December 2, 2009

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ މިޝޭލް ލުމޯ މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި މިސްޓަރ ލުމޯއާއި ފަރަންސޭސި ސަރުކާރުން ވެދެއްވި އެއްބާރުލެއްވުމަށްޓަކައި މިސްޓަރ ލުމޯއަށާއި ފަރަންސޭސި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަކޮށް އަށަގެންނެވުމުގައިވެސް ފަރަންސޭސިވިލާތުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ނިމިގެންދިޔަ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ފަރަންސޭސި ވިލާތުގެ ރައީސް ނިކޮލަސް ސަރުކޯޒީ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ތާޢީދު ކުރައްވާ ކަމަށާއި، މި ޑިސެމްބަރު މަހު ކޯޕަންހޭގަންގައި އޮންނަ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި މުހިންމު އެއްބަސްވުމަކާ ހަމައަށް އެވާހަކަފުޅުގެ ސަބަބުން އާދެވިދާނެކަމުގެ އުންމީދު އާވެފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ކޯޕަންހޭގަންގައި ކުރެވޭ ބަހުސްތަކުގައި ރާއްޖެއިން ހުށަހަޅާ ކަންތައްތަކަށް ފަރަންސޭސިވިލާތުގެ ތާއީދު ލިބޭނެކަމުގެ އުންމީދު އާވެފައިވާކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފަރަންސޭސި ސަފީރު މިސްޓަރ ލުމޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތުގައި ފަރަންސޭސިވިލާތުން އެއްބާރުލުން ދެއްވައި، އެހީތެރިކަން ފޯރުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ފަރަންސޭސިވިލާތަށް ވަރަށް ބޮޑަށް ވަޒަންކުރެވޭ ކަމުގައި ފަރަންސޭސި ސަފީރު ވިދާޅުވިއެވެ. އަދި ކޯޕަންހޭގަންގައި ބޭއްވޭ ވާހަކަތަކުގައި ރާއްޖެއިން ގެންގުޅޭ ވިސްނުމާއި ފަރަންސޭސިވިލާތުގެ ވިސްނުން ވަރަށް އެއްގޮތް ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino