1. ކުދިކުދިވެފައިވާ ދަރިފުޅުގެ މަސްކޮޅުތަކެއް މަންމައަކު ނަގައި ޖަމާކުރާހެން، މާޖިދު އޭނާގެ ފޮތްތަކުގެ ގަނޑުތައް ނަގައި އެއްކުރަން ފެށިއެވެ. އެކަމަކު މިހާރު އެއީ އެތައް ސަތޭކަ ކުދިކުދި ގަނޑުކޮޅު ތަކެކެވެ. އެހުރިހާ ގަނޑުކޮޅުތައް އެއްކުރުމަކީ ވާނޭކަމެއް ނޫނެވެ. އެއްކުރިޔަސް އެފޮތެއްގެ ސިފައަށް އަނބުރާ އައުން އެއީ މުސްތަހީލު ކަމެކެވެ. އެހިސަބުން އޭނާ އަހަރުގެ ފަހު އިމްތިހާނުން ފޭލްވެ، އުމުރުން އަހަރެއް ބޭކާރުވީކަން ޔަގީން ކުރިއެވެ. މިޚިޔާލު ސިކުނޑިއަށް ވެރިވުމުން މާޖިދަށް ވަރަށް ބޮޑަށް އަސަރުކޮށް، ލިބެމުންދާ އަނިޔާތަކަށް ކެތްނުކުރެވޭ ހިސާބަށް ހިނގައްޖެކަމަށް އިޙުސާސް ވިއެވެ. ދުނިޔެ އެނބުރޭހެން ހީވިއެވެ. އަދި އޭނާގެ ހަނދާންތައް މީގެ އެތަށް އަހަރެއްގެކުރިއަށް ދަތުރުކުރިއެވެ. 
2. އެލޯބި މޫނު އޭނާގެ ޚިޔާލުގެ ކުރިމައްޗަށް އައެވެ. މަންމަގެ މޫނެވެ. އެމޫނުގައިވާ ދުނިޔޭގެ ހުރިހާ ހިތާމައަކާއި ކެކުޅުންތައް ހަނދާން ނެތިކޮށްލާފަދަ ހިނިތުންވުމެވެ. ދުނިޔޭގެ މޮޅިކަމުން ސަލާމަތްވުމަށްޓަކައި އޭނާގޮސް ފިލާ އޮންނަ އުނގެވެ. މަންމަގެ މޫނުގައި ވަނީ އޯގާވެރިކަމާއި ހިތްހެޔޮކަމެވެ. އަދި ޒުވާންކަމާއި ޗާލޫކަމެވެ. މަންމައެކޭކިޔާފައި މިހާރު ގޭގައި މިއިންނަ ''ހަރުފަ'' އާއި މަންމައާއި އުޑާބިމާހާ ތަފާތެވެ. ކުރީގެ ގޭތެރެ ހަނދާންވިއެވެ. އޭރު ގޭގައިވަނީ ހުސް ހިނމޭންމާއި ލޯތްބެވެ. އޭރުގެ ބައްޕަމަތިން ހަނދާން ވިއެވެ. އޭރުގެ ބައްޕަގެ ލޮލުން ފެންނަނީ އަޅާލުމާއި ލޯތްބެވެ. މިހާރުހެން އަލިފާން ކަނިތަކެއް ނޫނެވެ. އޭރު ބައްޕަގެ އަތުން ލިބެނީ އެކިއެކި ފާޑުފާޑުގެ ކުޅޭ އެއްޗިއްސާއި މީރު ކާއެއްޗިއްސެވެ. އަނިޔާއެއް ނޫނެވެ. 
3. ޚިޔާލުގެ ފިލްމުރޯލު އެނބުރެމުންގޮސް އެހެން ދިމާއަކަށް ހުއްޓުނެވެ. މަންމަ އުޅެނީ ބަލިވެގެންނެވެ. އެހެންނަމަވެސް މާޖިދު ހީކުރި އެއީ ހަމަ އެންމެންވެސް ވާކަހަލަ ބައްޔެއްކަމަށެވެ. ދެންފެނުނީ ގޭތެރެ ހަލަބޮލިވެ މީހުންގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވާތަނެވެ. ތިމާގެ ބައެއް މީހުން ރޯތަނެވެ. އަދި ގޭމީހުން ކޮންމެވެސް ކަމެއް އޭނާއަށް ފޮރުވަން އުޅޭތަނެވެ. އެކަމަކު އޭނާއަށް ހުރިހާކަމެއް އެނގިއްޖެ އެވެ. މަންމަ މަރުވީ ހެއްޔެވެ؟ ''މަރު'' މިއީ މާޖިދަށް ކުރިން އެތައް ފަހަރަކު އަޑުއަހާ، ފޮތްފޮތުން ކިޔާފައިވާ ބަހެކެވެ. އެއީ ކޯއްޗެއްކަން ކުރިއަކުން އެނގިފައެއް ނެތެވެ. އަދި ކުރިއަކުން ފެނި، އަދި އޭނާގެ ގެއަށް ވަދެ، ތިމާގެ މީހުން ނުވަތަ ލޯބިވާ މީހެއް، މަރުގެންދިޔަތަނެއް މީގެ ކުރިޔަކުން ނުދެކެއެވެ.
4. މާޖިދުގެ މަންމަ މަރުވުމަށްފަހު، އޭނާގެ ބައްޕަ ދިޔައީ މާޖިދާއި އޭނާގެ ކޮށްކޮއަށް މަންމަ ނެތުމުގެ އުނިކަން ފޫބައްދައިދެވޭތޯ ބަލަމުންނެވެ. ލޯތްބާއި އަޅާލުން ދެމުން ދިޔައެވެ. މަންމަ ނެތް ދުނިޔެއެއްގައި މަންމައެއްގެ ދައުރާއި ބައްޕައެއްގެ ދައުރު އަދާކުރަމުން ދިޔައެވެ. އެކަމަކު މިހުރިހާކަމެއް އެއްދުވަހަކު ބަދަލުވެއްޖެއެވެ. '' މާޖިދު......... މިއަދު ދަރިފުޅުމެންނަށް އާ މަންމައެއް އަންނާނެ.'' އޭ ބައްޕަ ބުނި ދުވަހެވެ. އާ މަންމައެއް؟ މީގެ ކުރިން ދުވަހަކުވެސް މާޖިދު މިފަދަ ވާހަކައެއް އަޑުނާހައެވެ. އާ ކޮއްކޮއެއް އަންނަގޮތް އޭނާއަށް އެނގެއެވެ. ކޮއްކޮ އަންނަނީ މަންމަގެ ބަނޑުންނެވެ. އެކަމަކު އާ މަންމައެއް އަންނާނީ ކާކުގެ ބަނޑުން ހެއްޔެވެ؟ ސުވާލުގެ ޖަވާބެއް ނުވިސްނުނެވެ. 
5. އާ މަންމަ ގެއަށް އައިސްފިއެވެ. ވަރަށް ރިއްޗެވެ. ހެދުންވެސް ވަރަށް ރީއްޗެވެ. ކޯތާފަތުގައި ހުރީ ރަތްވިލާގައި ހުންނަ ކުލައެވެ. އޭނާގެ ތުންފަތް ވަރަށް ރަތެވެ. އެހެންމީހުންގެ ތުންފަތްހެނެއް ނޫނެވެ. ތުންފަތް އެހާ ރަތްވީމާ މާޖިދު ހައިރާންވެސް ވިއެވެ. ކިތަންމެ ރީއްޗަސް އާ މަންމައަށް ހިތްޖެހޭ ގޮތެއް ނުވިއެވެ. އެކަމަކު ރުޅިއެއްވެސް ނާދެއެވެ. 
6. ފުރަތަމަ ދުވަސްކޮޅު އާ މަންމަ އޯގާތެރިވެފައި މަޑުމައިތިރިއެވެ. އިންދޭ ޅަ ކުރިއެއްފަދައިންނެވެ. ދުވަސްތަކެއްވެ ބިމުގައި ހަރުލައި މޫ ފޭބުމުން، ހަރު ހިކި ގަސްގަނޑެއްފަދައިން ވެއްޖެއެވެ. ބަލާ މީހުންނަށް ރީތި މަލާއި ، ފެހި ފަތްތައް ފެނުނަސް ، ހަޤީގަތުގައި އެއީ ވިހަ އެއްޗެކެވެ. 
7. ތާރީޚުގެ ތެރެއިން ޚިޔާލަށް އުޅެމުންއައިސް ތަސްވީރުތައް ފުސްވެއްޖެއެވެ. ޚިޔާލުގެ ފިލްމު ރޯލު އެނބުރުން ހުއްޓުނެވެ. ޚިޔާލު ހުއްޓުނުއިރު ކުރިމަތީގައިވަނީ ހަރުފައެއްގެ ސިފައިގައިވާ އަންހެނެއްގެ ތަސްވީރެވެ. 






0 ޚިޔާލު:
Post a Comment