September 23, 2009

އެތަރުކާރީ އާއި މިތަރުކާރީގެ ވާހަކަ

ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވިދާޅުވި ބަސްތަކެއް ހަމަގައިމު ވެސް އަޅުގަނޑު އިރުއިރުކޮޅާ ހަނދާންވެ އެވެ؛ އެމަނިކުފާނު ވިދާޅުވަނީ، މާޒީ އަށް ބަލައިގެން ކުރިމަގު ނުލިބޭނެ ކަމަށެވެ.

ފަހަރެއްގައި އެހެން އޭރު އެ ވިދާޅުވީ، ރާއްޖެ އޭރު އޮތް ސިޔާސީ ހަލަބޮލި ކަމުގައި އެހެން ގޮތެއް ނެތިގެން ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް އެއީ ވަރަށް އިބުރަތްތެރި ވާހަކަފުޅެކެވެ. ތެދެކެވެ؛ މާޒީގައި ހަޑިތަކެއް ހޭވިއްޖެ ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެން ނޫން ނަމަ، ގިނަ ބަޔަކު ގުޅިގެން ރީނދުލުގެ މުޒާހަރާތަކެއް މި ގައުމަކު ނުކުރީހެވެ. ރައީސް މުހަންމަދު ނަޝީދު ވެރިކަމަކަށް ވެސް ނައީހެވެ.

އެހެން ނަމަވެސް، މިހާރު މިފެންނަނީ އެހެން މަންޒަރެކެވެ. ކުއްލިއަކަށް އަޅުގަނޑުމެންނަށް މި ފެންނަނީ މާޒީ ކުރިއަށް ނެރެ، ކުރިމަގު ފަހަތަށް ލައިގެން އުޅޭތަނެވެ. މިހެން މި ދެންނެވީ، ހަމަ ކޮންމެ ކަމެއް ވާއިރަށް "އެ ސަރުކާރު"، "އެ ސަރުކާރޭ" ވިދާޅުވެ ކުށް ދައްކަވަމުން ގެންދަވާތީ އެވެ.
ދެތިން ވާހަކައެއް ހިމަނާލާނަމެވެ؛ ހުޅުމާލޭގެ ފްލެޓްތައް ގުރުއަތުން ލިބުނު ބައެއް މީހުންގެ ނަންތައް ކެންސަލް ކުރި ކުރުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން ދަނިކޮށް މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން ބުނަނީ އެހެން އެވީ ކުރީ ސަރުކާރުން ހަދާފައިވާ ގަވައިދަކަށް އަމަލު ކުރަން ޖެހުމުން ކަމަށެވެ. ހަމައެއާ އެކު، ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން ކޮށްފައިވާ އެއްވެސް އެގްރިމެންޓަކުން ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ރައްޔިތުންނަށް ފައިދާއެއް ކޮށްފައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު އަލީ ސަވާދު އިހަކަށް ދުވަހު ވިދާޅުވި އެވެ. އެއާ ވިއްދައިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި ފަސްދޮޅަހަކަށް ރަށުގެ ތެރެއިން މަސައްކަތް ހިނގަނީ އެންމެ ހައެއްކަ ރަށުގައި ކަމެވެ. އޭގެ ފަހުން ވީޓީވީގެ ހަބަރު ވަގުތު މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވި އެއްޗަކުން އަޅުގަނޑަށް އިތުރަށް ހައިރާންކަން އަތުވެއްޖެ އެވެ. އޭނާ ވިދާޅުވީ މާލެ ތެރެ ނާމާންވެގެން މި އުޅެނީ ކުރީ ސަރުކާރުން ކޮށްގެން އުޅޭ ކަމަކުން ކަމަށެވެ.

ތެދެކެވެ؛ އަދިވެސް އެއްފަހަރު ދަންނަވަން އޮތީ ކުރީ ސަރުކާރުން ހަޑިތަކެއް ހޭވި ކަމެވެ. އެ ހަޑިތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ނުދެއްކެނީ ކޮންތާކު، ކޮން ޖަލްސާއެއްގައިތޯ އެވެ! އެ ހަޑިތަކުގެ މަތީގައި ފަސް އަޅަން އަހަރެމެން މިހާރު މިއޮތީ އެ ސަރުކާރު ވައްޓާލައިފަ އެވެ. މިހާރުގެ ސަރުކާރުން އެ ހަޑިތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަންކަން އިސްލާހު ކުރަން މަސައްކަތް ކުރުން މާ އައުލާކަން ބޮޑެވެ. ކުރީ ސަރުކާރުން ހަދާފައިވާ ގަވައިދުތައް ގޯސް ނަމަ، ބަލަހައްޓައިގެން ނުތިބެ އެކަން ރަނގަޅުކުރަންވީ އެވެ. އެއްބަސްވުންތަކުން "ހަމަ އެއްވެސް ފައިދާއެއް" ނުކުރަންޏާ އެއްބަސްވުންތައް އުވާލައި އެއްބަސްވުންތައް އަލުން ހަދަންވީ އެވެ. އަމާންކަން ގެއްލިފައި ވަނީ ކުރީ ސަރުކާރުގެ އިހުމާލުން ނަމަ، ބަލަހައްޓައިގެން ނުތިބެ މިހާރު އެކަން ރަނގަޅު ކުރަންވީ އެވެ. ފަސްދޮޅަސް ރަށުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްތޯ ބަލައި، ސަރުކާރަށް ދެވެން އޮތް އިނާޔަތްތަކެއް ދީގެން އެކަން ރަނގަޅުކުރަންވީ އެވެ. ހަމައެކަނި ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ ވިދާޅުވެ ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ. އެހެން ނޫނަސް، އެ ބޭފުޅުން އެހެން އިރުއިރުކޮޅަކާ ވިދާޅު ނުވިޔަސް، މިހާރު ހުރި މައިގަނޑު އިޝޫތައް ނުކުމެފައި ހުރީ ކުރީ ސަރުކާރުގެ އިހުމާލުވުންތަކާއި އެހެނިހެން ސަބަބުތަކާ ވެސް ގުޅިގެންކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެ އެވެ.

މުހަންމަދު ނަޝީދަކީ ގައުމުގެ ވެރިޔާ އެވެ. މިހާރު އެއީ ދިވެހި ރައްޔިތުންގެ ވަލިއްޔުލްއަމުރެވެ. މާނައަކީ، އެމަނިކުފާނުގެ އަތްޕުޅުގައި މިހާރު ހުރިހާ ބާރެއް އޮތްކަމެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން މި އުޅެނީ އެ ހުރިހާ ބާރަކާ އެކު އަދިވެސް މާޒީ ހޯދާށެވެ. މާޒީގައި ނާކާމިޔާބުވެފައިވާ ބަޔަކަށް ދެން މާޒީން ހޯދޭނެ ފިލާވަޅެއް ނޯންނާނެ އެވެ.

ގައުމުގެ އަމާންކަން ނަގާލީ، 30 އަހަރުގެ ހުދުމުހުތާރު ވެރިކަމަކުން ކަމަށް ވާނަމަ، މިހާރު އޮތް "ސާފު އަދި ހެޔޮ ވެރިކަމުގެ ނިޒާމުން" އެކަންކަން ހަމައަކަށް އަޅުވަންވީ އެވެ. އެކަމަށް އޮތް ހުރަހެއް ނެތެވެ. މާލޭގެ އަމާންކަން ނެތި، އަނެއްކާ ވެސް ކަޓަރާއި ލޮންސިތަކާ އެކު ގުރޫޕުތައް ނުކުތުމުގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތެވެ. މިހާރު ހިނގާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ މިހާރުގެ ސަރުކާރުންނެވެ.

ރައީސް ނަޝީދު ކުރިއަށް ވަޑައިގަންނަވަންވީ އެވެ. ގޮންޖެހުންތަކާ އެކު ވެސް އެމަނިކުފާނު މިކަންކަން ހައްލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުންމީދުކުރެވެ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ބައެއް ކަންކަމުގައި ރަނގަޅު ކަމަށް އަޅުގަނޑަށް ވެސް ގަބޫލުކުރެވެ އެވެ. މި ހިނގާ ފަސް އަހަރަކީ ކުށް ދެއްކުމުގެ ކުޅި ސަމާއަކަށް ނުހައްދަވައި، ރައްޔިތުންނަށް ހެޔޮ ގޮތްތައް ފަހިކޮށްދޭނެ ފަސް އަހަރު ކަމަށް އަޅުގަނޑު ހެޔޮހިތުން އުންމީދު ކުރަމެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino