October 21, 2009

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދަޢުވަތަކަށް އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދިއްލީގައި ބާއްވަވާ ވަރަށް މުހިންމު ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ތަޤްރީރު ކުރައްވާނެއެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރާވެސް އެމަނިކުފާނު ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި މިގުޅުން އިތުރު ދާއިރާތަކުގައި ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ސަރުކާރުން މިހާރު ހިންގަވާ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ބިޑްކޮށްފައި ހުރި ކުންފުނިތަކާއި އަދި ސަރުކާރުން މިހާރު ވާހަކަދައްކަވަމުން ގެންދަވާ ކުންފުނިތަކާ އެކުގައި އިތުރަށް މަޝްވަރާ ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިވެހި ސަރުކާރުގެ އިސްވަފްދެއްވެސް މިދަތުރުފުޅުގައި ބައިވެރިކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ފުރާވަޑައިގަތީ މިދަތުރުފުޅަށް އިންޑިޔާ ސަރުކާރުން ހަމަޖައްސަވައި ދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ. މިދަތުރުފުޅުގެ ހުރިހާ ޚަރަދުތަކެއްވެސް ހަމަޖައްސަވާދެއްވާފައިވަނީވެސް އިންޑިޔާ ސަރުކާރުންނެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino