ރާއްޖެ މޮޅުވެއްޖެ
ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދާދި ދެންމެއަކު އަފްޣާނިސްތާން އަތުން ދިވެހިން މޮޅުވެއްޖެއެވެ. މިމެޗުން ދިވެހި ޓީމު މޮޅުވެފައި ވަނީ 3-1 ންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ޕާސްތައް މިސްވުމާއި ޓީމެއްގެ ގޮތުގައި ނުކުޅެވުމަކީ ފުރަތަމަ ހާފުގައި ދިވެހި ޓީމަށް ކުރިމަތިވި އެންމެބޮޑު މައްސަލައެވެ. ނަމަވެސް ނޭޕާލް މެޗަށްވުރެ ވަކިވަކި ކުޅުންތެރިންގެ ކުޅުން ރަނގަޅު ވެފައި ކުޅުންތެރިންގެ ސްޕީޑު ރަނގަޅުކަން ފާހަގަ ކޮށްލެވުނެވެ.
މިހާފުގައި މުޚްތާރު ނަސީރު (ޓޫކިލޯ) ގެ ޕާހެއްގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ރަނުގެ ފުރުޞަތެއް ލިބިގެން ދިޔައެވެ. ނަމަވެސް އޮއްޕޮ ފޮނުވާލި ބޯޅަ ގޮސްޖެހުނީ ގޯލުގެ މަތީ ދަނޑީގައެވެ. އޭގެއިރުކޮޅެއް ފަހުން ޓޫކިލޯއަށް ލިބުނު ބޯޅައެއް ގޯލަށް ޖަހަން އުޅެނިކޮށް އަފްޣާނިސްތާން ކީޕަރު ނުކުމެ އެބޯޅަ ބޭރުކޮށްލިއެވެ.
އަފްޣާނިސްތާނަށްވެސް ރާއްޖެއަށްވުރެ ވަރުގަދަ ކުޅުމެއް މިހާފުގައިވެސް ދެއްކިފައި ނުވެއެވެ. އަދި ރާއްޖެއަށް މާބޮޑު ނުރައްކާތަކެއްވެސް ކުރެވިފައެއް ނުވެއެވެ. ނަމަވެސް އަފްޣާނިސްތާނަށް 30 ވަނަ މިނިޓުގައި ލިބުނު ޗާންސެއްގައި ލަނޑެއް ޖަހައި ދިވެހި ޓީމު ކައިރީގައި ލީޑު ނެގިއެވެ. މިލަނޑު އަފްގާނިސްތާނަށް ޖެހުނީ ދިވެހި ޓީމުގެ ޑިފެންސްލައިނަށް ހެދުނު މިސްޓޭކެއްގެ ސަބަބުންނެވެ. އަދި ގޯލް ކީޕަރު އިމްރާން މުޙައްމަދަށްވެސް އެބޯޅަ ދިފާއު ނުކުރެވެންވީ ސަބަބެއް ނެތެވެ.
އަފްގާނިސްތާންގެ މިލަނޑަށް ފަހުވެސް އެމީހުންގެ ކުޅުން ވަކިގަދައެއް ނޫނެވެ. އަދި ދިވެހި ޓީމުވެސް ކުޅެމުން ދިޔައީ ކުރިން ކުޅެމުންދިޔަ ފަދަ އާދައިގެ ކުޅުމެކެވެ. މިނަތީޖާގައި އޮވެ ފަހު ހާފަށް ނުކުންނައިރު ދިވެހި ޓީމަށް ޖެހިފައި އޮތީ ކުޅުމަށާއި ކުޅުންތެރިންނަށް ބަދަލުތަކެއް ގެންނާށެވެ.
ނަތީޖާއަކަށްވީ ފަހުހާފުގައި ކުޅުންތެރިންގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެޓޭކިންގ ޑިޕާޓްމެންޓް ވަރުގަދަ ކުރުމެވެ. އަދި އަފްޣާނިސްތާންގެ ގޯލަށް ފަހު މިހާފު ފެށުމާއެކު ނުރައްކާ ކުރަން ފެށުމެވެ. ލަނޑަކަށް ފެންބޮވައިގެންފައިވާ ދިވެހި ކުޅުންތެރިންގެ އުންމީދު އާވެގެންދިޔައީ އިބްރާހިމް ފަޒީލް (އޮއްޕޮ) ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދަނިކޮށް އެބޯޅަ ގޯލުގެ އެތެރެއަށް އަމާޒުކޮށް އަޙްމަދު ތޯރިގް (ޓޮމް) ވައްދާލުމުންނެވެ. މިލަނޑު އައީ ފަހުހާފުގެ 7 ވަނަ މިނިޓުގައެވެ.
މިލަނޑު ޖެހިތާ މާގިނައިރު ތަކެއް ނުވަނީސް އަފްޣާނިސްތާނަށްވެސް ރަނގަޅު ފުރުޞަތެއް ލިބިގެން ދިޔައެވެ. އަދި އޮއްޕޮގެ ނުރައްކާތެރި ހަމަލާއެއްވެސް ފެނިގެން ދިޔައެވެ. އެއްވަރު ވިޔަސް ރާއްޖެއަށް ސެމީފައިނަލާމެދު އުންމީދު ކުޑަވެ ޕްރެޝަރަށްދާނެކަން އެނގޭތީ އިތުރު ގޯލެއް ޖަހަން ދިވެހި ކުޅުންތެރިންނަށް މަޖުބޫރު ވެގެންދިޔައެވެ. އެމަޖުބޫރީ ޙާލަތުން ޓީމު ސަލާމަތްކޮށްދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. 2-1 ގެ ނަތީޖާއެއްގައި އޮވެ ނިމެން ދަނިކޮށް ދަގަނޑޭ ވަނީ އިތުރު ލަނޑެއްވެސް ޖަހައި 3-1 އެއީ މެޗުގެ ފުރިހަމަ ސްކޯރ ކަމުގައި ހަދައިދީފައެވެ.
މިމެޗުން ދިވެހި ޓީމު މޮޅުވުމުން ސެމީފައިނަލަށް ދިޔުމުގެ އުންމީދު ވަނީ އާވެފައެވެ. އެއީ ނޭޕާލް މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ 4 ޕޮއިންޓް ލިބިފައި ވުމެވެ. މިގްރޫޕްގައި ކުޑައިރުކޮޅެއް ފަހުން ނޭޕާލާއި އިންޑިޔާ ބައްދަލު ކުރާނެއެވެ. އެމެޗުގެ ނަތީޖާއަކީ ދިވެހި ޓީމާވެސް ވަރަށްބޮޑަށް ގުޅިފައިވާނެ ނަތީޖާއެކެވެ.






0 ޚިޔާލު:
Post a Comment