރުގެ ތަރައްޤީއަށް ލިބޭ ވަރަށްވެސް ވަރުގަދަ ވަސީލަތެއްކަން ކުޅިވަރުގެ ހިންގުންތެރިން ގަބޫލު ކުރައްވާނެ ކަމަށާއި، މުސްތަޤްބަލުގައި ކުޅިވަރު މުބާރާތްތައް ބައްޓަންވާނެ ކަމަށް ލަފާކުރެއްވެނީ، މިފަދަ ޙިއްޞާތަކެއްގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބަދަލުތަކާއެކު ކުޅިވަރު ކުޅޭ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަށް ޕްލޭނެއްވެސް ހެދެންޖެހޭނެ ކަމަށާއި، "ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓް"އެއް ޤާއިމު ކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވި އެއްސަބަބަކީ އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ކުޅިވަރަކީ ހަމައެކަނި ސަރުކާރުން ހިންގަވަންވީ ކަމަކަށް ނުހެއްދެވުން ކަމަށާއި، ކުޅިވަރަކީ މުޖްތަމަޢާއި ރައްޔިތުންގެ ޙިއްޞާއާއެކު ހިންގާ ޙަރަކާތަކަށް ހެއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކުގެ ޑިމޮކްރެޓިކް ޑެފިސިޓް ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވާންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އަދި ކުޅިވަރު ކުޅޭ ތަންތަން ޤާއިމު ކުރުމަށް ކުޅިވަރުގެ ފިޒިކަލް އިންފްރާސްޓްރަކްޗަރ ކޯޕަރަޓައިޒް ކޮށްގެން ލިބޭ ފައިދާތައް އޮނިގަނޑެއްގެ ދަށަށް ގެނައުމަކީ، މި އާ މާޙައުލަށް ކުޅިވަރު ދިރުވުމަށް އެޅޭ ރަނގަޅު ފިޔަވަޅުތަކަކަށްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

March 30, 2010

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުން އެދިވަޑައިގެން، ސިންގަޕޫރުގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުއްވައ

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުން އެދިވަޑައިގެން، ސިންގަޕޫރުގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުއްވައިފި
ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުން އެދިވަޑައިގެން، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދަޢުވަތު އަރުއްވައިފިއެވެ. މިދަޢުވަތު އަރުއްވައި، ސިންގަޕޫރުގެ ބޮޑުވަޒީރު ފޮނުއްވި ސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރެއްވީ، ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޗުއާ ޔޮންގ ހައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަފޫރުގެ ރައީސް މިދެއްވި ދަޢުވަތަށްޓަކައި، ސިންގަޕޫރުގެ ރައީސަށް ޝުކުރު އަދާކުރައްވައި، ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަކީ، ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސިންގަފޫރާ ދެޤައުމުގެ ދެމެދުގައި އޮންނަ ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސިންގަޕޫރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ނިމެގެންދިޔަ ޑޯނަރ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މިގޮންޖެހުންތަކާ ކުރިމަތިލެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކަށް ސަފީރު ތަޢުރީފް ކުރެއްވިއެވެ.ސަފީރުގެ ވާހަކަފުޅުގައި، ވިޔަފާރީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އުސޫލަކީ ވަރަށް ރަނގަޅު އުސޫލެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރަކީ ނަމޫނާ ޤައުމެއްގރ ގޮތުގައި ރާއްޖެ ދެކޭ ޤައުމެއް ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ ވަރަށް ބޮޑު ބައިވެރިއެއް ކަމުގައި ވިދާޅުވިއެވެ. އަދި، ސިންގަޕޫރުގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ކަމަށާއި، މި އިންވެސްޓްމަންޓް އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމަށް ސިންގަޕޫރުގެ އިންވެސްޓަރުން މަސައްކަތް ކުރައްވާނަމަ އެކަމަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ފެނުގައި މަސް ދިރުވާ އާލާކުރުމުގެ ދާއިރާއަކީ އިންވެސްޓްކުރެވިދާނެ ވަރަށް ރަނގަޅު ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިންސާނިއްޔަތަށްޓަކައި ފުލުހުން ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް މޯލްޑިވިއަން ބްލަޑް ޑޯނަރސްއިން ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވަ

އިންސާނިއްޔަތަށްޓަކައި ފުލުހުން ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް މޯލްޑިވިއަން ބްލަޑް ޑޯނަރސްއިން ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވައިފި

އިންސާނީ ޚިދުމަތުގައި ފުލުހުން ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ބްލަޑް ޑޯނަރސްއިން ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ. މިއަދު ހެނދުނު ފުލުހުންގެ މައިމަރުކަޒުގައި ބޭއްވި ބައްދަލުކޮށްލެއްވުމެއްގައި ފުލުހުންނަށް މިފިލާ ހަވާލުކޮށްދެއްވީ އެޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުހައްމަދު ހަމީދުއެވެ. ފުލުހުންގެ ފަރާތުން މިފިލައާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީހްއެވެ. މިބައްދަލުކޮށްލެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުނީރުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް އަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މިބައްދަލުކޮށްލެއްވުމުގައި އެޖަމްޢިއްޔާގެ ރައީސްގެ އިތުރުންވެސް އެޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އިންސާނިއްޔަތަށްޓަކައި ލޭހަދިޔާކުރުމުގައި ފުލުހުން އަދާކުރަމުން ގެންދާ މަތިވެރި ޚިދުމަތް ފާހަގަކުރުމުގެ ގޮތުން އެޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން މިމަހުގެ 27 ވަނަ ދުވަހު ވަނީ ލޭ ހަދިޔާކުރުމުގެ ކޭމްޕެއްވެސް ބާއްވާފައެވެ.

March 28, 2010

ރާއްޖެއަށް އެހީދޭ ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައިފި

ރާއްޖެއަށް އެހީދޭ ބައެއް ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައިފި
ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު ފެށުނު "މޯލްޑިވްސް ޑޯނަރ ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ، ރާއްޖެއަށް އެހީދޭ ބައެއް ޤައުމުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުގެ މަންދޫބުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ކޮންފަރެންސުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކުނިއޯ ޓަކަހާޝީއާއި، ސަޢޫދީ ފަންޑުގެ ކައުންސެލަރ މިސްޓަރ މުޙަންމަދު އެމް. އަލްޣެފީލީއާއި، ކުވައިތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔަޢުޤޫބު އަލްޢަތީޤީއާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން މި ކޮންފަރެންސްގައި ބައިވެރިވެޑައިގަންނަވާ އިސް މަންދޫބު އަދި ޔޫ.އޭ.އީ.ގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މައިތާ އަލްޝަމްސީއާއި، އެމެރިކާގެ އެކްޓިން ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް މިސްޓަރ މައިކަލް އޮވެންސްއާ އަބޫދާބީ ފަންޑްގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުންތަކުގައި، މި ޑޯނަރ ކޮންފަރެންސްގެ މަޤްޞަދާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ މި ބޭފުޅުންނަށް ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ އަދި މާލީ ޙާލަތާބެހޭ ގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންތައްތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވުންތަކުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ޤައުމުތަކުންނާއި، މި ބޭފުޅުން ތަމްސީލު ކުރައްވާ ޖަމާޢަތްތަކުން ރާއްޖޭގެ ތަރައްޤީއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާކުރައްވައި، މުސްތަޤްބަލުގައިވެސް އެ ޤައުމުތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން ރާއްޖޭގެ ތަރައްޤީގެ ހުރިހާ ދާއިރާތަކަކަށް ލިބެމުންދާނެ ކަމުގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ އާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވި ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގައި، ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ސިޔާސަތަށާއި، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސިޔާސަތަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވެ، މި ސިޔާސަތުތަކަށް މަރުޙަބާ ވިދާޅުވިއެވެ.

March 24, 2010

ރައީސުލްޖުމްހޫރިއްޔާ، އޭޝިޔާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒްގެ ޑިރެކްޓަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އޭޝިޔާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒްގެ ޑިރެކްޓަރާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޭޝިޔާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒް (އޭ.ޕީ..ސީ.އެސް.އެސް.)ގެ ޑިރެކްޓަރ، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) އެޑް ސްމިތާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އޭ.ޕީ.ސީ.އެސް.އެސް.ގެ މަސައްކަތްތަކާ ބެހޭގޮތުންނާއި އެތަނުން ހިންގާ ބައެއް ތަމްރީން ޕްރޮގްރާމްތަކާ ބެހޭގޮތުން ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) އެޑް ސްމިތް ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ މިއޮތީ ވަރަށް ޅަފަތުގައި ކަމަށާއި، މިވަގުތަކީ ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ވަގުތެއް ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި އެންމެހާ ރައްޔިތުންގެވެސް ޚިޔާލު ހޯއްދަވައިގެން މިގޮންޖެހުންތަކާ ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

އޭ.ޕީ.ސީ.އެސް.އެސް.ގެ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، އެ ސެންޓަރުގެ ފަރާތުން ރާއްޖެއަށް ތަމްރީނުގެ ވަރަށް ގިނަ ފުރުޞަތުތައް ދެއްވާފައިވާ ކަމަށާއި، މިފުރުސަތުގެ ބޭނުން ދިވެހިން ވަރަށް ރަނގަޅަށް ހިފަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް މިފަދަ ފުރުސަތުތައް ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި، މުޖްތަމަޢުގެ ހުރިހާ ފަރާތްތަކުގެ އަޑުއައްސަވައި އެފަރާތްތަކާވެސް މަޝްވަރާ ކުރެއްވުމަށް ގެންގުޅުއްވާ އުސޫލަކީ، ވަރަށް ރަނގަޅު އުސޫލެއްކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ.

March 20, 2010

ޑޯނަރ ކޮންފަރެންސްގައި ބައިވެރިވުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލުގެ މެންބަރު ޤައުމުތަކަށް ބާރުއަޅުއްވާނެ ކަމަށް އެކައުންސިލުން ހާމަކުރައްވައިފި

ޑޯނަރ ކޮންފަރެންސްގައި ބައިވެރިވުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލުގެ މެންބަރު ޤައުމުތަކަށް ބާރުއަޅުއްވާނެ ކަމަށް އެކައުންސިލުން ހާމަކުރައްވައިފި
މިމާޗް މަހުގެ 28ން29އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސުގައި ބައިވެރިވުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ)ގެ މެންބަރު ޤައުމުތަކަށް ބާރުއަޅުއްވާނެ ކަމުގައި ޖީ.ސީ.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ އިކޮނޮމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ބިން ޢުބައިދު އަލް މަޒްރޯއި ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވއި ވާހަކަފުޅުދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ ރިޔާޒުގައި ހުންނަ ޖީސީސީގެ ހެޑް ކުއާޓަރުގައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ޖަލްސާ، ޑޯނަރ ކޮންފަރެންސާ ބެހޭ މަޢުލޫމާތާއި، ރާއްޖެއަށް އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކާބެހޭ މަޢުލޫމާތު ޑޮކްޓަރ މުޙަންމަދު ބިން އުބައިދު އަލް މަޒްރޯއިއަށް ދެއްވިއެވެ.

ޑޮކްޓަރ މުޙަންމަދު ބިން ޢުބައިދު އަލް މަޒްރޯއި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވޭ މިޖަލްސާގައި ބައިވެރިވުމަށް މެންބަރު ޤައުމުތަކަށް ބާރުއެޅުމުގެ އިތުރުން، ސީދާ ޖީ.ސީ.ސީ.އިންވެސް މިޖަލްސާގައި ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، މިޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ހެދުމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ

March 17, 2010

އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، އަޅުގަނޑުމެންގެ ދިރިހުރުމާއި ރައްކަލަށް އޮތް ހަމައެކަނި އުންމީދު ކަމުގައި މުސްތަޤްބަލުގެ ޖީލުތައް ދެކޭނެ ކަމ

އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، އަޅުގަނޑުމެންގެ ދިރިހުރުމާއި ރައްކަލަށް އޮތް ހަމައެކަނި އުންމީދު ކަމުގައި މުސްތަޤްބަލުގެ ޖީލުތައް ދެކޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، ޤައުމުތަކުގެ މަލަމަތި ހުތުރުކުރާ އެއްޗެހި ކަމުގައި ނުދެކި، އެއީ އަޅުގަނޑުމެންގެ ދިރިހުރުމާއި ރައްކަލަށް އޮތް ހަމައެކަނި އުންމީދު ކަމުގައި މުސްތަޤްބަލުގެ ޖީލުތައް ދެކޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފިނިޝް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް އެފެއާޒުން އިންތިޒާމު ކުރައްވައިގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވެވި ސެމިނާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަކީ މުސްތަޤްބަލުގެ ޓެކްނޮލޮޖީ ކަމަށާއި، މިދާއިރާގައި ކުރިއަރައިގެންދާނެ ޤައުމުތަކަކީ، ތަރައްޤީގެ މަގުގައި ކާމިޔާބު ހޯދާނެ ޤައުމުތައް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން މިހާރު ޤަޞްދު ކޮށްފައިވަނީ، 2020ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، ތަރައްޤީއަށް އޮތް ހުރަހެއް ނޫންކަން އައިސްލެންޑްފަދަ ޤައުމުތަކުން އެނގެން އެބަ ހުރި ކަމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކެކޭ އެއްފަދައިން ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު މަދުކުރަން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ޙަޤީޤަތެއްކަން ސައެންސްގެ ހޯދުންތަކުން އެނގެން އެބައޮތް ކަމަށާއި، އެހެންނަމަވެސް، މި ޙަޤީޤަތްތައް ޤަބޫލު ނުކުރާ މަދުބަޔަކު އެބަތިބި ކަމުގައި ވިދާޅުވިއެވެ. އަދި މިކަމާ ދެކޮޅަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރާ ބަޔަކުވެސް އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކަށް ވަރަށް ނާޒުކު ޤައުމެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެފަދަ ޤައުމުތައް ސަލާމަތް ނުކުރެވިއްޖެނަމަ، މާދަމާ ދުނިޔެ ސަލާމަތް ކުރުމުގެ އުންމީދުވެސް ކުޑަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެ

March 15, 2010

ރައީސުލްޖުމްހޫރިއްޔާ، ސްވިޓްޒަރލޭންޑްގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސްވިޓްޒަރލޭންޑްގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޓްޒަރލޭންޑްގެ ބަރނަށް ވަޑައިގެން އެޤައުމުގެ ނައިބު ރައީސް މިސްޓަރ މޯޓީ ލިއަންބަރގަރއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އިޤްތިޞާދީ ދާއިރާގައި މިހާރުވެސް ދެޤައުމުގެ ގުޅުން ވަރަށް ރަނގަޅު ކަމާއި، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ސްވިޓްޒަރލޭންޑާ ދެޤައުމުގެ ދެމެދުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި، ދެޤައުމަކީވެސް ކުދި ޤައުމު ކަމުގައިވިޔަސް މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުންފަދަ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަރަށް ބޮޑަށް ވަކާލާތުކުރާ ދެޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 16ވަނަ ސަމިޓު ކާމިޔާބު ސަމިޓަކަށް ހެދުމަށް ދެޤައުމު އެކީގައި މަސައްކަތް ކުރުމާބެހޭގޮތުންނާއި، "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް"ގައި ސްވިޓްޒަރލޭންޑްގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުނިނައްތާލުމާބެހޭ މަޝްރޫޢަށް ސްވިޓްޒަރލޭންޑުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ތަރައްޤީގެ މިފަދަ އެހެނިހެން މަޝްރޫޢުތަކަށްވެސް ސްވިޓްޒަރލޭންޑްގެ އެހީތެރިކަން ލިބޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ސްވިޓްޒަރލޭންޑްގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި، ރާއްޖެއާއެކީ މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.

މިސްޓަރ ލިއަންބަރގަރއަކީ ސްވިޓްޒަރލޭންޑްގެ ފެޑެރަލް ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ޓްރާންސްޕޯޓް، އެނަރޖީ އެންޑް ކޮމިއުނިކޭޝަންސްގެ އެންމެ އިސްވެރިޔާވެސްމެއެވެ

March 14, 2010

ރައީސުލްޖުމްހޫރިއްޔާ، އައިސްލެންޑްގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އައިސްލެންޑްގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައިސްލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިސްޓަރ ޔޮން ބާރނަސަނާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އޮސޫރް ސްކާފެއޮއެންސަނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވި މިދެބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އައިސްލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
އައިސްލެންޑްގެ މެރިން ރިސާރޗް އިންސްޓިޓިއުޓްގައި، ފިޝަރީޒް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރެއްވުމަށް އައިސްލެންޑްގެ ތަޖުރިބާއާއި އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އައިސްލެންޑްގެ ފިޝަރީޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މަސްވެރި ކުދި ޤައުމުތަކާއެކު މަސައްކަތް ކުރުމަށް އައިސްލެންޑުން ވަރަށް ޝައުޤުވެރިވާ ކަމަށާއި، މިގޮތުން ދިވެހިރާއްޖެއަކީ މިރޮނގުގެ ވަރަށް ފުރިހަމަ ބައިވެރިއަކަށް ވާނޭކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، މެރިން ރިސަރޗް އިންސްޓިޓިއުޓް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ އިއްޔެ އައިސްލެންޑްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒާވެސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ އިތުރު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ މަސްވެރިކަމުގެ ދާއިރާގައާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި، ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނެވެ.
 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino