| އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމަށްޓަކައި އިތުރު ދިހަތަން ހެދުމަށް އީރާނުގެ ސަރުކާރުން އެގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ ޖަމްއިއްޔާއަށް އަންގައިފިއެވެ  |                
                                      
  |                
                                    އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމަށްޓަކައި އިތުރު ދިހަތަން ހެދުމަށް އީރާނުގެ ސަރުކާރުން އެގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ ޖަމްއިއްޔާއަށް އަންގައިފި ކަމަށް އީރާނުގެ ހަބަރުތައް ބުނެއެވެ. އީރާނުގެ ރަސްމީ ނޫސްއޭޖެންސީ ބުނިގޮތުގައި ޔުރޭނިއަމް މުއްސަދި ކުރުމަށްޓަކައި ހަދާ ފަސްތަނެއް އަޅާނެބިން މިހާރު ވަނީ ކަނޑައަޅާފައިވެއެވެ. އަދި އެތަންތަން ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭ ފެށޭނެއެވެ. އަނެއް ފަސް ތަންވެސް އަޅާނެ އެކަށީގެންވާ ސަރަހައްދުތައް ކަނޑައެޅޭނެކަމަށް އެނޫސް އޭޖެންސީންބުނެއެވެ. އީރާނުން މިކަން އިއުލާނު ކޮށްފައިވަނީ ރައީސް އަހުމަދީން ނެޖާދު ރިޔާސަތުގައި އިންނަވައިގެން ބޭއްވެވި ކެބިނެޓް ބައްދަލު ވުމަކަށްފަހުއެވެ. އަހުމަދީން ނެޖާދު ވިދާޅުވިގޮތުގައި އީރާނުގައި ވިހި ހާސް މެގަވޯޓުގެ ކަރަންޓު އުފައްދާނަމަ ނަތާންޒުގައި ހުރި މަރުކަޒުގައި ބޭނުންކުރާވަރުގެ ފަސްހާސް ސެންޓްރިފިއުޖް ނުވަތަ މާއްދާތައް ވަކިކުރުމަށް ބޭނުންކުރެވޭ އާލާތް ބޭނުންވާނެއެވެ. ނަތާންޒް އަކީ އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރެވޭ އެންމެ ބޮޑު ކާރުޚާނާއެވެ. ނެޖާދު ވިދާޅުވިގޮތުގައި ނަތާންޒުގައި މިހާރު ބޭނުންކުރާ އާލާތްތަކަށްވުރެ ހަލުވި މިނެއްގައި މަސައްކަތް ކުރެވޭ އެއްޗެތި އީރާނަށް ބޭނުންވެއެވެ. އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމަށް އާ ތަންތަންހަދާ ވާހަކައިގެ އަޑު އިވިގެން މިދިޔައީ އދ ގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ އައިއޭއީއޭއިން އީރާނަށް ފާޑުކީތާ މާގިނަދުވަހެއް ނުވަނީސްއެވެ. އައިއޭއީއޭ އިން ބުނެފައިވަނީ ޔުރޭނިއަމް މުއްސަނދި ކުރުމަށް އީރާނުންއަލުން ކޯމް އޭ ކިޔާ ރަށް ކައިރީ ހަދާ ތަނުގެ މަސައްކަތް ހުއްޓާލުމަށެވެ. އަލްޖަޒީރާއިން ބުނަނީ އީރާނުންއެންމެ ފަހުން މިކުރި އިއުލާނަކީ ވަރަށް ސާފުކޮށް އެގެންއޮތް ހެން އައިއޭއީއޭގެ ގަރާރަށްދިން ރައްދެއްކަމަށެވެ. މިއީ އައިއޭއީއޭ އިން ތާކުންތާކު ނުޖެހޭ ގަރާރުތައް ފާސްކުރާނަމަ އީރާނުން އެކަހަލަ ކަންތައްތަކަށް ރައްދުދޭނީ ކިހިނެއް ކަން އަންގައިދޭ ރައްދެއް ކަމަށް އަލް ޖަޒީރާބުނެއެވެ. ހަބަރުތައްބުނާގޮތުގައި އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑުން ކަންކުރި ގޮތުން ތެހެރާނުންވަނީ ވަރަށް ރުޅި އައިސްފައެވެ. ނެޖާދު މިވިދާޅުވާ އެއްޗަކީ އީރާނުން ރީތިގޮތުގައި ކަންކުރަން މަސައްކަތް ކުރާވަގުތެއްގައި އެކަމަށް އެކަށީގެންވާ އިޖާބަ ނުދޭނަމަ ކުރެވިދާނެ އެހެން ކަންކަންވެސް އެބަހުރިކަން އަންގައިދީފާނަމެވެ. އެޓޮމިކް ހަކަތައާ ބެޙޭ އިދާރާއިން އީރާނަށް ފާޑުކިޔައި ގަރާރު ފާސް ކުރުމުން އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން ގާތަށްވަނީ ވަރަށް ރުޅި އައިސްފައެވެ. އަދި ރައީސް އަހުމަދީން ނެޖާދު ގާތުން އެދިފައިވަނީ އައިއޭއީއޭއާ ގުޅުން ބަދަހި ނުކުރުމަށެވެ. އެފަރާތްތަކުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިއޭއީއޭއިން މިފަދަ ގަރާރެއް ފާސްކުރީ އެމީހުންގެ ދެފުށް ދެގޮތް ކަމުންނާއި ސިޔާސީ ވެގެން ކަމަށް ގަބޫލު ކުރާކަމުގައެވެ. އަދި މިފަދަ ކަންކަމުން އެއިދާރާ ދުރުވުމަށް ގޮވާލާފައިވެއެވެ. ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރަނީ އީރާނުން މަސައްކަތް ކުރަނީ ސިއްރިޔާތުގައި ނިއުކުލިއަރ ހަތިޔާރެއް ހަދަންމަށެވެ. މިގޮތަށް ގަބޫލުކުރާ ފަރާތްތަކުގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ. މިފަރާތްތަކުން ބޭނުންވަނީ އދ މެދުވެރިވެގެން އެމީހުން ތައްޔާރު ކޮށްފައިވާ ހުށަހެޅުމަކާއި އީރާނު ގަބޫލުވާށެވެ. މިހުށަހެޅުމުގައި މަސައްކަތް ކުރަނީ އީރާނުން ނިއުކުލިއަރ ހަތިޔާރެއް ހެދިދާނެ ކަމުގެ ގާބިލްކަންހުރީވިއްޔާ އެކަން ކުރެވޭލެއް ވީހާވެސް ލަސްކުރުމަށެވެ. އަދި އާޚިރުގައި އީރާނުން ޔުރޭނިއަމް މުއްސަދި ކުރުން އެކުގައި ހުއްޓުވާލުމަށެވެ. އީރާނުގެ ނަތާންޒުގައި މިހާރުވެސް ދަށްފެންވަރެއްގައި ތައްޔާރު ކުރެވިފައިހުރި އެއްހާސް ފައްސަތޭކަ ކިލޯގްރާމުގެ ޔުރޭނިއަމް އެބަހުރިކަމަށްވެއެވެ. އދ މެދުވެރިވެގެން ހުށަހަޅާފައިވާ ހުށަހެޅުމުގައި އެދިފައިވަނީ މިތަނުން އެއްހާސް ދުއިސައްތަ ކިލޯގްރާމަށް ވުރެ ގިނަ އަދަދެއް ހަވާލު ކުރުމަށެވެ. އާއްމު ގޮތެއްގައި ގަބޫލު ކުރެވިފައި ވަނީ ހަތިޔާރަކަށް ބޭނުންވާވަރަށް ޔުރޭނިއަމް މުއްސަނދި ކުރަންޏާ ބޭނުން ވާނީ މިއަށްވުރެ މަދު އަދަދެއް ކަމަށެވެ. މިހުށަހެޅުމުގައިވާ ގޮތްތަކާ އީރާނުވަނީ ދެކޮޅު ހަދާފައެވެ. އީރާނުގައި ޔުރޭނިއަމް މުއްސަނދި ކުރުމަށް އިތުރު ތަންތަން އަޅަން ނިންމުމުން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާއި ދެމެދު އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި ހެދި އުފެދިފައިވާ ނުތަނަވަސްކަން ހައްތާދާނީ އިތުރުވެގެން ކަމަށް ހަބަރުތައް ބުނެއެވެ  | 
Enjoyed reading? Share this
 
 
0 ޚިޔާލު:
Post a Comment