November 22, 2009

ކުއްޖާ ބިނާކުރެވެނީ އެތައް ބަޔެއްގެ މަސައްކަތުން

ކުއްޖާ ބިނާކުރެވެނީ އެތައް ބަޔެއްގެ މަސައްކަތުން


އޭގެ އެތިކޮޅެއް ދީ


1. އަހަރެންގެ ކަންތަކާ މަންމަ އާއި ބައްޕަ ދެރަވަނީހެއްޔެވެ؟ ދެރަވާނެ ކަމެއް ނެތެވެ. އެހީތެރިވާން ބެނުންވަނީހެއްޔެވެ؟ ވެވޭނެ އެހީއެއް ނެތެވެ. ދެރަވާންވީ ދުވަސް މާޒީވެ ހިގައްޖެއެވެ. އެހީތެރިވެދޭންވީ ވަގުތު ފާއިތުވެއްޖެއެވެ. މިހާރު މަންމަމެން ދެރަވާނަމަ ނުވަތަ އެހީތެރިވެދޭން ބޭނުންވާނަމަ އަހަންނަށް އޭގެ އެތިކޮޅެއް ހޯދައިދޭށެވެ. އެއަށްވުރެން ބޮޑު އެހީއެއް ނުވެވޭނެއެވެ.
2. އަހަރެން ކުޑައިރު މަންމަ އާއި ބައްޕަގެ ލޯބި ބޭނުންވިއެވެ. މަންމަމެން އަހަންނާ ވާހަކަ ދައްކައި ހީނ ހަދަން ބޭނުންވިއެވެ. އަހަންނާއެކު ކުޅިވަރު ކުޅެ ހަދަން ބޭނުންވިއެވެ. ކައިރި ގޭގޭގެ ކުދިންވެސް އެކުދިންގެ ބައްޕަގެ ކޮނޑުމަތީގައި ނުވަތަ އަތުގެ އިނގިލީގައި ހިފަހައްޓައިގެން އެދާ ގޮތަށެވެ. ނަމަވެސް މިއިން ކަމެއް ނުކުރަމުއެވެ. އަހަރެން ބޮޑުވެގެން އައިއިރު އަހަންނަށް އަބަދާއި އަބަދު އިވެމުން ދިޔައީ މަންމަ އާއި ބައްޕަ ޒުވާބުކުރާ އަޑެވެ. ފެނުނީ އަރާރުންވާ ތަނެވެ. އަހަރެން ހީކުރީ އަހަންނާ ހެދި ކަމަށެވެ. އަހަރެން އުޅޭތީކަމަށެވެ. އެހެން ހީކުރެވުނީ އަހަރެންގެ ނަން ކިޔާއަޑު އިވޭތީ އެވެ. މަންމަ ވެސް އަދި ބައްޕަ ވެސް އަހަރެންދެކެ ރުޅި އައިސްފައި ހުންނަހެން ހީވާތީއެވެ. އަހަންނާ އަޅާ ނުލާތީ އެވެ. ތެދެކެވެ. މަންމަމެން އަހަންނަށް ކާންދިނެވެ. ފޭރާން ދިނެވެ. ސުކޫލަށް ފޮނުވިއެވެ. އެކަމަކު އަހަރެން ބޭނުންވީ އެއްނޫނެވެ. ލޯތްބެވެ. އެއެއް ނުދިނީމުއެވެ. މިއަދު އަހަރެން ލޯތްބެއް ބޭނުމެއް ނޫނެވެ. މިއަދު ބޭނުމީ އޭގެ އެތިކޮޅެކެވެ. ހޯދައި ދޭށެވެ.
3. މަންމަ ވެސް، ބައްޕަ ވެސް ކޮއްކޮދެކެ ލޯބިވިއެވެ. އަހަންނަށް އެކަން އެނގެއެވެ. ކޮއްކޮ ނިދާއިރު ބައްޕަ ކައިރީގައި އިނދެގެން ރީތިވާހަކަ ކިޔައިދެއެވެ. ކޮއްކޮ ބުނާނެއެވެ. "އަދި އެއްވާހަކަ." ބުނާއިރަށް ބައްޕަ އެހެން ވާހަކައެއް ކިޔައިދެއެވެ. އަހަރެން ވާހަކައެއް ކިޔައިދޭށޭ ބުނެފިނަމަ ބައްޕަ އޮންނާނީ ނިދި އައިސްފައެވެ. ނުވަތަ ވަރުބަލިވެފައެވެ. މަންމަމެން ކޮއްކޮއަށް ރީތި އެއްޗެތި ހޯދައިދެއެވެ. އަބަދު ބަހައްޓަނީ ނަލަހައްދާފައެވެ. ގޮވައިގެން ތަންތަނަށް ދާނެއެވެ. އެއީ ރަންދަރިފުޅެވެ. މަންމަމެން ބުނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކާ ތަފާތުވާނެއޭއެވެ. ތެދެކެވެ. ތަފާތު ވާނެއެވެ. ކޮއްކޮ ބޮޑުވީ ކިޔެވުމުގެ ތެރޭގައެވެ. އަހަރެން ބޮޑުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ތެރޭގައެވެ. މަންމަމެން އަހަންނަށް އޭގެ އެތިކޮޅެއް ހޯދައިދޭށެވެ.
4. މިހާރު އަހަރެން ގޭގައި މަޑުނުވާތީ އެވާހަކަ ދައްކަނީ ހެއްޔެވެ؟ އަހަރެން ކުޑައިރު ގޭގައި އުޅެން މަންމަމެން ބޭނުމެއްނުވީމު ނޫންހެއްޔެވެ؟ ތަންތަން ހަޑި ކުރާތީއެވެ. އަޑުގަދަ ކުރާތީއެވެ. ކޮއްކޮއާ ތޮޅޭތީއެވެ. ތަންކޮޅު ދަތިކަމުންނެވެ. ކުޑަކުޑަ އެންމެ ކޮޓަރިއެއްގައި ތިން ޢާއިލާއެވެ. ކައްކަނީ އެތަނުގައެވެ. ކަނީ އެތަނުގައެވެ. ކިޔަވަނީ އެތަނުގައެވެ. ނިދަނީ އެތަނުގައެވެ. މަންމަމެނަށް ރަނގަޅީ އަހަރެން ގޭގައި، ނޫން، ކޮޓަރީގައި ނެތިއްޔާއެވެ. އަހަންނަށްވެސް ރަނގަޅީ އެކޮޓަރިން ބޭރަށް ނުކުމެވުނިއްޔާއެވެ. ދުވާ ވަހުންނެވެ. ހޫނު ގަދަކަމުންނެވެ. ޖައްސައިލާނެ ތަންކޮޅެއް ނުހުންނާތީ އެވެ. މަންމަމެން ރުޅިއައިސްފައި ތިބޭހެން ހީވާތީ އެވެ.ހިތްހަމަ ޖެހުމެއް ލިބުނީ ރައްޓެހިންނާއެކު އުޅުނީމަ އެވެ. އެއީ އަހަރެން ކަހަލަ ކުދީންނެވެ. މިހާރު ޒުވާޏުންނެވެ. މިއަދު ގޭތެރެ ތަނަވަހެވެ. ނަމަވެސް އުޅޭހިތެއް ނުވެއެވެ. މި އަދުވެސް އުޅޭ ހިތްވަނީ އެމީހުނާ އެކު އެވެ. އޭރު އަހަރެން ބޭނުންވި ގާތްކަން ދިނީ އެމީހުންނެވެ. މިއަދު އަހަރެންބޭނުންވާ އެތިކޮޅު ދެނީވެސް ހަމަ އެމީހުންނެވެ.
5. އަހަރެންގެ އަތަށް އިންޖެކުޝަން ޖަހާފައިހުރިތަން ބަލާފައި މަންމަ ރުއީހެއްޔެވެ؟ މަންމާ އެވެ. އެއީ އަމިއްލައަށް ޖެހީމާ ވީގޮތެކެވެ. ނާރަށް އެފަހަރު ނުޖެހުނީ އެވެ. ދެންފަހަރަކު އެހެނެއް ނުވާނެ އެވެ. ކުރިއަކުން އިންޖެކުޝަނެއް ނުޖަހަމެވެ. އޭރު އެހެން އެއްޗެތި ރަނގަޅެވެ. މަޖަލެވެ. ނަމަވެސް މިހާރު އެންމެ މަޖާވަނީ ކަށި ހަރައިލުމުންނެވެ. މިހާރު އަހަރެން ބޭނުމީ ހަމަޖެހިލާށެވެ. އަހަންނަށް ކަމެއް ކޮށްދޭން ބޭނުންނަމަ އަހަރެން އިރުކޮޅަކަށް ހަމަ ޖައްސައިލަ ދޭށެވެ. އަހަރެންގެ ނާރަކަށް އޭގެ އެއްޗެއް ޖަހައިލަދޭށެވެ.
6. އަހަރެންގެ ހަށިގަނޑަށް ވަމުންދާ ގޮތް ފެނިފައި މަންމަ ހިތްދަތި ވަނީ ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑާމެދު ނުވިސްނާށެވެ. އަހަރެންގެ ހަށިގަނޑެއް ނެތެއް ނޫންހެއްޔެވެ؟ އެންމެ މަސްކޮޅެއްވެސް ގަޔަކު ނެތެވެ. ލޯ މިވަނީ ވަޅުވަދެފަ އެވެ. ހަންގަނޑު މިވަނީ ހިކިފަ އެވެ. ކުރަކި ވެފައެވެ. އެއީ ބޭރުފުށެވެ. އަހަރެންގެ އެތެރެ ވެސް ވަނީ ހަލާކު ވެފައިކަން އަހަންނަށް އެނގެއެވެ. ނޭވާލުމަށް ދަތިވެއެވެ. ހިތް ތެޅިގަންނަ އިރު މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. ހަޖަމުގެ ނިޒާމު ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އެއީ އެތެރެއެވެ. އަދި އެތެރޭގެ އެތެރެވެސް އެހެންނެވެ. އަހަންނަކަށް ރަނގަޅަކަށް ނުނިދެއެވެ. ހަމައަކަށް ނުނިދެއެވެ. ހަމައަކަށް ނުވިސްނެއެވެ. ޚިޔާލެއް ނުކުރެވެއެވެ. އެއްކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ހަނދާނެއް ނުހުރެއެވެ. ތި ހީކުރީ ރަނގަޅަށެވެ. އަހަރެން ދެން ފެންނާނީ ކޮންމެވެސް ތަނަކަށް ވެއްޓިފައި އޮއްވައެވެ. މަގުމަށްޗަށެވެ. މިސްކިތު ގޯތިތެރެއަށް ކަމަށްވެސް ވެދާނެއެވެ. ބަލައިލާއިރު އޮންނާނީ މަރުވެފައެވެ. އަވަހަށް އެތިކޮޅެއް ދޭށެވެ.
7. އަހަރެންނަކީ ގޯސްމީހަކަށް ވެގެން ކަލޭމެން އަހަންނަށް ކިހާ އަދަބެއް ދީފީމު ހެއްޔެވެ؟ ކިތައް ފަހަރު ޖަލަށް ލައިފިންހެއްޔެވެ؟ އަދިވެސް ތިއުޅެނީ ބަންދު ކުރަން ހެއްޔެވެ؟ އަހަރެންކަހަލަ ކިތައް މީހުން ބަންދުކޮށްގެން އެބަ ގެންގުޅެމު ހެއްޔެވެ؟އަހަރެމެން އުމުރުގެ ޒުވާނުންގެ ބޮޑު ބައެއް އެއޮތީ އެތަނުގައި ނޫން ހެއްޔެވެ؟ އެތަންތަން ފުރުމުން މަގުމަތީގައި ނޫންހެއްޔެވެ؟ އަޑު އަހައިލަބަލާށެވެ. ވިސްނައިލަބަލާށެވެ. ކުރިން އަހަންނަކީވެސް ހަމަ ތިބުނާ ކަހަލަ ރަނގަޅު ކުއްޖެކެވެ. އުޅުނު ކުލާހުން އޭ ވެސް ހޯދީމެވެ. ފަހުން އޭ ނުހޯދުނީ އެވެ. ގޭތެރެ ދަތިކަމުންނެވެ. ކިޔަވަން ނީނދެވޭތީ އެވެ. މަންމަމެން އަޅާވެސް ނުލާތީއެވެ. ޓީޗަރުންވެސް އަޅައެއްނުލައެވެ. މަސައްކަތް ކުރިޔަސްނުކުރިޔަސް ވަރިހަމައެވެ. އެގުނަސް ނޭގުނަސް މައްސަލައެއްނެތެވެ. އެއްޗެއް ނޭގިގެން ދެފަހަރުކު އަހައި ފިއްޔާ އަންނާ ނީރުޅިއެވެ. ފޫހިވެގެން ވެސް ކަމެއްކޮއްލެވޭ އިރަށް އެވީ އޮފީހަށް ދާށެވެ. ދުވަސްތައް ތަކުރާރު ވަމުން ދިޔައީ މިގޮތަށެވެ. ސްކޫލުގައި އަހަރެން ކަހަލަ ކިތަންމެ ކުދިންނެކެވެ. ކިޔަވާހިތް ނުވާކުދިން ނެވެ. ދެރަ ކުދީންނެވެ.އަހަރެމެނާ އަޅާލާކަށް ނޫޅެއެވެ. އެހީތެރި ވެދޭކަށް ނޫޅެއެވެ. އެމީހުން ބޭނުން ވަނީ އަރެމެން އެތަނުން ވަކިކުރަން ކަން އެގެއެވެ. އޮފީހަށް ގެންދިޔުމުން އެންމެ ފުރަތަމަވެސް ދެނީ ސްކޫލުން ވަކިކުރެވިދާނެކަމުގެ އިންޒާރެވެ. ދެވަނައަށްވެސްދެނީ ތިންވަނަފަހަރު ވަކިކުރެ ވިދާނެ ކަމުގެ އިންޒާރެވެ. ކޮންމެ ފަހަރަކު އަހަރެން ގެ ފޯމުގައި ފެއިލް ޖަހަމުން ދިޔައެވެ. އަހަރެން ސުކޫލުން ވަކިކުރީ ފެއިލްވެގެންނެވެ. އަހަންނަކީ ފެއިލް ވެފައި ވާމީހެކެވެ. އަހަރެންގެ ރައްޓެހިންނަކީ ވެސް އޭގެ މީހުން ނެވެ. ފެއިލް ނުވާމީހުން އުޅޭ ގޮތަކަށް އަހަރެމެންނަށް ނޫޅެވޭނެ ނޫންހެއްޔެވެ؟ އަހަރެމެން ހިތަށްދަތިކުރި ހަނދާންތަކާ ދުރަށްދާން ބޭނުންވެއެވެ. އެކަމަށް އެންމެ ރަގަޅީ އޭގެ އެތިކޮޅެކެވެ. އަހަންނަށް އެތިކޮޅެއް ދޭށެވެ. އިތުރަކަށް ފެއިލެއް ނުވާނަމެވެ. ގޯހެއްވެސް ނުވާނަމެވެ. ދެންވާނީ މަރެވެ. ވަޅުލާށެވެ.
8. ބުނަން ހެއްޔެވެ؟ ކަލޭމެންވެސް ތިތިބީ ފެއިލް ވެފައެވެ. މަންމަމެންވެސް ފެއިލް ވެފައެވެ. ޓީޗަރުންނާ ސްކޫލުވެސް ފެއިލް ވެފައެވެ. އަހަރެމެން ރަގަޅުގޮތުގައި ބޮޑު ނުކުރެވުނީތީއެވެ. އެކަމަކު ކަލޭމެން އެންމެން ބަދުނާމު އަޅުވަނީ އަހަރެމެންގެ ބޮލުގައެވެ. އަދި ތިހެނީ އެވެ.
9. ކަލޭމެން ހަމަ ހެނީހެއްޔެވެ؟ އާނއެކެވެ. ހޭށެވެ. ކަލޭމެން ތިޔަހާ ހަމަޖެހޭ މީހުން، ރަނގަޅުމީހުން، އަހަރެމެން ކުދިން ކޮޅު ގެންގޮސްގެން މަޑުމަޑުން މިއަށް ހޭނުވީ ނޫންހެއްޔެވެ؟ ކަލޭމެން އުފަލުގައި އުޅެން ލާރި ހޯދުމަށެވެ. އެ ވިއްކައި ދީފައި ކަލޭމެންނަށް އަހަރެމެން ހާދަ ލާރިޔެއް ހޯދައި ދިނީމުއެވެ. ބޭންކް އެކައުންޓް ބޮޑުކޮށްފީމުއެވެ. ވިޔަފާރި ފުޅާކޮށް ފީމުއެވެ. ގެ ބުރިބުރިއަށް ހިއްލައިލައިފީމުއެވެ. ކުދީންނަށް ކިޔަވައިދީފީމުއެވެ. ކަލޭމެން ތިއުޅެނީ އުފަލުގައެވެ. އަރާމުގައެވެ. އަހަރެމެން މިހަލާކުވީއެވެ. އަހަރެން މި މަރުވަނީއެވެ. ވަރިހަމަނޫންހެއްޔެވެ؟ އައު ކުދީން ކަލޭމެން ހޯދައިފީމުއެވެ. ހެޔޮނުވާނެއެވެ. އެންމެ ފަހުން އަހަންނަށް ދޭ އެތިކޮޅު ދެން އަވަހަށް ދޭށެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino