Showing posts with label ރިޕޯޓް. Show all posts
Showing posts with label ރިޕޯޓް. Show all posts

May 13, 2010

ލަންދޫ ޕޯސްޓްގެ ބުލޮގްގައި އެބުނާގޮތަށް ކަންކަން ހުރިއިރު ، މިފެންނަ އުފާވެރިކަމާ ތާޒާކަމުގެ ސިއްރަކީ ފަހެކޮބައިބާ




ތެދެކެވެ. މިއީ އެޒަމާނެވެ. އެކަކު ކާން އަނެކަކު ނޭދޭ ޒަމާނެވެ. ފަސްއިގިލި އެއްވަރުވާން އެންމެން އެދޭ ޒަމާނެވެ. ލަންދޫ ހޮޓްނިއުސް އަށްފަހު ލަންދޫ ޕޯސްޓަށްވެސް ޖެހިގެން މިއުޅޭ ބައްޔަކީ ހަމަ މިބައްޔެކެވެ. ސަބަބަކީ ހަމަ އެއްސަބަބެކެވެ. މީހަކަށް ނިޢުމަތެއް ލިބޭއިރަށް ކެތްކުރަން ދަތިވަނީއެވެ. ލަގޮނޑިއަށް ބާރުކޮށް، ތަންތަނަށް ވާންވަނީއެވެ. މިއަދު ފެންނަމުން މިދަނީ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބިޑް އަޅުގަޑުގެ ކުންފުނިން ކާމިޔާބު ކުރުމުން އަރައިގަތް ރުޅިއާއި އުފެދުނު ހަސަދައެވެ. އަޑުއައްސަވާށެވެ. އަޅުގަޑު އެބިޑް ކާމިޔާބުކުރީ އާރާބާރާ ނުފޫޒް ބޭނުންކޮށްގެނެއްނޫނެވެ. އޭގެތެރެއަށް އަތްބާނާ ހާވައިގެނެއް ނޫނެވެ. ވެރިންނަށް ރިޝްވަތުދީ، އަތޮޅުއޮފީހަށާއި ޕްރޮވިންސް އޮފީހަށް ގުޅައިގެނެއްވެސް ނޫނެވެ. އެބިޑް ކާމިޔާބު ވުމުގެ ސިއްރަކީ އެކަން ޙާޞިލްކުރުމަށް އަޅުގަޑު ކުރި ބުރަމަސައްކަތެވެ. އެކަން ކާމިޔާބު ކުރުމަށް އަޅުގަޑަށްވުރެ ވަކިބުރަކޮން މަސައްކަތްކުރި އަނެއްކަކު ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަސީދާ އެކަމަށްޓަކައި ކުންފުންޏެއް ރަޖިސްޓްރީކޮށް ، އެކުންފުންޏަށް ދައްކަންޖެހޭފީ ދައްކާ ، އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރި ހަތަރު ބުރުވެސް 11 ޞަފުހާގެ ފެންވަރު ރަގަޅު ޕްރޮޕޯސަލެއް ރޭގަނޑު ހޭލާ އިނދެގެން ތައްޔާރުކޮށް އަޅުގަޑު ވާނީ ހުށަހަޅާފައެވެ. އެންމެ ފަހުބުރުވެސް އެބިޑް ހުށަހަޅަން ޖެހޭގޮތަށް ތަކެތި ހަމައަށް ހުށަހެޅި ހަމައެކަކުވެސް އަޅުގަޑު ފިޔަވައި ނެތެވެ. އެމީހުން ބިޑް ހުށަހެޅިއިރު މިއިން އެއްވެސް ކަމަކަށް ވިސްނާފައެއްނެތެވެ. އެމީހުން މިއޮތީ ބިޑޭ ކިޔާ އެއްލީ އާދައިގެ ސިޓީއެކެވެ. އޭގައި އޮތީ ހަމައެކަނި އަގާއި ، ހުށަހަޅާ ފަރަތުގެ ނަމެވެ. އެބިޑް ހުށަހަޅާއިރު މާރކްސް ދިނުމުގައި ބަލާނެ ކަންތައްތަކާއި ، މާރކްސް ލިބޭނެ ބައިތަކާއި މިންވަރުތައް އޮޅުންފިލުވައިދީ އަދި އެކަން އެނގޭނެ މަޢުލޫމާތު ޝީޓެއް ކޮންމެ ފަހަރަކުވެސް ލަންދޫ އޮފީހުން ވަނީ މަޢުލޫމާތު ސާފުކުރަން ދިޔަ މީހުންނަށް ދީފައެވެ. ބިިޑްގައި ހުށަހަޅާފައި އިންނަ އަގަށް 35 ޕަސަންޓް ލިބޭނެކަމާ، މުވައްޒަފުން ގެންގުޅޭނެ ޢަދަދާ ދޭޢިނާޔަތްތަކަށް 20 ޕަސަންޓް ، ޕްރޮޕޯސަލް ހަދާފައިވާ ފެންވަރަށް 20 ޕަސަންޓް ލިބޭނެކަމާ، ފައިނޭންޝަލް ކޭޕެބިލިޓީ (ބެންކު ސްޓޭޓްމަންޓް) އަށް 25 ޕަސަންޓް ލިބޭނެކަން އެމަޢުލޫމާތު ޝީޓްގައި ވަރަށް ސާފުކޮން ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މިބިޑްތައް ކޮންމެ ބަޔަކު ބަލާ ދިރާސާ ކުރިޔަސް މެއްޑޯއަށް މިނުލިބޭނެ އެއްވެސް ގޮތެއް ނެތެވެ. މިކަމަކީ ލަންދޫ އޮފީހުން ކައުންސިލަރ ނުވަތަ ބޮޑުކަތީބު ނިންމާފައިވާ ނިންމުމެއްނޫނެވެ. މިއީ ނ.އަތޮޅު އޮފީހުން އެކަމަށްޓަކައި އެކުލަވާލި ޚާއްޞަ ކޮމެޓީއަކުން ނިންމާފައިވާ ނިންމުމެކެވެ. އެހެންކަމުން މިކަމުގައި މެއްޑޯދެކެ ރުޅިއައިސް ފުއްމަފުއްމައިގެން ޖެހުމުގެ އެއްވެސް ޖާގައެއް އެއްވެސް މީހަކަށް ނެތެވެ.
ލަންދޫ ޕޯސްޓްގައި އަޅުގަޑަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރުކޮން އަޑުފަތުރަމުންދާއިރު އަޅުގަޑުގެ އަނބިމީހާގެ މޫނުމަތިން މިފެންނަ އުފާވެރިކަމާ ތާޒާކަމުގެ ސިއްރަކީ ކޮބައިތޯވެސް މިފުރުޞަތުގައި ބަލާލަން އެބަޖެހެއެވެ. މެއްޑޯއަކީ ތިޔަބުނާފަދަ މީހެއްވިއްޔާ މެއްޑޯމެންގެ ކައިވެންޏަށް 6 އަހަރުވާން 1 ދުވަހަށް ވެފައިވާއިރު އަދި ދަރިޔަކުވެސް ލިބިފައިނުވާއިރު އެއްވެސް މައްސަލައެއް ނުޖެހި ނުހަނު އުފަލާ އަރާމުގައި ހިތްހަމަޖެހުމާއެކު ދެމީހުން އެކުގައި ދިރިއުޅުން ވޭތުކުރަމުންދާކަމީ ޙައިރާންވާންޖެހޭ ކަމެއްތާއެވެ. ދެމަފިރިންގެ ދެމެދުގައިވާ އެންމެ ވަރުގަދަ ގުޅުމަކީ އެގުޅުން ކަމަށްވާއިރު އެކަން ނުކޮށް 6 އަހަރުވަންދެން މެއްޑޯ އޭނާގެ އަނބިމީހާގެ މޫނުމަތީގައި އެއުފާވެރިކަމާއި ހިނިތުންވުން ދެމެހެއްޓީ އަނެއްކާ ކިހިނަކުންބާވައެވެ. މެއްޑޯއަކީ ރަށުން ބޭރަށް ނުގޮސް ތާއަބަދު ރަށުގައި އަނބިމީހާގެ ކައިރީގައި ހުންނަ މީހަކަށްވާއިރު ކޮންމެ ރެޔަކު މެއްޑޯ އުޅެނީ އޭނާގެ އަނބިމީހާ އާއި ފިލައިގެން ބާވައެވެ. މެއްޑޯ އޭނާގެ އަނބިމީހާ ހިތްހަމަޖައްސައިދެނީ ------------ވައެވެ. ނޫނީ -------------ވައެވެ. މެއްޑޯއަށް މެއްޑޯގެ އަނބިމީހާ ހިތްހަމަޖައްސައި ނުދެވޭއިރު މެއްޑޯގެ އަނބިމީހާ މެއްޑޯއަށްޓަކައި އެފަދަ ޤުރުބާނީއެއް އެވަނީ ކީއްވެބާވައެވެ. އަތްބެއްގެ ފުށުން ތިޔަ ބަގަޔަށް ލިބެމުންނުދާފަދަ ވީ.އައި.ޕީ ސާރވިސް މެއްޑޯއަށްޓަކައި މެއްޑޯގެ އަނބިމީހާ ތާއަބަދު ދީދީ އެހުންނަނީ އަޅެ ކީއްވެބާވައެވެ. އޭނަޔާ އިންނާނެ އެހެން މީހަކު ނެތީބާވައެވެ. ނޫނީ ގޮތްހުސްވީ ބާވައެވެ. އަޅުގަޑު ހިތުން ދެމަފިންގެ ދެމެދުގައި ދެމަފިރިކަމުގެ ގުޅުން ބަރާބަރަށް ހިނގަމުން ނުދާނަމަ ދެމީހުންގެ ގުޅުމަށް ބަދަލު އައިސް ، ދެމީހުންގެ ދެެމެދުގައި މައްސަލަތައް ކުރިމަތި ނުވެ ހުރުމަކީ ވަރަށްވެސް ނާދިރުކަމެކެވެ.
ޙަޤީޤަތުގައި އަޅުގަޑަކީ އެއްވެސް މީހެއްގެ އަބުރަށް ހުތުރުވާގޮތަށް އެއްވެސް އެއްޗެއް ބުނަން ބޭނުންވާ މީހަކީމެއްނޫނެވެ. އެހެން ނަމަވެސް ލަންދޫ ޕޯސްޓް ހިންގާ ކަމަށް ތުހުމަތުކުރެވޭ ގުރޫޕަށް ، ތުހުމަތުގެ ނަޒަރަކުން ބަލާނުލައި ފަރުޖެހޭކަށްނެތެވެ. ބުލޮގްގެ ރައިޓަރަށް ނަޒަރު ހިންގާލާއިރު އޭނާ އުފެދިގެން އައި ތަނުގެ ހުރި ނުތާހިރުކަމާ ކިލަނބުކަން ލަންދޫގެ ހަމައެއްވެސް ރައްޔިތަކަށް ވަންހަނާވެގެން ނުވެއެވެ. ޒުވާބުކުރުމާއި ޖެއްސުން ކުރުމަކީ އެބައިމީހުންގެ ސަޤާފަތަކަށް ވެފައިވާއިރު ކިރުދޫނި ވަކައެއްފަދަ މިޒުވާނާ ގިނަބަޔަކު ސިފަކުރަނީ ޢިލްމު ހުއްޓަސް ޙިލްމު ނެތް މީހެއްގެ ގޮތުގައެވެ. ------------ނެތުމުގެ ------------ ، ތިމާގެ ބަނޑުން ------------އެހެން މީހުނާ ދޭތެރޭ ކުރެވުމަކީ ހަމަ ވެދާނެ ކަމެކެވެ. ދެންއޮތީ ފޮޓޮގްރާފަރުގެ ވާހަކައެވެ. އޭނާގެ ޅައުމުގައި އޭނާގެ ------------ނުކެރި ދުނިޔެއަށް އާޚިރަތް ވިއްކާލި ފޮޓޮގްރާފަރުގެ ވާހަކައެވެ. މިފަދަ މީސްމީހުންގެ ވާހަކަތައް އެމީހުންގެ ތަޙްޤީޤް ބަޔާންތަކާއެކު ގެނެސްދޭން ވެއްޖެނަމަ މާބޮޑަށް ދިގުވެގެން ދާނެއެވެ. ދެން އޮތީ ސައިޓް ޕްރޮމޯޓަރގެ ވާހަކައެވެ. މީނާއަކީ ރަށަށް އަންނަ ހުރިހާ ވަޒީފާއަކަށްވެސް ކުރިމަތިލައި ކޮންމެ ފަހަރަކުވެސް ނާކާމިޔާބު ވުމުން އެކަން ކާމިޔާބުވާ މީހެއްގެ ފަހަތުން އަޅުވާލައި ، ސަރުކާރު އޮފީސްތަކަށްގުޅާ ޝަކުވާކޮށް ހެދުމަށް މަޝްހޫރު ވެފައިވާ މީހެކެވެ. މީނާ ބޭނުންވާ ކަމެއް މީނާއަށް ނުލިބިގެން އުޅޭއިރު މީނާގެ އުޅުން އެންމެ ވައްތަރުވާނީ ------------އެނބުރޭ ފެންވަޅު ގަޓަޔަކާއެވެ. އަޅުގަޑަށް ދަރިޔަކު ނުލިބިގެން މީނާ ކަންބޮޑުވާއިރު ، މީނަޔަށް ލިބިފައިވާ ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ، ބަފާ އުފާވާފަދަ ނުވަތަ މުޖުތަމަޢު ބަލައިގަންނަފަދަ ބަޔަކަށް އެދަރިން ހަދައިދެވުނު ބާވައެވެ. ނޫނީ އެކުދިންވީ މަސްތުވާ ތަކެތީގެ ޝިކާރަޔަކަށްބާވައެވެ. ނޫނީ ބޮޑެތި ވަގުންތަކަކަށް ބާވައެވެ. ނޫނީ ބޮޑެތި މީހުން ދައްކާ ވާހަކައިގެ ތެރެއަށް އަނގ ބާނާ ބަޔަކަށް ބާވައެވެ. މިއީ މިފަދަ މީސްމީހުން އަމިއްލަ ނަފުސާ ކޮށްލުން ރަގަޅު ސުވާލުތަކެވެ.
މިދެކޭ ބަހާރޭ ވާމިޚިޔާރު ، އާލާ ކުރަނީ ޙަޔާތީ ރޫޙު ދާއިމީ ، މިދެކޭ ބަހާރޭ ވާމިޚިޔާރު ،،،،،،،

December 6, 2009

ދިވެހި ފުލުހުންގެ އިސް 4 އޮފިސަރަކު އިންޑިޔާގެ ކަރުނާޓަކާ ޕޮލިސް އެކެޑެމީން އެއްއަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ނިންމެވުމަށްފަހު މާލެވަޑައިގެންފ

ދިވެހި ފުލުހުންގެ އިސް 4 އޮފިސަރަކު އިންޑިޔާގެ ކަރުނާޓަކާ ޕޮލިސް އެކެޑެމީން އެއްއަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ނިންމެވުމަށްފަހު މާލެވަޑައިގެންފި


ދިވެހި ފުލުހުންގެ އިސް 4 އޮފިސަރަކު އިންޑިޔާގެ މައިސޫރުގައި ހުންނަ ކަރުނާޓަކާ ޕޮލިސް އެކެޑެމީން އެއްއަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ނިންމެވުމަށްފަހު މާލެވަޑައިގެންފިއެވެ. ޗީފްއިންސްޕެކްޓަރ ރޭންކުގައި ކޯސްފުރިހަމަކޮށްފައިވާ އެ 4 ފުލުހުންނަކީ ފަތުޙުﷲ ވަޙީދު، މުޙައްމަދު ނަދީމް، ޔޫސުފު ބުޝްރީއާއި މޫސާ ރަޝީދުއެވެ.

[ސީނިއަރ ޕޮލިސް އޮފިސަރސް ކޯސް] ގެ ނަމުގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވި އިންޑޯ މާއްދާތަކުގެ ތެރޭގައި ހިއުމަން ރައިޓްސްއާއި، ސައިކޮލޮޖީއާއި،ފޮރެންސިކް ސައިންސާއި، ސައިބަރ ކްރައިމާއި، ޓްރެފިކް މެނޭޖްމަންޓް ފަދަ މާއްދާތައް ހިމެނެއެވެ. މިތަމްރީނު ގައި ބައިިވެރިވި ދިވެހި ހުރިހާ ފުލުހުންވެސް ވަނީ ކާމިޔާބުކަމާއެކު ކޯސްފުރިހަމަކުރައްވާފައެވެ. އެގޮތުން މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ދިވެހި ފުލުހުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށާއި އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުޙައްމަދު ނަދީމް އެވެ. އަދި ކޯހުގައި ބައިވެރިވި ދިވެހި ފުލުހުންގެ ތެރެއިން އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މޫސާ ރަޝީދުއެވެ. އަދި ދިވެހި ފުލުހުންގެ ތެރެއިން އިންޑޯ މާއްދާތަކުން ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފަތުޙުﷲ ވަޙީދުއެވެ. އަދި އެންމެ އަޚްލާޤު ރަނގަޅު ފަރާތަކަށް ކަރުނާޓަކާގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރެލް އޮފް ޕޮލިސް ދެއްވާ ޓްރޮފީ ހާޞިލުކޮށްފައިވަނީ ޔޫސުފް ބުޝްރީއެވެ.

މީގެ އިތުރުން މިތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ޕްލެޓޫން ތަކުގެ މެދުގައި ކުރިއަށް ގެންދިޔަ އެކިއެކި މުބާރާތްތަކުންވެސް ދިވެހި ފުލުހުން ރަންވަނަތައް ހާސިލުކޮށްފައިވެއެވެ. އެގޮތުން [ހައި ޖަމްޕް] އިން އެއްވަނަ އަދި ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މުޙައްމަދު ނަދީމް އަށް ލިބިފައިވެއެވެ.

ކަރުނާޓަކާގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރެލް އޮފް ޕޮލިސް ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ކަރުނާޓަކާ ޕޮލިސް އެކެޑެމީގެ އިސްވެރިންނާއި އިންޑިޔާގެ އެހެނިހެން ސްޓޭޓްތަކުގެ ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެކޮލެޖުގައި ސަބްއިްންސްޕެކްޓަރ ކޯސް ފުރިހަމަކުރަމުން ގެންދާ ދިވެހި ފުލުހުންގެ 6 އޮފިސަރުންގެ އިތުރުން މައިސޫރުގައި އުޅުއްވާ ދިވެހި އާއިލާތަކުގެ ބައެއް މެމްބަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

މިކޯސް ފުރިހަމަކުރި ދިވެހި ފުލުހުން ވަނީ މެންގަލޯރގައި ކުރިއަށްދިޔަ [އިންސަރޖެންސީ އެންޑް ކައުންޓަރ އިންސަރޖެންސީ] އާއި [ފީލްޑް ކްރާފްޓް ޓްރޭނިންގ] ވެސް ފުރިހަމަކޮށްފައެވެ.

ކަރުނާޓަކާ ޕޮލިސް އެކެޑެމީން މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ދިވެހި ފުލުހުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އެއީ 1991 ވަނަ އަހަރު އެއެކެޑެމީން ހިންގި ސަބްއިންސްޕެކްޓަރ ކޯސް ފުރިހަމަކުރި 2 ފުލުހަކާއި 1999 ވަނަ އަހަރު އެކޯސް ފުރިހަމަކުރި 3 ފުލުހުންނެވެ.

December 3, 2009

ސެމްކާގެ މިއަހަރުގެ އެޑްވައިޒަރީ ކައުންސިލް ގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވައިފި

ސެމްކާގެ މިއަހަރުގެ އެޑްވައިޒަރީ ކައުންސިލް ގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވައިފި

އަހަރަކު އެއްފަހަރު ބާއްވަމުން ގެންދާ ސެމްކާގެ އެޑްވައިޒަރީ ކައުންސިލްގެ ބައްދަލުވުން 1 ޑިސެމްބަރ 2009 ގައި ބަނޑޮސް އައިލަންޑް ރިސޯރޓްގައި ބާއްވައިފިއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ މެމްބަރު ޤައުމުތަކުގައި ތަޢުލީމީ ދާއިރާއިން ކުރެވިފައިވާ މުހިންމު ކަންތައްތައް ހާމަކޮށްދިނުމާއި ކުރިއަށް އޮތް އަހަރަށް ރޭވިފައިވާ ޚާއްސަ ކަންތައްތަކާއިބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.
މިިއަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން އެންމެ ފާހަގަ ކުރެވުނު މަސައްކަތަކީ ރާއްޖޭގައި އައި-ރޭޑިއޯ ޤާއިމް ކުރުމަށް ކުރެވުނު މަސައްކަތެވެ. އަދި ކުރިއަށް އޮތް އަހަރު އައި-ރޭޑިއޯ އަކީ ތަޢުލީމީ ރޭޑިއޯ އެއްގެ ގޮތުގައި ފުޅާކުރުމަށް ކުރެވިދާނެ ކަންތައްތަކާއިބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.
ސެމްކާ އަކީ ކޮމަންވެލްތް އޮފް ލާރނިންގ ގެ މީޑިއާ ސަރވިސް އެއްގެ ގޮތުގައި ވިއުގައެއްގެ ތެރޭގައި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ޖަމާއަތެކެވެ. އަދި ސެމްކާގެ އެޑްވައިޒަރީ ކައުންސިލް އަކީ މެމްބަރު ޤައުމު ތަކުގައި ހިމެނޭ މައިގަނޑު އޯޕަން ލާރނިންގ އިންސްޓިޓިއުޝަން ތަކުގެ މަންދޫބުން ހިމެނިގެން ސެމްކާގެ މައިގަނޑު ޕޮލިސީތައް އުފެއްދުމުގައި ލަފާ ދިނުމަށާއި މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި އުފެދިފައިވާ ކައުންސިލް އެކެވެ.
ސެމްކާގެ ޗެއަރޕާރސަން (އަދި ކޮލް ގެ ރައީސް އަދި ސީ.އީ.އޯ.) ސަރ ޖޯން ޑެނިއަލް އަދި ސެމްކާގެ މެމްބަރެއް ކަމުގައިވާ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

November 20, 2009

ބައެއް ޑިމޮކްރަސީ އަކީ ފިރައުނިއްޔަތުގެ ދެލި ކޮޕީއެއް

ބައެއް ޑިމޮކްރަސީ އަކީ ފިރައުނިއްޔަތުގެ ދެލި ކޮޕީއެއް








ފިރައުނުން އުޅެމުން އައީ މިސުރުގައި އުފެދިގެން އައި ރަސްކަމެއްގައެވެ. އެ ތަހުޒީބަކީ މޫސާގެފާނުގެ އެތައް އަހަރެއްގެ ކުރިން މިސުރުގައި އުފެދި ކުރިފޯދި ބާރުލިބިފައިވާ ވެރިކަމެކެވެ. މިސުރުބިނާ ކުރުމުގައި ސެޓި ( ފިރައުނު ) މަސައްކަތް ކުރުމުގައި ވަނިކޮށް އޭނާގެ އަޖަލު ޖެހުނެވެ. އެއަށްފަހު ރަމްސެސް 2 ފިރައުނުގެ މަގާމަށް އިސްވިއެވެ. އަހަރެމެން މިކިޔާ މޫސާގެ ފާނުގެ ފިރުއައުނަކީ ރަމްސެސް2އެވެ. ފިރައުނުގެ ވެރިކަމަކީ ފެންނަންހުރި ފާޅުކަން ބޮޑު ރަސްކަމެކެވެ. ރައްޔިތުންނަށް އިޙްތިޔާރު ތަކާއި ބާރުތައް ލިބިނެތް ހުދުމުހުތާރު ވެރިކަމެކެވެ. ޑިމޮކްރަސީ އަކީގްރީސްގެ ބަހުން އުފެދިގެން އައި ވެރިކަމުގެ ނިޒާމެއްކަމުގައިވާނަމަ އޭރު ޑިމޮކްރަސީ އަދި އުފަނެއްނުވާނެއެވެ. އެހެންކަމުން ފިރައުނުގެ ވެރިކަން ޑިމޮކްރަސީ އަކަށް ވުންވަރަށްދުރެވެ. ހުރިހާ ބާރެއް އޮތީ ފިރައުނުގެ އަތްމަތީގައެވެހުކުން ތަންފީޒުކުރުމާއި އުގޫބާތު ކަނޑައެޅުން އޮތީ އާމޫން ( ހާމާން) ގެ އަތްމަތީގައެވެ. ވެރިކަމަށް ބާރުދޭ އަނެއް ފަރާތް ތަކަކީ އަންހެނުން ނެފެރެތާރީ އެވެ. މަރުވި ފިރުއައުނުގެ އަންހެނުން ތޫޔާ ރަމްސެސް2 ގެ ވެރިކަމަށް ބާރު ދެމުން ދިޔައެވެ. އެހެނަސް ސެޓި ގެ ދެންހުރި ފިރިހެން ދަރި ސާނަރ އަބަދުވެސް ފިރައުނަކަށް ވުމުގެ ހިޔާލު ދެކެމުން ދިޔައެވެ. ރަމްސެސްގެ ދޮށީ ދައްތަ ދޮލޯރާ ވެރިކަމުގެ ކަންތަކަށް ޖާސޫސްކޮށް ބައްޓަން ކުރުމުގައި ރަމަސެސް2 އަށް އެހީތެރިވަމުން ދިޔައެވެ. މިއީ ރަމެސެސް2 ގެ ހިންގުމުގެ ގިއުގަނޑު އޭރު ހިނގަމުން އައިގޮތެވެ. ރަމްސެސް2 ގެ ވެރިކަމުގައި ޑިމޮކްރަސީގެ އެއްވެސް ކުލައެއްނެތެވެ. އަދި ހަމަ އެހެންމެ ރަމަސެސް2 ގެ އަތްދަށުގާ ތިބީ ވެރިކަމުގެ ގޮތްފާޑުތަކެއް އެނގޭ ބައެއްނޫނެވެ. ކޮންމެއަކަސް މާތް ﷲ އަށް ކުފުރުވެ ކަލަކުކަމަށް ރަމަސެސް2 ދަޢުވާ އުފުލިއެވެ. އާޚިރު ނަތީޖާ އަކަށްވީ ކަނޑަށް ޤަރަޤުވުމެވެ. އޭނާ ވެރިކަމުގައި ދެމިހުރުމަށް ﷲ މިންވަރު ކުރެއްވި ދުވަސް ހަމަކޮށް އަޖަލުޖެހުނީއެވެ.

ފުރިހަމަ ޑިމޮކްރަސީގެ ވުޖޫދަށް ނޭވާ ނުލެވި އޮންނަ ކޮންމެ ވެރިކަމެއްގައި އެންމެ ބޮޑަށް ފެންނަ ކުލައަކީ ރަމަސެސް2ގެ ކުލަ ކަމުގައިބުނަން ދައްޗެވެ. އެހެނަސް ރަމެސެސް2ގެ ކުލަ ހަމަޔަޤީނުންވެސް ކޮމިއުނިސްޓް ވެރިކަންތަކުގައި ފިސާރި ރަނގަޅަށް ހިފާފާ އެބަހުއްޓެވެ. އިގްތިޞާދު ބިނާކުރުމުގައި ޤާރޫނު ގެ ފިކުރު އެފަދަ ކޮންމެ ވެރިކަމަކުން ތަންފީޒުކުރެއެވެ. ގޮށްމުށުގެ ބާރާއި އަނިޔާވެރި ވެރިކަން ފެށިގެން އަންނަނީ ފިރައުނިއްޔަތު އުފެއްދި ފިރައުނުގެ ކިބައިންނެވެ. މި އެންމެ ފިކުރެއްގެ މަތީ ކޮމިއުނިޒަމް އާއި މާރކްސިޒަމް އުފެދިގެން އައިކަމުގައި ބެލެވިދާނެއެވެ.

އެހެނަސް ޑިމޮކްރަސީ އަކީ ރަމަސެސް2 ގެ ވެރިކަމާއި ޚިލާފަށް ރައްޔިތުން ގެ އިހްތިޔާރުތަކާއި ބާރުލިބިއޮވެ، ހިޔާރުކުރާ ވެރިއަކު ރައްޔިތުންނާއި ހަވާލުވާ ވެރިކަމެކެވެ. މި ގޮތަށް ވެރިކަން ލިބި އޮތްކަމުގައި ވިއަސް ބައެއްޑިމޮކްރަސީ ތަކުން ފެނިގެން ދަނީ ރަމަސަސް2 އަށް ވުރެ ފަސްގަރުނު ފަހުން ވެރިކަމާއި ހަވާލުވި ޕެޔަންޚާއީ (ކަޅު ފިރަޢުނު) ގެ ސުލޫކެވެ. ކަޅުފިރައުނު ވެރިކަމާއި ހަވާލުވީ ނޫބިއަންގެ ފުށުންނެވެ. މި ފިރައުނު ވެރިކަން ކޮށްފައިވަނީ އީސާއީ ސަނަތުގެ ކުރިން 517- 747 އެވެ. ރައްޔިތުން ކިޔަމަން ކުރުވުމުގެ މަސްއޫލިއްޔަތާއި އެކު ޖެހިފައިއޮތީ ލީބިޔަން ވަލީ އަހުދާއި ކުރިމަތިލާށެވެ. ވެރިކަން ދިފާޢު ކުރުމަށް ޓަކައި އެކިއެކި އަވަށް ތަކުގެ ( ޕާޓީތަކުގެ) ވެރިކަން ގެ މައްޗަށް އަތްގަދަކުރުމަށް މަޖުބޫރުވެފައިވެއެވެ. ރައްޔިތުން ލައްވާ ގަދަކަމުން ކަޅުފިރައުނުގެ މައްޗަށް ބޯލަނބުވާ ކިޔަމަން ގަތުމާއި ، ފިރައުނަށް ކުޑައިމިސް ބުނާފަރާތްތަކަށް މަރުގެ އަދަބު ދެމުން ދިޔައެވެ. މިއީ ކޮންމެ ފިރައުނެއްގެ ވެރިކަމުގައި ހުރި އެންމެ ހުތުރުކަން ބޮޑު ސިފައެވެ. މި އަމަލު ޑިމޮކްރަސީ އަށް ތަބާވާ މެދު އިރުމަތީގެ ގިނަ ގައުމުތަކުން ފެނިގެން ދެއެވެ. ލީބިޔާ ، ފަދަ ގައުމުތަކާއި މެދު ގިނަމީހުން ޝައްކުކުރާ އެއްކަމަކީ މިއީއެވެ. ދެމީހަކު ދެބަސްނުވެ އެއްބަސްވެވޭނެ ފަދައިން އިރާގުގައި އޮތީ ޑިމޮކްރަސީ އެއްގެ ނަމުގައި އޮތް ފިރައުނިއްޔަތުގެ ދެލިކޮޕީއެކެވެ.

October 11, 2009

ނ. ލަންދޫގައި ދަޑުވެރިކަން މިހާރަށްވުރެ ތަރަށްޤީކުރެވިދާނެ އިންޑަސްޓްރީއެއް.

ނ. ލަންދޫގައި ދަޑުވެރިކަން މިހާރަށްވުރެ ތަރަށްޤީކުރެވިދާނެ އިންޑަސްޓްރީއެއް.

އަޅުގަނޑުމެންގެ ރަށަކީ މަސްވެރިކަމަށްވުރެ ބޮޑަށް ދަނޑުވެރި ރަށެއް ގޮތުގައި އިރެއްގައި ރާއްޖޭގައި މަޝްހޫރު ތަނެކެވެ. ވަކިން ޙާއްސަކޮށް އަތޮޅުގެ ނަމްބަރ ވަން އެވެ. އަޅުގަނޑުމެންގެ ދަނޑުވެރިންނަކީ މިކަމަށް ވަރަށް ކުޅަދާނަ ބައެކޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ބައެއް ރޯދަމަހު ކާށިދޫ ފިޔަވާ އެންމެ ގިނައިން ދޮންކެޔޮ މާލޭން އުތުރުގައި އުފައްދާ ބަޔަކީ ލަންދޫގެ ދަނޑުވެރިންނޭ އަޅުގަނޑަށް ބުނެވިދާނެއެވެ.

އަދި، އެހެން ރަށްރަށުގައި އާއްމުކޮށް ނަހައްދާ ބައެއް ވައްތަރުތައް އަޅުގަނޑުމެންގެ ދަނޑުވެރިން ހައްދާތާ ދުވަސްތަކެއް ވެދާނެއެވެ. މީގެ ތެރޭގައި ކިއުކަމްބާރ އާއި ޗެރީ ކުއްޅަވައް ފަދަ ތަރުކާރީގެ ވައްތަރުތައް ހިމެނެއެވެ.

ދަނޑުވެރިކަމަށް ކުޅަދާނަ އަދި ހުނަރުވެރި ބައެއް އުޅޭ ތަނެއް ކަމުގައިވިޔަސް ވޭތުވެގެން ދިޔަ ތަނުގައި އަޅުގަނޑުމެންގެ ދަނޑުވެރިންނަށް އެމީހުން އެކުރާ މަސައްކަތުގެ އަގު ވަޒަން ކުރެވި، އަދި މި ދާއިރާގެ މަސައްކަތް ކުރިއަރުވައި ޕްރޮމޯޓް ކުރުމަށް އެކަށީގެންވާ އެއްބާރުލިބުން ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް، ތަރައްޤީ ވާން އިންތިހާއަށް ވަކާލާތު ކުރާ ގިނަ މީހުން ތިބި އަޅުގަނޑުމެންގެ މިރަށުގައެވެ.

މިހާރުގެ ސަރުކާރުގެ ރޫޚް ހުރީ މި ދާއިރާ (ދަނޑުވެރިކަން) ކުރިއަށް ޖައްސާލުމެވެ. ދަނޑުވެރިކަން ކުރާ ގިނަ ބައެއްތިބި އަޅުގަނޑުމެންގެ ރަށުގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ރޭވިފައިވާ ޕްލޭންތަކަކީ ކޮބައިތޯ ވިސްނައި، މިކަން އެންމެ އެދެވޭ ގޮތެއްގައި ކުރެވޭ ގޮތްތައް ބަލަން ޖެހެއެވެ. މިކަން ކުރާ ފަރާތްތަކަށް ހިތްވަރު ދޭން ޖެހެއެވެ. ރަށުގެ ޕޮލިސީ މޭކަރުން މަސައްކަތް ކުރައްވާނަމަ ބޭނުންނުވިޔަސް ވިޔަސް މިހާރުގެ ސަރުކާރަށް މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން މަޖުބޫރުވާނެއެވެ.

މިގޮތުން އަޅުގަނޑުމެންގެ މިސިނާއަތު ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތަށް ތަކުގެ ތެރޭގައި ރަށުގައި ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ސަރަހައްދެއް އެކަށައަޅަން އެބަ ޖެހެއެވެ. މިގޮތުން މިހާރު ދަނޑުބިން ދޫކުރެވިފައިވާ ސަރަހައްދުތަށް އިތުރަށް ބޮޑު ކުރެވެން އޮތްނަމަ ބޮޑުކުރުން މުހިއްމެވެ. އަދި މި ސަރަހައްދަކީ، ސިނާއީ އެހެން ޕޮރްޖެކްޓްތައް ހެދުމަށް ފަހުންނަމަވެސް ބައި އަޅާލެވޭ ތާކަށް ވެގެން ނުވާނެއެވެ. މި ސަރަހައްދުން، ދަނޑުހައްދަން ބިން ދޫކުރާއިރު ވަކި ގޮތަކަށް ޕްލޭން ކޮށްގެން، ދޫކުރުން އެއީވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން، ކަރާ ހައްދަން ވަކި ވަރަކަށް ޖާގަ، މިރުސް ހައްދަން ވަކި ވަރަކަށް ޖާގަ، މިހެން ގޮސް އާއްމުކޮށް ބޭނުން ކުރާ ވީހާވެސް ގިނަ ވައްތަރުތަކެއް ހެއްދޭ ގޮތަށް ޖާގަ ދެވިދާނެއެވެ. މިހެން ހެދުމުން ރަށުން ލިބެން ހުންނަ ތަރުކާރީ އަދި މޭވާގެ ބާވަތްތައް އިތުރުވެގެން ދާނެކަމަށް ބެލެއެވެ.

މީގެ އިތުރުން، ޕޮލިސީ ލެވެލްގައި، ކުރެވިދާނެ ވަރަށް ރަނގަޅު މަސައްކަތެއް އެބަ އޮތެވެ. އެއީ ރަށުން ރަށަށް ބޭނުން ވާ މިންވަރަށް ތަރުކާރީ ހެއްދުމުގެ އަމާޒެވެ. މިގޮތަށް ވިސްނުން ބަހައްޓައިގެން މަސައްކަތް ކޮށްފިނަމަ މިއީ ހާސިލު ކުރެވޭނެ ލަޑުދަނޑިއެކެވެ. މިކަން ކުރެވިއްޖެނަމަ، މިއީ ރާއްޖޭގައިވެސް މިފަދަ ފުރަތަމަ ރަށަށް ވެގެންދާނެއެވެ. މިކަން ހާސިލު ކުރުމަށްޓަކައި ކުރެވިދާ މަސައްކަތްތަކުގެ ތެރޭގައި، މި ދާއިރާގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި، ބޭނުންވާ ތަމްރީނުދީ، ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކޮށް، މުޑުވަކާއި، ބޭނުންވާ އާލާތް ފަސޭހައިން ހޯދޭނެ މަގު ތަނަވަސްކޮށް ދިނުން ހިމެނެއެވެ. އަދި އެންމެ އެދެވޭ ގޮތެއްގައި ދަނޑުވެރިކަން ކުރަމުން ދާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ހިތްވަރު ދިނުމުގެ އެވޯޑެއްވެސް ދެވިދާނެއެވެ. މިއީ ނުކުރެވޭނެ ކަމެއްނޫނެވެ. ކުރެވިދާނެ ކަމެކެވެ. ކުރިން އަޅުގަނޑުމެން ވިސްނަމުން އައި ބޯދާ ގޮތްތަށް ދޫކޮށް އާގޮތަކަށް ވިސްނުން ބައްޓަން ކުރަންވި ވަގުތު މިވަނީ ޖެހިފައެވެ. ދަނޑުވެރިކަން ކުރި އެރުވުމަށްޓަކައި އަތުކުރި އޮޅާލަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. ރަށު އޮފީހުގައި ތިބި އިސް ބޭފުޅުން މިފަދަ ކަންކަމާ މެދު ވިސްނަނާނެ ކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ " މިފަޙްރު އަބަދުމެ މިގޮތުގައި ބޭއްވުމަށް ގަދައަޅާ މަސަތްކަތް ކުރަން ޖެހޭނެއެވެ.

September 24, 2009

މިނިވަންކަން

މިނިވަންކަން

މިނިވަން ކަމެތޯއެވެ. މިނިވަންކަމޭ ބުނުމުން ތަފާތު މުޖުތަމައުތަކާއި ތަފާތު ޤައުމުތައް، އަދި ތަފާތު ދީންތައް، މިނިވަންކަމާމެދު ދެކޭނަޒަރު ހިތަށް އިހުސާސްވެއެވެ. ތަފަތު މުޖުތަމައުތަކުގައި މިނިވަންކަމުގެ މާނަތަފާތެވެ. ތަފާތު ޤައުމުތަކާއި ތަފާތު ދީންތައްވެސް މެއެވެ.


ޝައްކެތްނެތެވެ. މިހަޤީޤަތް މިހެން އޮތްއިރު މިނިވަންކަމުގެ މާނަ އެއް މިންގަޑަކުން މިނުންވަނީ ދަތިކަމަކަށް ވެފައެވެ. އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނަކީ ދީންތަކުގެ ތެރެއިން އެންމެ މާތްދީނެވެ.އެމާތްދީނުގައި އަހަރެމެންނަށް ދެއްވާފައިވާ މިނިވަންކަން ވަރަށްވެސް ބޮޑެވެ. ނަފުސުގެ މިނިވަންކަމެވެ.ޖަމާއަތުގެ މިނިވަންކަމެވެ.ޤައުމުގެ މިނިވަންކަމެވެ. އަދިކޮބައިތޯއެވެ. އުއްމަތުގެ މިނިވަންކަމެވެ.


ހަނދާނަށް ގެންނަމާ ހިގާށެވެ. ކަކު އިތުރު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، އިސްލަމީ އުއްމަތުގެ ބިންގާ އެޅުއްވި ހަރުދަނާ މިނިވަންސިޔާސަތެވެ. އެމަތިވެރި ހިކުމަތްފުޅުގައި ސުލްހަ މަސްލަހަތު، އަމަންއަމާންކަން، އަދި ކީއްތޯއެވެ. މިނިވަންކަން ގެންނަވާފައިވަނީ އެފަދަ ދެވަނަ ޤާނޫނެއްގައި ކަނޑައެޅިފައިނުވާ ފަދަ އޮމާންކަމާއިއެކުގައެވެ. މަދީނާގައި ދިރިއުޅޭ އެހެން ދީންތަކުގެ އަހުލުވެރިންނާއެކު ކީރިތި ރަސޫލާ ކުރެއްވި މުއާހަދާ ނުވަތަ އެގުރިމެންޓް، އެހެން އިބާރާތަކުން ދަންނަވަނަމަ އަސާސީ ހައްޤުތަކުގެ ޤާނޫނުގައި ކޮންމެ ބަޔަކަށްވެސް މިނިވަންކަން ވެއެވެ. އެބަޔަކު އަޅުކަންކުރާ ފަރާތްތަކަށް އަޅުކަންކުރުމުގެ މިނިވަންކަމެވެ. އެކަމާ އެހެންބަޔަކު ނުބެހުމުގެ މިނިވަންކަމެވެ. މިއީ މިފަދަ މުއާހަދާއެއްގެ ދަށުން މިނިވަންކަމަށް ފުރަތަމަ އެކުލަވާލެވުނު އަސާސީ ޤާނޫނެވެ. އެހެނަސް އެހެން އުއްމަތްތަކުގެ އަހުލުވެރިން މުސްލިމުންނާމެދު ދެކޭ ނަޒަރަކީ އަޅުވެތިކަމުގެ ނަޒަރެވެ. މިއަދު ދުނިޔޭގެ ޤާނޫނަށް ބެލިކަމުގައިވިޔަސް މީގެތެދު ހަޤީޤީ އަސަރުތައް ފާޅުކަން ބޮޑުގޮތެއްގައި ފެނިފެނި އެބަހުއްޓެވެ. އިސްލާމީ ޤައުމުތަކާއިމެދު ދުނިޔޭގެ ޤާނޫނުގައި އޮންނަ މިނިވަންކަން ކުޑަކަމީ މީގެ ފާޅުކަން ބޮޑު ދަލީލެކެވެ.


ކަން މިހެންހުރިއިރު އިސްލާމީއުއްމަތުގެ އަހުލުވެރިން މިކަމާމެދު ކުރަންޖެހިފައިވާ ފިކުރު ނިހާޔަތަށް ބޮޑު ކަމުގައި ދަންނަވަން ޖެހެއެވެ. މިއި ކުރިންދެންނެވި ޙަޤީޤަތައް ބާރުދޭ ހެއްކެއް ކަމުގައި ނުވެ ނުދާނޭކަން ކަށަވަރެވެ.


އާދޭހެވެ. އެކި ޤައުމުތަކުގެ މިނިވަންކަން އޮތް ގޮތަށް ބަލާލަމާހިގާށެވެ. ބައެއްޤައުމުތަކުގައި އެއްޖިންސުގެ ދެމީހުން ކައިވެނިކުރުމުގެ މިނިވަންކަން އޮން1ނައިރު އަނެއްބައި ޤައުމުތަކުގައި ރޯ އޮރިޔާމާ އުޅުމުގެ މިނިވަންކަންވެސް އެޤައުމުގެ ޤާނޫނުގެ ދަށުން ލިބިފައި ވެއެވެ. ދެންހުރި ޤައުމުތަކުގެތެރެއިން ބައެއް ޤައުމުގައި މިގޮތަށް އުޅުންމަނާ ކުރެވިފައިވި ނަމަވެސް އޮރިޔާން ފޮޓޯތައް ބެލުމާއި އޮރިޔާން ފިލުމް ބެލުމުގެ މިނިވަންކަން އޮންނަނީ ޢާއްމު ކުރުވާފައެވެ. އެހެނެއް ކަމަކު ދިވެހިންގެ މިނިވަންކަން މިހުރިހާ ކަމަކަށް ނަފުރަތު ކުރެއެވެ. އެހެނީ މުސްލިމު ޤައުމަކަށް ވިތީއެވެ.


ހިތާމަ ހުއްޓެވެ. މިފަދަ މިނިވަންކަމުގަ އަހުލުވެރީންގެ ފަހަތުން ސައްތައިން ސައްތަ ދިވެހިން ކެއްތެރިކަން ކުޑަވެފައިވާ ހާލު ދުވާކަމަށްޓަކައެވެ. ''ކޯވަރެއް" ބޮލުމުގެ މިނިވަންކަމަށް ދައުވާ ކުރާ ދިވެހީން އިތުރުވަމުން ދާކަމަށް ޓަކައެވެ. ''ގުޑުގިޑާގެ މަސްތީ ދުނިޔެއަށް'' އިންތިޒާރުކުރާ ދިވެހީންގެ ލިސްޓް ދިގުވަމުން ދާކަމަށްޓަކައިވެސް މެއެވެ. ލޯވަޅުތަކުން އައުރަދެއްކުމުގެ އުފާ ހާޞިލްކުރަން އުޅޭ ދިވެހީންގެ ޢަދަދު މަދުނުވާ ކަމައްތަކައެވެ. ނިވަކުރުމަށް ބޭނުންކުރެވޭ ހެދުންތައް ދިގުވެ، ބުރިކުރަމުންދާ ދިވެހީންގެ ބައެއްމީހުން އިތުރުވާކަމަށްޓަކައެވެ. މިފަދަ ކޮންމެ ކަމަކަށް ހެޔޮބަހެއްބުނެފި މީހަކު މިނިވަންކަމާބެހެނީ ކަމުގައި ބުނެއުޅޭކަމަށްޓަކައެވެ. މަންމައާއި ބައްޕައަށްވެސް އެފަދަ ދަރިންގެމައްޗައް ބަސް ނުވިކިގެން އުޅޭމަންޒަރު ފެންނަ ކަމަށްޓަކައެވެ. ހިތާމައިގެ ކޮޅައް ހިތާމަހުއްޓެވެ.


ދިރިއުޅުމުގެ ހަޔާތަށް ނިކުތުމަށްޓަކާ ފަހު ފަލިތިބި ދަރިވަރުންނޭވެ! ތިޔަކުދިންގެ ކުރިމަތީގައި މިނިވަންކަމުގެ މާނަ އޮޅިގެން ނުދާ

ފަދަ ހަރުދަނާ އީމާންކަމުގެ ޒީނަތްތެރި ހެދުމަކުން ހެދުން އަޅާށެވެ. އެކިފަރާތްތަރުން މިނިވަންކަމާމެދު ދެކޭގޮތް ރަގަޅައް ދިރާސާ ކުރާށެވެ.

ބާއްޖަވެރި ހަޔާތެއްގެ އެދުމުގައެވެ. ވަކިފަރާތަކައްޓަކައި ހިތުގެ އީމާންކަން އިތުރު ކުރުމުގެ މަގުޝަދުގަވެ. ހެއްދެވިފަރާތަށެވެ. މިނިވަންކަމުގެ

މަތިވެރި ނަމޫނާ ދެއްކެވި މާތް ރަސޫލާއަށެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލާއެއްގޮތްވާ ގޮތުގެ މަތީންނެވެ.


ކުދީންނޭވެ! ހިތަށް އެރިހާގޮތަކަށް އުޅުމުގެ މިނިވަންކަމަކީ އެއްވެސްއިރެއްގަ އެއްވެސް ތާކު އޮތް މިނިވަން ކަމެއް ނޫނެވެ.

ކޮންމެ ދީނެއްގަވެސް ވަކި ވަކިކަންތައްތަކަކަށް މިނިވަންކަން ދެވިފާވާއިރު އަނެއްބައި ކަންތައް ތަކަކީ ދީންމަނާކުރާ ކަންތައްތަކެވެ.

އެކިގައުމުތަކާއި އެކި މުޖްތަމަޢު ތަކުގައިވެސް އެކަންއޮތީ ހަމައެހެންނެވެ.

September 23, 2009

އެތަރުކާރީ އާއި މިތަރުކާރީގެ ވާހަކަ

ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވިދާޅުވި ބަސްތަކެއް ހަމަގައިމު ވެސް އަޅުގަނޑު އިރުއިރުކޮޅާ ހަނދާންވެ އެވެ؛ އެމަނިކުފާނު ވިދާޅުވަނީ، މާޒީ އަށް ބަލައިގެން ކުރިމަގު ނުލިބޭނެ ކަމަށެވެ.

ފަހަރެއްގައި އެހެން އޭރު އެ ވިދާޅުވީ، ރާއްޖެ އޭރު އޮތް ސިޔާސީ ހަލަބޮލި ކަމުގައި އެހެން ގޮތެއް ނެތިގެން ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް އެއީ ވަރަށް އިބުރަތްތެރި ވާހަކަފުޅެކެވެ. ތެދެކެވެ؛ މާޒީގައި ހަޑިތަކެއް ހޭވިއްޖެ ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެން ނޫން ނަމަ، ގިނަ ބަޔަކު ގުޅިގެން ރީނދުލުގެ މުޒާހަރާތަކެއް މި ގައުމަކު ނުކުރީހެވެ. ރައީސް މުހަންމަދު ނަޝީދު ވެރިކަމަކަށް ވެސް ނައީހެވެ.

އެހެން ނަމަވެސް، މިހާރު މިފެންނަނީ އެހެން މަންޒަރެކެވެ. ކުއްލިއަކަށް އަޅުގަނޑުމެންނަށް މި ފެންނަނީ މާޒީ ކުރިއަށް ނެރެ، ކުރިމަގު ފަހަތަށް ލައިގެން އުޅޭތަނެވެ. މިހެން މި ދެންނެވީ، ހަމަ ކޮންމެ ކަމެއް ވާއިރަށް "އެ ސަރުކާރު"، "އެ ސަރުކާރޭ" ވިދާޅުވެ ކުށް ދައްކަވަމުން ގެންދަވާތީ އެވެ.
ދެތިން ވާހަކައެއް ހިމަނާލާނަމެވެ؛ ހުޅުމާލޭގެ ފްލެޓްތައް ގުރުއަތުން ލިބުނު ބައެއް މީހުންގެ ނަންތައް ކެންސަލް ކުރި ކުރުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން ދަނިކޮށް މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން ބުނަނީ އެހެން އެވީ ކުރީ ސަރުކާރުން ހަދާފައިވާ ގަވައިދަކަށް އަމަލު ކުރަން ޖެހުމުން ކަމަށެވެ. ހަމައެއާ އެކު، ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން ކޮށްފައިވާ އެއްވެސް އެގްރިމެންޓަކުން ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ރައްޔިތުންނަށް ފައިދާއެއް ކޮށްފައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު އަލީ ސަވާދު އިހަކަށް ދުވަހު ވިދާޅުވި އެވެ. އެއާ ވިއްދައިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި ފަސްދޮޅަހަކަށް ރަށުގެ ތެރެއިން މަސައްކަތް ހިނގަނީ އެންމެ ހައެއްކަ ރަށުގައި ކަމެވެ. އޭގެ ފަހުން ވީޓީވީގެ ހަބަރު ވަގުތު މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވި އެއްޗަކުން އަޅުގަނޑަށް އިތުރަށް ހައިރާންކަން އަތުވެއްޖެ އެވެ. އޭނާ ވިދާޅުވީ މާލެ ތެރެ ނާމާންވެގެން މި އުޅެނީ ކުރީ ސަރުކާރުން ކޮށްގެން އުޅޭ ކަމަކުން ކަމަށެވެ.

ތެދެކެވެ؛ އަދިވެސް އެއްފަހަރު ދަންނަވަން އޮތީ ކުރީ ސަރުކާރުން ހަޑިތަކެއް ހޭވި ކަމެވެ. އެ ހަޑިތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ނުދެއްކެނީ ކޮންތާކު، ކޮން ޖަލްސާއެއްގައިތޯ އެވެ! އެ ހަޑިތަކުގެ މަތީގައި ފަސް އަޅަން އަހަރެމެން މިހާރު މިއޮތީ އެ ސަރުކާރު ވައްޓާލައިފަ އެވެ. މިހާރުގެ ސަރުކާރުން އެ ހަޑިތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަންކަން އިސްލާހު ކުރަން މަސައްކަތް ކުރުން މާ އައުލާކަން ބޮޑެވެ. ކުރީ ސަރުކާރުން ހަދާފައިވާ ގަވައިދުތައް ގޯސް ނަމަ، ބަލަހައްޓައިގެން ނުތިބެ އެކަން ރަނގަޅުކުރަންވީ އެވެ. އެއްބަސްވުންތަކުން "ހަމަ އެއްވެސް ފައިދާއެއް" ނުކުރަންޏާ އެއްބަސްވުންތައް އުވާލައި އެއްބަސްވުންތައް އަލުން ހަދަންވީ އެވެ. އަމާންކަން ގެއްލިފައި ވަނީ ކުރީ ސަރުކާރުގެ އިހުމާލުން ނަމަ، ބަލަހައްޓައިގެން ނުތިބެ މިހާރު އެކަން ރަނގަޅު ކުރަންވީ އެވެ. ފަސްދޮޅަސް ރަށުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްތޯ ބަލައި، ސަރުކާރަށް ދެވެން އޮތް އިނާޔަތްތަކެއް ދީގެން އެކަން ރަނގަޅުކުރަންވީ އެވެ. ހަމައެކަނި ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ ވިދާޅުވެ ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ. އެހެން ނޫނަސް، އެ ބޭފުޅުން އެހެން އިރުއިރުކޮޅަކާ ވިދާޅު ނުވިޔަސް، މިހާރު ހުރި މައިގަނޑު އިޝޫތައް ނުކުމެފައި ހުރީ ކުރީ ސަރުކާރުގެ އިހުމާލުވުންތަކާއި އެހެނިހެން ސަބަބުތަކާ ވެސް ގުޅިގެންކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެ އެވެ.

މުހަންމަދު ނަޝީދަކީ ގައުމުގެ ވެރިޔާ އެވެ. މިހާރު އެއީ ދިވެހި ރައްޔިތުންގެ ވަލިއްޔުލްއަމުރެވެ. މާނައަކީ، އެމަނިކުފާނުގެ އަތްޕުޅުގައި މިހާރު ހުރިހާ ބާރެއް އޮތްކަމެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން މި އުޅެނީ އެ ހުރިހާ ބާރަކާ އެކު އަދިވެސް މާޒީ ހޯދާށެވެ. މާޒީގައި ނާކާމިޔާބުވެފައިވާ ބަޔަކަށް ދެން މާޒީން ހޯދޭނެ ފިލާވަޅެއް ނޯންނާނެ އެވެ.

ގައުމުގެ އަމާންކަން ނަގާލީ، 30 އަހަރުގެ ހުދުމުހުތާރު ވެރިކަމަކުން ކަމަށް ވާނަމަ، މިހާރު އޮތް "ސާފު އަދި ހެޔޮ ވެރިކަމުގެ ނިޒާމުން" އެކަންކަން ހަމައަކަށް އަޅުވަންވީ އެވެ. އެކަމަށް އޮތް ހުރަހެއް ނެތެވެ. މާލޭގެ އަމާންކަން ނެތި، އަނެއްކާ ވެސް ކަޓަރާއި ލޮންސިތަކާ އެކު ގުރޫޕުތައް ނުކުތުމުގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތެވެ. މިހާރު ހިނގާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ މިހާރުގެ ސަރުކާރުންނެވެ.

ރައީސް ނަޝީދު ކުރިއަށް ވަޑައިގަންނަވަންވީ އެވެ. ގޮންޖެހުންތަކާ އެކު ވެސް އެމަނިކުފާނު މިކަންކަން ހައްލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުންމީދުކުރެވެ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ބައެއް ކަންކަމުގައި ރަނގަޅު ކަމަށް އަޅުގަނޑަށް ވެސް ގަބޫލުކުރެވެ އެވެ. މި ހިނގާ ފަސް އަހަރަކީ ކުށް ދެއްކުމުގެ ކުޅި ސަމާއަކަށް ނުހައްދަވައި، ރައްޔިތުންނަށް ހެޔޮ ގޮތްތައް ފަހިކޮށްދޭނެ ފަސް އަހަރު ކަމަށް އަޅުގަނޑު ހެޔޮހިތުން އުންމީދު ކުރަމެވެ

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino