December 12, 2009

އެއްބައިވަންތަކަމުގެ ދުވަސް

އެއްބައިވަންތަކަމުގެ ދުވަސް
ސައްބީސް ޑިސެމްބަރ 2004 ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ހިތާމެވެރި ޙާދިޘާ އެވެ. މި ޙާދިޘާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީ އަސަރުކޮށްފައިވެއެެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގޮސްފައިވެއެވެ. އެއީ، ރ.ކަނދޮޅުދޫ އާއި، ތ.ވިލިފުއްޓާއި، ދ.ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުންވެސް 23 ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

26ޑިސެމްބަރ 2004 ގައި ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ހާދިޘާގައި 82 މީހަކު ވަނީ ނިޔާވެގޮސްފައެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި، އަންހެނުންނާއި، ފިރިހެނުން ހިމެނެއެވެ. އަދި މި ހާދިޘާގައި ވީނުވީ ގޮތެއް ނޭގި 26މީހަކު ވަނީ ގެއްލިފައެވެ.

މިހާދިޘާގައި ގެއްލުންތައް ލިބުނު ފަރާތްތަކަށް ދިވެހި ލޮބުތި ރައްޔިތުން އެދުވަހު ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަކީ ފަހަކަށް އައިސް ދުވަހުވެސް އަޅުގަނޑުމެން ފެނިފައިނުވާފަދަ އެކުވެރި ކަމަކާއި އެއްބާރުލުމެވެ.

އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މައްޗަށް ބައްލަވައި، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް، ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރެއްވުމަށް، 2005 ޖެނުއަރީ 26 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވުމާއިގުޅިގެން 2005 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކުވެސް، އިޙްތިފާލް ކުރުމުގެ ކަންތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދައިގެން ރާވައި، ރާއްޖޭގައި އެދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙަވާލު ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެވެ.
މިގޮތުން ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރެވިފައިވަނީ 2005 ޑިސެމްބަރ 25 ވަނަ ދުވަހުއެވެ. އެދުވަހުގެ އެންމެ ޚާއްޞަކަމަކަށް އޮތީ 26 ޑިސެމްބަރ 2004 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާނާއި، އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ރޫޙު ރަމްޒުކޮށްދޭ ހަނދާނީ ބިނާގެ ބިންގާ އެޅުއްވުމެވެ. މިބިނާގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މިބިނާގެ ބިންގާ އެޅުން އޮތީ މާލޭގެ އިރުދެކުނު ފަރާތު، ރާޅާއަޅާ ސަރަޙައްދު ކައިރީގައެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino