
ދިވެހި ފުލުހުންގެ އިސް 4 އޮފިސަރަކު އިންޑިޔާގެ މައިސޫރުގައި ހުންނަ ކަރުނާޓަކާ ޕޮލިސް އެކެޑެމީން އެއްއަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ނިންމެވުމަށްފަހު މާލެވަޑައިގެންފިއެވެ. ޗީފްއިންސްޕެކްޓަރ ރޭންކުގައި ކޯސްފުރިހަމަކޮށްފައިވާ އެ 4 ފުލުހުންނަކީ ފަތުޙުﷲ ވަޙީދު، މުޙައްމަދު ނަދީމް، ޔޫސުފު ބުޝްރީއާއި މޫސާ ރަޝީދުއެވެ.
[ސީނިއަރ ޕޮލިސް އޮފިސަރސް ކޯސް] ގެ ނަމުގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވި އިންޑޯ މާއްދާތަކުގެ ތެރޭގައި ހިއުމަން ރައިޓްސްއާއި، ސައިކޮލޮޖީއާއި،ފޮރެންސިކް ސައިންސާއި، ސައިބަރ ކްރައިމާއި، ޓްރެފިކް މެނޭޖްމަންޓް ފަދަ މާއްދާތައް ހިމެނެއެވެ. މިތަމްރީނު ގައި ބައިިވެރިވި ދިވެހި ހުރިހާ ފުލުހުންވެސް ވަނީ ކާމިޔާބުކަމާއެކު ކޯސްފުރިހަމަކުރައްވާފައެވެ. އެގޮތުން މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ދިވެހި ފުލުހުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށާއި އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުޙައްމަދު ނަދީމް އެވެ. އަދި ކޯހުގައި ބައިވެރިވި ދިވެހި ފުލުހުންގެ ތެރެއިން އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މޫސާ ރަޝީދުއެވެ. އަދި ދިވެހި ފުލުހުންގެ ތެރެއިން އިންޑޯ މާއްދާތަކުން ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފަތުޙުﷲ ވަޙީދުއެވެ. އަދި އެންމެ އަޚްލާޤު ރަނގަޅު ފަރާތަކަށް ކަރުނާޓަކާގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރެލް އޮފް ޕޮލިސް ދެއްވާ ޓްރޮފީ ހާޞިލުކޮށްފައިވަނީ ޔޫސުފް ބުޝްރީއެވެ.
މީގެ އިތުރުން މިތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ޕްލެޓޫން ތަކުގެ މެދުގައި ކުރިއަށް ގެންދިޔަ އެކިއެކި މުބާރާތްތަކުންވެސް ދިވެހި ފުލުހުން ރަންވަނަތައް ހާސިލުކޮށްފައިވެއެވެ. އެގޮތުން [ހައި ޖަމްޕް] އިން އެއްވަނަ އަދި ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މުޙައްމަދު ނަދީމް އަށް ލިބިފައިވެއެވެ.
ކަރުނާޓަކާގެ އެޑިޝަނަލް ޑައިރެކްޓަރ ޖެނެރެލް އޮފް ޕޮލިސް ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ކަރުނާޓަކާ ޕޮލިސް އެކެޑެމީގެ އިސްވެރިންނާއި އިންޑިޔާގެ އެހެނިހެން ސްޓޭޓްތަކުގެ ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެކޮލެޖުގައި ސަބްއިްންސްޕެކްޓަރ ކޯސް ފުރިހަމަކުރަމުން ގެންދާ ދިވެހި ފުލުހުންގެ 6 އޮފިސަރުންގެ އިތުރުން މައިސޫރުގައި އުޅުއްވާ ދިވެހި އާއިލާތަކުގެ ބައެއް މެމްބަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
މިކޯސް ފުރިހަމަކުރި ދިވެހި ފުލުހުން ވަނީ މެންގަލޯރގައި ކުރިއަށްދިޔަ [އިންސަރޖެންސީ އެންޑް ކައުންޓަރ އިންސަރޖެންސީ] އާއި [ފީލްޑް ކްރާފްޓް ޓްރޭނިންގ] ވެސް ފުރިހަމަކޮށްފައެވެ.
ކަރުނާޓަކާ ޕޮލިސް އެކެޑެމީން މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ދިވެހި ފުލުހުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އެއީ 1991 ވަނަ އަހަރު އެއެކެޑެމީން ހިންގި ސަބްއިންސްޕެކްޓަރ ކޯސް ފުރިހަމަކުރި 2 ފުލުހަކާއި 1999 ވަނަ އަހަރު އެކޯސް ފުރިހަމަކުރި 3 ފުލުހުންނެވެ.






0 ޚިޔާލު:
Post a Comment