
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ހަތަރު މެންބަރަކު ޢައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މިއަދު ހަތަރު މެންބަރަކު ޢައްޔަން ކުރައްވައިފިއެވެ. މިއަދު ޢައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހަލަވެލި ޢަބްދުﷲ ޙިލްމީ އާއި، އައްޑުއަތޮޅު ހުޅުދޫ ވައިލެޓްފެހި އަލްއުސްތާޛާ ޚަދީޖާ ރަޝީދާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ވައިޖެހޭގޭ މުޙަންމަދު ޝަފީޢެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއާއި މިބާވަތުގެ ޢަމަލުތައް ނުހިނގާގޮތަށް ސަރުކާރުގެ އެންމެހާ ކަންތައްތައް ހިންގެވުން ކަމުގައި ވިދާޅުވިއެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިނގާ ކޮރަޕްޝަންގެ ކަންތައްތައް ރަނގަޅަށް ބައްލަވައި، ކޮރަޕްޝަން މުޅިން ނައްތާލެއްވުމަށް މަސައްކަތް ކުރެއްވުމަށް ކޮމިޝަންގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، މިބޭފުޅުން ކުރެއްވިއެވެ






0 ޚިޔާލު:
Post a Comment