February 20, 2010

އިންސާނީ ޙައްޤުތަކާ ޚިލާފަށް ރާއްޖޭގައި ކުރިން ހިންގާފައިވާ ޢަމަލުތަކަކީ، މި ސަރުކާރަށް ޙައްލުކުރައްވަން އެންމެ އުނދަގޫ އެއް ކަންތައް ކަމުގައި ރައީސުލ

އިންސާނީ ޙައްޤުތަކާ ޚިލާފަށް ރާއްޖޭގައި ކުރިން ހިންގާފައިވާ ޢަމަލުތަކަކީ، މި ސަރުކާރަށް ޙައްލުކުރައްވަން އެންމެ އުނދަގޫ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިންސާނީ ޙައްޤުތަކާ ޚިލާފަށް ރާއްޖޭގައި ކުރިން ހިންގާފައިވާ ޢަމަލުތަކަކީ، މި ސަރުކާރަށް ޙައްލުކުރައްވަން އެންމެ އުނދަގޫ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އައިރީނާ ބޮކޯވާއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ރިވެތި އުސޫލުން އަދި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ސަރުކާރު ހިންގެވުމުގައި ކުރިމަތިވެވަޑައިގެންފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ކުރީގައި ދިމާވެފައިވާ މައްސަލަތައް، މުސްތަޤްބަލް ހަލާކުކޮށްނުލައްވައި ޙައްލުކުރެއްވުން ކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ޔުނެސްކޯގެ "މެމޮރީ އޮފް އެޑިޔުކޭޝަން" އަށް ޝައުގުވެރިކަން ފާޅުކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ޔުނެސްކޯއާ ގުޅިގެން، ޔުނެސްކޯގެ ހިންގުމުގެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށް ބޭނުންފުޅުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް "މެމޮރީ އޮފް އެޑިޔުކޭޝަން" ގައި ހިމެނުއްވުމާއި، ބޭރުގެ ފަރާތްތަކުން ގަބޫލުކުރާ އަދި އެއްބާރުލުން ދޭ ފެންވަރެއްގައި އެ ފަރާތްތަކުގެ ހަނދާންތައް އާކުރުމުގެ ގޮތުން މެމޯރިއަލެއް ހެއްދެވުމަކީ، ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މިއީ، ފިލާވަޅެއް ލިބިގަތުމަށާއި، މިފަދަ ކަންތައްތައް މުސްތަޤްބަލުގައި ތަކުރާރު ވިޔަ ނުދިނުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީފުޅުގައި، ޔުނެސްކޯގެ އާ ޑިރެކްޓަރ ޖެނެރަލް އައިރީނީ ބޮކޯވާއަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ހޫނު ތަހުނިޔާއެއް ވިދާޅުވެ، ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އެކަމަނާއަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމަށް ބަލްގޭރިއާގެ އައިރީނާ ބޮކޯވާ އިންތިޚާބުވެވަޑައިގެންފައިވަނީ، 15 އޮކްޓޯބަރ 2009 ގައެވެ. އަދި އެކަމަނާ އެމަޤާމާ ހަވާލުވެވަޑައިގެންފައިވަނީ 23 އޮކްޓޯބަރ 2009 ގައެވެ. މިއީ 1945 ގައި ޔުނެސްކޯ އުފެދުނު ފަހުން އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު އަންހެން ބޭފުޅަކު ފުރުއްވާ ފުރަތަމަ ފަހަރެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino