October 27, 2009

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕޭޓްރިއޭޓް ވެލްފެއަރ އެންޑް އޮވަރސީޒް އެމްޕްލޯއިމަންޓާ މިއަދު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕޭޓްރިއޭޓް ވެލްފެއަރ އެންޑް އޮވަރސީޒް އެމްޕްލޯއިމަންޓާ މިއަދު ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕޭޓްރިއޭޓް ވެލްފެއަރ އެންޑް އޮވަރސީޒް އެމްޕްލޮއިމަންޓް، މިސްޓަރ އެންގް ޙަންކަރު މުޝައްރަފް ޙުސައިނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ތަރައްޤީ ކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ރާއްޖޭގައި މަސައްކަތްކުރަމުން އެބަ ގެންދާކަމަށާއި، އެމީހުންގެ ފަރާތުން ރާއްޖެއަށް ބޮޑެތި ޚިދުމަތްތަކެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަޔަކު އެބަތިބިކަމަށާއި، މިފަދަ ކަންތައްތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާބެހޭ ގޮތުންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭ ގޮތުން، ބަންގްލަދޭޝްގެ މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދުގައި އުފެދިފައިވާ ގުޅުން ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުން، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު މިހާރަށްވުރެ ބޮޑަށް އެއްބާރުލުން އިތުރުކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލަކީ ދެޤައުމަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއްކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބެމުންދާ އެންމެ ނާޒުކު ޤައުމުތަކުން އެކައްޗެއް ކިޔުން އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިސްޓަރ އެންގް ޙަންކަރު މުޝައްރަފް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝް ރައްޔިތުންނަށް ދިވެހިރާއްޖެއިން ބަހައްޓާ ގާތްކަމާއި މެހްމާންދާރީއަށްޓަކައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް، ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި، ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝް ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބަންގްލަދޭޝްގެ ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށާއި މިކަމަކީ ބޮޑުވަޒީރު ޝައިޚް ހަސީނާ ވަރަށްބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށް ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino