ރައްޔިތުންނާއި ގުޅުން ހުރި ޤައުމީ ބޮޑެތި ކަންކަން ނިންމުމުގައި ރައްޔިތުންނަށް އޮތީ ކިހާވަރެއްގެ ފުރުޞަތެއްބާ؟
ލިޔުނީ : އަޙްމަދު ދާއޫދު
"ދިވެހި ދައުލަތުގެ އެނެމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މިއީ ދިވެރާއްޖޭގެ އައުޤާނޫނު އަސާސީގެ ފުރަތަމަ ބާބު " ދައުލަތާއި ،އަމިއްލަ ވެރިކަމާއި ،ރައްޔިތުން " މިބައިގެ 4 ވަނަ ނަމްބަރުގައި ލިޔެފައިވާ ޢިބާރާތް ކޮޅެކެވެ. މިޢިބާރާތް ކޮޅުން ވަރަށް ސާފުކޮށް ފެންނަން މިއޮތީ ހުރިހާބާރެއްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، ހުރިހާބާރެއް އޮތީވެސް ރައްޔިތުންގެ ކިބައިގައިކަމެވެ. 
ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެންއަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ވާއިރު ޤައުމީ ބޮޑެތި މައްސަލަތަކާއި ގުޅުން ހުރި ބޮޑެތި ކަންކަން ނިންމުމާއި އެފަދަކަންކަމަށް ބަދަލުގެނައުމުގައި ރައްޔިތުންގެ ދައުރަކީ ނުވަތަ ރައްޔިތުންނަށް އޮތް ފުރުޞަތު ތަކަކީ ކޮބައިބާއޭ މިހާރު އަޅުގަނޑުގެ ހިތަށް އަރައެވެ. 
އަޅުގަނޑު މިދަންނަވަނީ ދިވެހިރާއްޖޭގެ ރައީސަކު އިންތިޚާބު ކުރުމަށް ވޯޓުލުމާއި، ރައްޔިތުންގެ މަޖްލީހަށް މެމްބަރުން ހޮވަން ވޯޓުލުމުގެ ފުރުޞަތު ނެތްވާހަކައެއްނޫނެވެ. އެފުރުޞަތު ކޮންމެވެސްސިފައެއް ގައި ހުޅުވިފައި ނެތެކޭ އަޅުގަނޑު ނުދަންނަވަމެވެ. އަޅުގަނޑު މިދަންނަވަނީ ޤައުމީ ބޮޑެތި ކަންކަން ނިންމުމުގައި ސީދާ އެއްވެސް ފުރުޞަތެއް ރައްޔިތުންނަށް ލިބިފައި ނުވާ ވާހަކައެވެ. އަދި އެފަދަ ކަންކަން ރައްޔިތުންނާއި ވާހަކަ ނުދައްކާ ނުވަތަ ރައްޔިތުންގެ ޚިޔާލަކީ ކޮބައިތޯ ނުބަލާ ނިންމުމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހިފައިވާ ވޭނައި ބިރުވެރިކަމާއި ހިތްދަތިކަމުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލަން ޖެހޭ ރަގަޅު މުހިއްމު ޕޮއިންޓެއްކަމަށް އަޅުގަނޑު ދެކެމެވެ. 
މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން މިއުޅޭ ސިޔާސީ ބައިބައިވުމާއި ، ސިޔާސީ ހަގުރާމައިގެ  އަސްލު ކަމުގައި އަޅުގަނޑު ޤަބޫލުކުރާނީ ސިޔާސީ ޕާޓީތަކެވެ. ކޮންމެ 3000 މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދާ އެންމެ 3 ލައްކަ މީހުންގެ މިކުޑަ އާބާދީ ގައި ދިހަ ބާރަ ޕާޓީ އުފެއްދުމެވެ. އަދި އެ ޕާޓީތައް އުފައްދައިގެން ދައުލަތުގެ މާލިއްޔަތުން އެޕާޓީތަކަށް މިލިޔަނުން ފައިސާ ޚަރަދު ކުރުމެވެ. އެއްވެސް އުސޫލެއް ހަމައެއް ނެތި އެތަންމިތަނުން މީހުންގެ ރަޖިސްޓްރީ ހޯދައިގެން ޕާޓީއަށް މީހުން ހަމަކުރުމެވެ. މިފަދަ ޕާޓީތަކުގެ ރަޖިސްޓްރީ ސައްޙަކަން ބެލޭނެ ރަގަޅު ނިޒާމެއް ޤާއިމްވެފައި ނެތްކަމެވެ. 
އެހެންނަމަވެސް މިފަދަ ބޮޑު ހަލަ ބޮލިކަމެއް މިޤައުމަށް ގެނައި ސިޔާސީ ޕާޓީތައް އުފެއްދީ ފަހެ ކޮންރައްޔިތަކު ކައިރީ އަހާފާބާއެވެ. ނުވަތަ އެއްވެސް ވަރެއްގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުނު ބާއެވެ. ފަހަރެއްގައި ޤާނޫނު އަސާސީ ގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ވާހަކަ ބަޔާން ކޮށްފާ އޮތީމާ ސިޔާސީ ޕާޓީ އުފެއްދީކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޤަބޫލު ކުރައްންޖެހޭ ޙަޤީޤަތަކީ ޤާނޫނު އަސާސީގައި ސިޔާސީ ޕާޓީތައްއުފެއްދުމަށް ހުއްދަ ކުރާ މާއްދާއެއް އޮތް ހިނދުގައިވެސް އެކަން ލަސްކޮށްފައިވަނީ މިފަދަ ހަލަބޮލިކަމެއް މިޤައުމަށް ވެރިވެދާނެތީކަމެވެ. ނަމަވެސް ބޮޑެތި އާބާދީ ތަކުގައި މިފަދަ ޕާޓީތައް އުފައްދައިގެން ވެރިކަން ހިންގަމުންދާތީ މިޤައުމުގައިވެސް އެކަން އެމަގުން ކުރީކަމަށް ބެލެވެއެވެ. ކަމެއް ކުރުމުގެ ކުރިން އެކަމަކަށް ވާން ޖެހޭ ތައްޔާރީތައް ވުމަކީ ކޮންމެހެން ބޭނުންކަމެއްކަން މިއަދު މިވަނީ އެންމެންނަށްވެސް އެގިފައެވެ. 
އެފަދަ ހަލަ ބޮލި ކަމެއް މިޤައުމަށް ގެނައި ދެވަނަ ކަމަކީ ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ ބޮޑުމުސާރައެވެ. އެބޭފުޅުންގެ މުސާރަ އެބޭފުޅުން އަމިއްލައަށް ކަނޑައެޅުއްވުމެވެ. އަތްނުފޯރާ ފަށަށް އެބޭފުޅުންގެ މުސާރަ ބޮޑުވެގެން ދިޔަކަމެވެ. އެމުސާރަ އެބީދައިން ބޮޑުވެގެން ދިޔުމުން ރާއްޖޭގެ އިންފުލޭޝަން މައްޗަށް ދިއުމެވެ. ސަރުކާރުގެ އެހެނިހެންމިނިވަން މުއައްސަސާ ތަކުގެ މުސާރަ ބޮޑުކުރަން ޖެހުމެވެ. ޚިދުމަތުގެ އަގާއި ތަކެތީގެ އަގު އަހަރެމެންކަހަލަ އާދައިގެ ރައްޔިތުންނަށް އަތްނުފޯރާ ހިސާބަށް ދިޔަކަމެވެ. 
އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިއީ އަކީވެސް ހަމަޖެހޭ އުސޫލެއްނޫނެވެ. އެމީހެއްގެ މުސާރަ އެމީހަކު އަމިއްލައަށް ކަނޑައަޅާ ގޮތަށް އޮންނަންވެއްޖިއްޔާ އޭގެ އެއްވެސް ލިމިޓެއް ނޯންނާނެއެވެ. އެކަމުގެ ޙަޤީޤަތް މިއަދު މިއޮތީ ފެންނާށެވެ. ޤާނޫނު އަސާސީގައި މަޖްލިސް މެމްބަރުންގެ މުސާރަ ކަނޑައަޅާނީ މަޖްލިސް މެމްބަރުން އަމިއްލަފުޅަށް ކަމަށް އޮތީމާ މިކަންވެސް އެއްވެސް ރައްޔިތެއްގެ ކިބައިން ހޭ ވެސް އަހާނުލައި ކުރެވިގެން ދިޔައީއެވެ. އެކަމަކު ހުރިހާ ބާރެއް އޮތީ ރައްޔިތުންނަށޯލައެވެ. 
ދެންފާހަގަކޮށްލަން ޖެހޭ މިފަދަ އަނެއްކަމަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ބޭނުންކުރެވެމުން އައި ރިޔާސީ ގަނޑުވަރު ބަދަލުކޮށްލުމެވެ. ތީމުގެއަކީ އެމެރިކާގައިނަމަ ވައިޓްހައުސްއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ހައިބަތާއި، އަމިއްލަ ވަންތަކަމާއި، ފުދިގެންތިބި މިންވަރު ދައްކުވައިދޭ ރީތި ބިނާއެއްގެ ގޮތުގައި ޒަމާނުގެ ފެންވަރަށް ރައްޔިތުންގެ ފައިސާގައި ހަދާފައިވާ ތީމުގޭގެ ހައިބަތު ގެއްލުވާލިކަމެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެތާންގެ ރީތިކަމާއި، ހިތްގައިމުކަން ވެއްޔާ މޮޑެލި ކަމެވެ. 
ގިނަބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަ އުފުލާ އޮއްވާ މިފަދަ ބޮޑުބަދަލެއް ގެނައީ ކޮން ރައްޔިތަކު ކައިރީ އަހާފަބާއެވެ. އެތާނގެ ހުރިހާ މުވައްޒަފުންނާއި، އެކު އެހާބޮޑު ޚަރަދެއް ބޭކާރު ގޮތެއްގައި ވެގެން ދިޔުމަށް އެއްވެސް ރައްޔިތަކު އެދޭނެބާއެވެ. ހަމަ ގައިމުވެސް އެއްވެސް ސަބަބެއް ނެތި އަމިއްލަ ޤައުމުގެ ހައިބަތު ނަގާލާކަށް އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. އަދި ރައްޔިތުން ގެ ބަޔަކު އެކަން އެމަގުން ކުރަން އެއްބަސްވީނަމަވެސް އެކަން ކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލެއް ހޯދާލިނަމަ ފަހެ ވާނީ ކީއްހެއްޔެވެ. 
ދެން އޮތީ ބޮޑުވާހަކައެވެ. ޕްރޮވިންސް ތަކުގެ ވާހަކައެވެ. އެއްބަޔަކު އެއީ ޤާނޫނާއި ޚިލާފު ކަމެކޭ ގޮވަމުން ދާއިރު އަނެއްބަޔަކު އެދަނީ ޕްރޮވިންސް ތައް ހަދާ މިނިސްޓަރުންނާއި، ސްޓޭޓްމިނިސްޓަރުންނާއި، ސްޓޭޓްމިނިސްޓަރުންގެ ނައިބުން ފަދަ މަތީ ސިޔާސީ މަޤާމް ތައް އުފައްދާ ރައްޔިތުންގެފައިސާއަށް ހިތުހުރި ގޮތެއް ހަދަމުންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އިދާރީ ހިންގުމަށް މިފަދަބޮޑުބަދަލެއް ގެނެވޭއިރު ރައްޔިތުންގެ ޚިޔާލެހޯދާލުމަކީ ކޮންމެހެން ވެސްކުރަންޖެހޭނެކަމެއް ކަމަށް އަޅުގަނޑުދެކެމެވެ. އެހެން އެމަގުން ކުރެވުނުނަމަ މިކަމުގައި މިއުފެދިގެން އުޅޭ ދެބަސްވުން ކޮންމެވެސް ވަރަކަށް މަދުވީސްކަން ކަށަވަރެވެ. 
ރަށްރަށުގެ ކަތީބުންގެ އިތުރަށް ރަށް ރަށުގެ އޮފީސްތަކުގައި އިތުރުމަޤާމެއް އުފައްދާ ކައުންސިލަރުން އައްޔަންކުރުމަކީ ވެސް މިފަދަ ބޮޑު ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. ޤާނޫނު އަސާސީގައިވާ ގޮތަށް ދައުލަތް ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލް ޖުމުހޫރިއްޔާއަށް ކަމަށް ޤާނޫނޫ އަސާސީގައި ލިޔެވިފައިވާ ކަން އަޅުގަނޑުވެސް ޤަބޫލް ކުރަމެވެ. ނަމަވެސް އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުން ލުމުން ދެބަސްވާ މީހުން ގެ އަދަދު ގިނަވުމުން އެނގޭ އެއްޗަކީ ރައްޔިތުންގެ ޚިޔާލެއްވެސް މިކަމުގައި ބޭނުންކަމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ސީދާ ޚިޔާލު ހުރިގޮތެއް ބަލައިލުމަކުން، އަޅުގަނޑަށް ވިސްނޭ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ ޤަދަރު ދަށްވެގެންދާނެކަމެއް ނޫނެވެ. 
65 އަހަރުންމަތީގެ މީހުންނަށް ސަރުކާރުން ފައިސާ ދެއްވާ ގޮތަށް ހަމަޖެއްސެވުމަކީވެސް ހަމަ މިފަދަ ދެބަސްވުން ތަކެއް އުފެދިގެން ގޮސްފައިވާ ކަމެކެވެ. އެޢުމުރުގެ ބޭފުޅުންނަކީ އަޅުގަނޑުވެސް ޤަބޫލު ކުރާގޮތުގައި ދިވެހިން ގެ ޢިއްޒަތްތެރި ދުވަސްވީ މީހުންނެވެ. މިމުޖްތަމަޢުގައި އެމީހުންނަށް ޚާއްޞަ ޤަދަރެއް ދެވެން ޖެހޭނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާއަކީ ކުދިބޮޑު އެންމެހައި ދިވެހިރައްޔިތުންގެ ޙައްޤަކަށް ވާއިރު ހަމަ އެކަނި ޢުމުރުން ދުވަސްވީ މީހުންނަށް ފައިސާގެ އެހީދެއްވުމަކީ އެހެން ރައްޔިތުންނަށް ވެވޭ ބޭ އިންސާފަކަށް ވެދާނެއެވެ. އެހެންކަމަށް ވާއިރު މިކަންވެސް ރައްޔިތުންގެ ކިބައިން ޚިޔާލެއް ހޯދާލުމަށް ފަހު ކުރިނަމަ ކިހާ ރީތިވީސް ހެއްޔެވެ. 
ސްކޫލްތައް ޕްރަވަޓައިޒް ކުރުމާއި، ޔުޓިލިޓީސް ކުންފުނި ތައްހެދުމާއި، މާލޭމުނިސިޕަލްޓީގެ ޚާއްޞަދަފްތަރު އުވާލުމަށްނިންމުމާއ، ހުޅުމާލޭކިޔާ ބޮޑު ބިމެއް ހިއްކުމާއި، ސިވިލްސަރވިސްގެ މުވައްޒަފުން އުނކުރުމަށް ނިންމުމާއި، މުވައްޒަފުންގެ މުސާރަ ނުވަތަ އެލަވަންސް އުނިކުރަން ނިންމުމާއި، މިފަދަ ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ޤައުމީމައްސަލަ ތައް ނިންމުމަކީ އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ ޚިޔާލުހޯދުމަށް ފަހުގައި ނޫނީ ކޮންގެންވާނެކަންތައް ތަކެއްނޫނެވެ. އެހުންނަނީ ބޮޑެތިކަންތައް ތަކެކެވެ. ބޮޑެތިކަންކަން ނިންމަންވާނީ ގިނަމީހުންގެ ޚިޔާލާއި އެއްގޮތަށެވެ. 
އަޅުގަނޑު މިދަންނަވަނީ ފަހަރެއްގައިވެސް ހަމަ ކަމެއްކުރަންވާހާ ފަހަރަކު ރައްޔިތުންގެ ވޯޓެއް ނަގާވާހަކައެއްނޫނެވެ. ރައްޔިތުންނާއި ގުޅުންހުރި ޤައުމީ ބޮޑެތި ކަންކަމުގެ ވާހަކައެވެ. އެފަދަ ކަންކަމަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ މިނިވަން މުވައްސަސާ ތަކުގެ ބާރު ކެނޑިގެން ދިއުން ކަމުގައި ކަމަކަށް ވެސް އަޅުގަނޑު ނުދެކެމެވެ. 






0 ޚިޔާލު:
Post a Comment