July 18, 2010

ސަމިޓް

ކަންކުން ސަމިޓަކީ އިންސާފްވެރި އަދި ނަތީޖާ ނެރެވޭފަދަ އެއްބަސްވުމަކަށް އާދެވޭ ސަމިޓަކަށް ހަދަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މެކްސިކޯގެ ކަންކުންގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓަކީ އިންސާފުވެރި އަދި ނަތީޖާ ނެރެވޭފަދަ އެއްބަސްވުމަކަށް އާދެވޭ ސަމިޓަކަށް ހަދަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ފެށުނު ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަންކުން ސަމިޓަކީވެސް ހަމައެކަނި ދެން އޮންނަ ތިމާވެށްޓާބެހޭ ބައްދަލުވުމަށް މަގުފަހިކޮށްދޭ ބައްދަލުވުމަކަށް ވެވިގެން ނުވާނެ ކަމަށާއި، މިކަމާ ގުޅޭގޮތުން ދުނިޔެ، އެއްބަސްވުމަކަށް އަންނަންދެން ރާއްޖެފަދަ އިސް ސަފުގައިވާ ޤައުމުތަކަށް މަޑުކުރެވެން ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު މިފެށުނު ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ކުރިން، ބައިވެރިން ވިސްނާވަޑައިގަންނަވަންވީ ތިން ކަމެއް ރައީސުލްޖުމްހީރިއްޔާ ފާހަގަކުރެއްވިއެވެ.

ފުރަތަމަކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަކީ، އިތުބާރު ބިނާކުރުމުގެ މުހިންމުކަމެވެ. ރައީސް ވިދާޅުވިގޮތުގައި، ކޯޕަންހޭގަން ސަމިޓްގައިވެސް ކުރިއެރުން ހޯދުމުގައި ދިމާވި އެންމެ ބޮޑު ދައްޗަކަށްވީ ބައިވެރިންގެ މެދުގައި ބައިބައިވުން އުފެދިފައިވުމެވެ. އެހެންކަމުން، ކަންކުން ސަމިޓް ފަށަންވާނީ މައިގަނޑު ކަންކަމާމެދު އެއްބަސްވުމެއް އޮވެގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރައީސް ވިދާޅުވީ، ޤައުމުތަކުން ކޯޕަންހޭގަންގައި ވެފައިވާ އެއްބަސްވުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ދެންވެވޭ އެއްބަސްވުމެއް ބިނާވާންވާނީ ކޯޕަންހޭގަން އެކޯޑްގެ މައްޗަށް ކަމުގައެވެ. މި އެކޯޑަކީ ފުރިހަމަ އެކޯޑެއް ނޫން ކަން ޤަބޫލުފުޅުކުރައްވާ ކަމަށާއި އެހެންނަމަވެސް، މި އެކޯޑަކީ އެއްބަސްވުމުގައި ހިމެނެންވާ ފުޅާ ދާއިރާތައް ބަޔާންކޮށްދިނުމަށް ޤައުމުތަކުން ކޮށްފައިވާ މަސައްކަތް ރަމްޒުކޮށްދޭ އެކޯޑެއް ކަމުގައި ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މާލީކަންކަމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގެދަބުޅި މަދުން ބޭނުންކުރާ ތަރައްޤީއަކަށް ދިޔުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މި އެހީތެރިކަން އަންނަންވާނީ ތަރައްޤީވެފައިވާ އަދި ގެދަބުޅީގެ ވިޔަފާރީގައި އުޅޭ ޤައުމުތަކުން ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރުވެސް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މަޝްވަރާކޮށްގެން ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ މަޝްވަރާ ބައްދަލުވުންތަކަށް މަގުފަހިކޮށްދިނުމަށް ބާރުއެޅުއްވިއެވެ.

ކާޓެހެއިނާ ގްރޫޕަކީ މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ ސަމިޓާ ގުޅިގެން، އެއް ޚިޔާލުތަކެއް ގެންގުޅޭ ޤައުމުތަކުން އެއްބަސްވުމަކަށް އައުމަށްޓަކައި މަޝްވަރާތައް ކުރުމަށް އުފެދިފައިވާ ގްރޫޕެކެވެ.

މިއަދު ހެނދުނު ބޭއްވުނު މިބައްދަލުކުރެއްވުމުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، މި ބައްދަލު ކުރެއްވުމުގައި ބައިވެރިވާ ބައެއް ޤައުމުތަކުގެ ވަފްދު ތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، ނިއުޒީލެންޑްގެ މިނިސްޓަރ ރެސްޕޮންސިބަލް ފޮރ އިންޓަރނޭޝަނަލް ކްލައިމެޓް ޗޭންޖް ނެގޯސިއޭޝަންސް ޓިމޮތީ ޖޯން ގްރޯސަރއާއި، ނެދަރލޭންޑްސްގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ހޫގޯ ގައިލްސް ވޮން މޭއަންފެލޭއާއި، އޮސްޓްރޭލިއާގެ މަލްޓިލެޓަރަލް ނެގޯސިއޭޝަންސް ބްރާންޗްގެ އެސިސްޓެންޓް ސެކްރެޓަރީ ރޮބަރޓް އޮވެން-ޖޯންސް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުންތަކުގައި، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ކާބަން މަދުކޮށް ތަރައްޤީ ޙާޞިލް ކުރެވޭނެ ގޮތްތަކަށް އިސްކަން ދިނުމާއި، ދުނިޔޭގެ މޫސުމާ ބެހޭ ބަހުޘްތަކުގައި، ތިމާވެށްޓަށް އަންނަ ބަދަލުތަކާމެދު މިހާރު ގެންގުޅޭ ސައިންޓިފިކް ވިސްނުމުގެ ބަދަލުގައި، އިޤްތިޞާދީ ނަޒަރަކުން ވިސްނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino