December 12, 2009

ތަޢުލީމު ލިބިގަތުމުގެ އެއްމަގު

ތަޢުލީމު ލިބިގަތުމުގެ އެއްމަގު

ޝައްކެތް ވަސްވާހެއް ނެތެވެ. ލިޔަންކިޔަން ދަތުމާއި ތަންދޮރު ވަކިވުމާއި މިދެކަމަކީ އިނގިރޭސީންގެ މުޙާވަރާއިންނަމަ، އެއްފައިސާފޮތީގެ ދެފުށެވެ. ދިވެހިބަހުގެ އަދަބީބަހުގެ ފުންކަނޑުގެ ތެރެއަށް ފީނައިގަތަސް، ތަންދޮރު ވަކިވުމުގެ މަޖާޒީ އެއްމާނައަކީ ލިޔަން ކިޔަން ދަތުންކަމާމެދަކު ޝައްކު ނުކުރާނެ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި ތިބޭނެކަން އަޅުގަނޑަށް ހަމަޔަޤީނެވެ. ކަންމިހެން އޮތްއިރު ޒަމާނީ ސައިންސްގެ ރޮނގުން ރާއްޖެވެސް އެތަކެއް ހަލުއި ފިޔަވަޅު ކުރިޔަށް އަޅަމުންދާއިރު، އިހުތިބިތާނގައި ގާވެފައި ތިބުމަކީ ކުރަން ހެޔޮވެސް ވާވަރުގެ ކަމެއް ނޫނެވެ. ތޮށަލިދުޅަޔަށް ހިނގާކަމަށް ބުނާ ދުނިޔޭގައި އަޅުގަނޑުމެން މިހާރު މިތިބި ހިސާބުން ދަށަށް ދާނެދުވަހެއްވެސް އަންނާނެޔޭ ބުނެ، ގަބުޅިކަމަކާއި ނުލައި ކަތީބުކަމެއް ހަމަނުކުރެވޭނެޔޭ ބުނަން ހިތަށް އެރުވުމަކީ އަމިއްލަ ނަފުސުތަކަށް އަމިއްލަ އަތްތަކުން ދެވޭ އަނިޔާއެއް ކަމުގައި މެނުވީ ހަމަނުވާނެއެވެ. އަދި ކިޔެއްތަ، ކަޓުކަމާއި ދުރަށް ދީލައިލައި، ޒަމާނީ ކުރިއެރުމުގެ މައިކަނޑަށް އޮޑިނެރެލައި، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށް ޖެހެމުން އެހެރަދާ ފަހި ވައިރޯޅިތައް ރިޔަލުގައި އަޅުވައިލައިގެން މެނުވީ މިހާރު ވާކަށް ނުމެނެތްމެއެވެ.
އަސްތާ އަޅުގަނޑަކީ މިކަހަލަ ވާހަކަތައް މާފުޅާ ދާއިރާއެއްގައި ދައްކައިނަގަން މާބޮޑު ސަނަދެއް ލިބިހުރި މީހަކީމެއްވެސް ނުމެ ނޫންމެއެވެ. އެހެންނަމަވެސް ދުނިޔޭގައި ހިނގާ އޮއިވަރުތަކަށް ލޯހުޅުވައިގެން ހުންނަމީހަކަށް ވާތީއާއި، އަޅުގަނޑަށްވެސް ސަނަދެއް ނުވަތަ ފާހެއް ލިބިފައި އޮތްނަމަ އެސަނަދެއް ނުވަތަ ފާހެއް ލިބިއޮތް ދާއިރާޔަކަށް ލިބެމުންދާ ކުރިއެރުމާއި ތަރައްޤީއަށް ލޯހުޅުވައިގެން ހުންނަމީހަކަށް ވާތީ، އަޅުގަނޑު މިކަހަލަ ވާހަކަ ދައްކައި މިއުޅެނީ ހަމަ އެދާއިރާތަކުންނެވެ. ރާއްޖޭގައި އަދި އެކަހަލަ ތަންތަން ހުޅުވިފައި ނެތުމާއި، ލިބޭ މުސާރައިން ކުރަންހުންނަ ކަންތައްތައް ކޮއްފައި ބާކީނުވާތީ، ޔުނިވަރސިޓީއެކޭ ކިޔަން އެކަށީގެންވާ ތަނެއްގެ ހަތަރުފާރުން އެތެރެވެ، ޑިގްރީގަނޑެއް އާކޮއްލައި، އެފަންތި މައްޗަށް ޖައްސާލުމުގެ ފުރުޞަތު ނުލިބޭތާ ފަންސަވީހަކަށް އަހަރުވެފައި ހުއްޓަސް، އިންޓަނެޓާއި ބޭރުޓީވީއާއި މަޖައްލާތަކުގެ ޒަރީޢާއިން އެފަދަ ތަންތާނގެ ފާރުފާރުމަތިން ބޯއަރުވައި އުޅެވޭތީ، މިކަހަލަ ވާހަކަ އަދިވެސް މިދެއްކެނީ، މަންމަގެ އުނގުންފެށިގެން ކަށްވަޅަށް ދާންދެން އުނގެނެން ޤަޞްދުކުރެވޭތީކަމަށްވެސް ވެދާނެއެވެ.
މަޢާފުކުރައްވާށެވެ. ދަންބެރަށްވުރެ ތަގުޑި ދިގުކޮށްނަމަވެސް، ދެންނެވޭތޯ މިއުޅެނީ ހަމަ ލިޔަންކިޔަން ދަތުމާއިބެހޭ ވާހަކަޔެކެވެ. ހާ އަބަފިލިން ފެށިގެން ޗަވިޔަނި ސުކުނާ ހަމަޔަށް ދަތިނުޖެހޭ ވަރަށް ތާނައަކުރު ދަސްކޮށް، ހިސާބުއަކުރުވެސް އެނގިލައި، ނަންބޯޑުތަކާއި ނޫސްތަކުގެ ފަލަސުރުޚީ ކިޔާލަން އެނގޭވަރުކޮއްފައި ހުއްޓާލުމާއި، ޕްރައިމަރީ ސްކޫލް ނިމުނީމައި އެވީ ވަރެކޭ ހީކޮއްފައި ވަކިވުމާއި، ޖީސީ ނެގި ދަރިފުޅުގެ ކިޔެވުން ނިމުނީއޭ ބުނުމާއި،އޭލެވެލްއަށްފަހު ކިޔަވާނެކަމެއް ނެތޭ ބުނުމާއި، ފުރަތަމަ ޑިގުރީ ނިމުނީމާ އެހެރީ ކިޔެވިފައޭ މީހާގެ ބޭނުން ހިފޭނެޔޭ ބުނުމާއި މާސްޓާރޒްއާ ހަމަޔަށް ދެވުނީމާ މީހާއެހެރީ މޮޅުމީހުންގެ ތެރެއިން ވެފައޭ ބުނެވުނީމާ، މިހުރިހާ ކަމެއް އެއްގޮތްވެގެން ދާވާހަކައެވެ.
އާދޭހެވެ! ދުނިޔެމިދަނީ ކުރިއަރަމުންނެވެ. ރާއްޖެވެސް ވާނީ އެމަގުން ހިނގާށެވެ. އަޅުގަނޑު މިދެންނެވި ފަދައިން ހާ އަބަފިލިން ފެށިގެން ޗަވިޔަނި ސުކުނާހަމަޔަށް ދަސްވީމާ މީހާއެހެރީ ރޯފިލާފައި ކަމަށް އެއްވެސް މީހަކު މިހާރަކު ޤަބޫލެއް ނުކުރާނެއެވެ. ވަޒީފާގެ ދާއިރާތަކަށްވެސް އެފެންވަރާއި ހަމައިން ބުރަކި ޖެހިފައިވާ މީހަކަށް ކިޔާ މަރުހަބާ ވަރަށް ކުޑަވާނެއެވެ. އަދި ދަންނަވަންތޯއެވެ. އިބްތިދާޢީ މަދަރުސާ ނިމުނީމާވެސް މިހާރުވަނީ އެހެންނެވެ. ޖީސީ ނަގައިގެން ވަޒީފާ ގަނޑެއް ނުލިބިގެން އުޅޭ ކުދިންވެސް މިހާރު ރާއްޖޭގައި އެބަތިބިމއެވެ. މީގެ ދިހަވަރަކަށް އަހަރު ފަހުން، ފުރަތަމަ ޑިގްރީއަލަށް ނަގައިގެން އަންނަ ކުދިންނަށްވަނީ އެހެނޭ ބުނާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ.
ކަންމިހެން އޮތްއިރު، ދުނިޔޭގައި މިހާރަކު ތަޢުލީމުގެ އަގެއްނެތޭ، މިތާނގައި ކިޔަވައިދެވެން އޮތްފެންވަަރަށް ކިޔެވީމާ މިތާކަށް މިހާރަކު ނުފުދެޔޭ، ކިޔަވަނީ ކީއްކުރަންހޭބުނެ، ހަނގުރާމައަށް ނިކުތުމުގެ ކުރިން ބަލިވެގެން ހަތިޔާރުބަހައްޓާ ޒުވާނުންނަށް ބުނަމެވެ. ތިޔައީ ކުށްޚިޔާލެކެވެ! ތެދެކެވެ. ރާއްޖޭން ބޭރަށްގޮސް ޕީ.އެޗް.ޑީ ނެގުމުގެ ކުޅަދާނަކަމާއި ޤާބިލިއްޔަތާއި ކެރިފޯރުންތެރިކަމާއި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަނަވަސްކަމާކީ ކޮންމެ މީހެއްގެ ނަސީބުގައި ލިޔެވިގެންވާ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. މުސްތަޤުބަލުގައި އެފަދަ ފުރުޞަތުތައް ލިބޭ މީހުން ނިސްބަތުން ވާނީ ދަށްކަމަށްވެސް ފެނެއެވެ. އެކަމަކު ރަނގަޅު ވަޒީފާތަކާއި މަޤާމުތައް މުސްތަޤުބަލުގައި ހުސްވެގެންވާނީ އެކަހަލަ މަތީ ފާސްތައް ލިބިގެން އަންނަ މީހުންނަށޭ ހީކޮށްފައި ކުރިން މިދެންނެވި ހަނގުރާމައިން ބަލިވެގެން ދުރަށް ދިއުމަކީ އަޅުގަނޑު ދެކޭގޮތުގައި ހަމަ މޮޔަކަމެކެވެ. ސަބަބަކީ....... އާދެ! ސަަބަބު މިދަންނަވަނީއެވެ. ތަޖުރިބާގެ އަލީގައެވެ. ދެކެ، ފެނި، އަތުން ހިފާފައިވާ ޙަޤީޤަތެއްގެ އެހީގައެވެ.
ފަށަމުންވެސް ދެންނެވި ފަދައިން، ޔުނިވަރސިޓީއެކޭ ކިޔަން އެކަށީގެންވާ ތަނެއްގެ ހަތަރުފާރުން އެތެރެވެ، ޑިގްރީގަނޑެއް އާކޮށްލައި، އެފަންތި މައްޗަށް ޖައްސައިލުމުގެ ފުރުޞަތު އަޅުގަނޑަށް ނުލިބޭތާ ފަންސަވީހަކަށް އަހަރު ވެއްޖެއެވެ. އަޅުގަނޑު ބަލަހައްޓައިގެން ހުއްޓައި އަޅުގަނޑު ކިޔަވައިދިން ކުދިންނާއި އެކުދީންގެދަރިވަރުންނަށް ދަންދެން ބޭރު ކަރަތަކަށް ކިޔަވަންގޮސް، މަތީ ފާސްތައް ނަގައިގެން އަންނަ އުފާވެރި މަންޒަރު ބަލަން އަޅުގަނޑު އެބަހުރީމެވެ.އަޅުގަނޑަށް އެފަދަ ފުރުޞަތެއް އަދި ތަނަވަހެއް ނުމެވޭމެއެވެ. އަޅުގަނޑުގެ ނަސީބުގައި އެކަން ނެތީވެސް ތޯއްޗެކެވެ. އެކަމަކު ދަންނަވަންތޯއެވެ! އަޅުގަނޑުގެ ތަޢުލީމީ ޙަޔާތުގައި އަޅުގަނޑުގެ އަމިއްލަ އަތަކުން އަދިވެސް ސިއްކައެއް ނުޖަހަމެވެ. މަޢުލޫމާތު ލިބެން ހުރިތާކުން ލިބެންހުރި ގޮތަކަށް ހޯދަނީއެވެ. ތަޖުރިބާލިބެންއޮތް މަގަކުން ހިނގޭތޯވެސް ބަލަނީއެވެ. ނަތީޖާއަކީ ތޯއެވެ؟ ނަތީޖާ މިދަންނަވަނީއެވެ.
ރާއްޖޭގެ އެކި ތަންތާނގައި ނުލާހިކު މޮޅަށް ކިޔަވައިދޭ ތަންތާނގެ ދަރިަވރުންނަށް "އެސައިންމަންޓް" ހަދަން ހަވާލުކުރީމާ އެމީހުން އެންމެ ފުރަތަމަ ގުޅާ އެކަކު ކަމުގެ ޝަރަފު އަދިވެސް އަޅުގަނޑަށް ލިބެމުންދެއެވެ.މުހިންމު އޮފީސްތަކާއި ޖަމުޢިއްޔާތަކުން ކުރައްވާ ނުލާހިކު މުހިންމު މަސައްކަތްތަކާއި ހިންގަވާ ބޮޑެތި މަޝްރޫޢުތަކަށް ތަރުޖަމާގެ ޚިދުމަތް ބޭނުންފުޅުވީމާ އެންމެ ފުރަތަމަ ގުޅުއްވާ އެކަކީ އަދިވެސް އަޅުގަނޑޭ މިދަންނަވަނީ އުފަލާއި ޝުކުރާއެކުގައެވެ. ކޮންމެވެސް އެއްޗެއް އޮޅުންފިލުވަން ގޭދޮށަށް ކުދިންކޮޅެއް ނާންނަ ހުކުރެއް ހޮނިހިރެއް ނުދާނެއެވެ. އަޅުގަނޑު ވަޒީފާ އަދާކުރާ ދާއިރާޔާ ހަމައެއްގޮތަކަށްވެސް ނުގުޅޭ ކިތަންމެ ކިތަންމެ ކަމަކާމެދު ޚިޔާލު ބަދަލުކޮށްލައި، އަޅުގަނޑަށް ފެންނަ އެއްޗެއް ހޯދައިލާން ރާއްޖޭގެ އެކިކަންކޮޅުން ދެތިން ހަތަރު ފޯނުކޯލު ނާންނަ ދުވަހަކަށްވެސް އަދި އިރެއް ނާރައެވެ. ހަމަކަށަވަރުންވެސް، މިކަހަލަ މަސް މިއަންނަނީ ފެން އޮތްތާކަށް ކަމަށްވާނަމަ،.... ޔުނިވަރސިޓީތަކުގެ ފާރުފާރުމަތިން ބޯއެރުވުމަކީ ޞިއްޙަތަށް ފައިދާހުރިކަމެއްކަން ކަށަވަރެވެ. އަދި، ބައެއްކަހަލަ ޙާލަތްތަކުގައި އެތަންތާނގައި ދިރިއުޅުމަށްވުރެ މާ މޮޅުކަމެއް ކަމަށްވެސް އަޅުގަނޑަށް އެބަފެނެއެވެ.
ކެރިހުރެގެން ދަންނަވަމެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އުނގެނުމަކީ އެނިޢުމަތަށް ފުރަގަސްދޭ ވަރުގެ ނިޢުމަތެއް ނޫނެވެ. އުނގެނުމުގެ މަގު އެކި މީހުންނަށް ހުޅުވޭނީ އެކިގޮތަށެވެ. އެމީހެއްގެ ވަރުން އެމީހަކަށް އަބަދުމެ ހުޅުވިފައި އޮންނަ ކަމާމެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ. ނުވެސް ކުރާނަންމެއެވެ. އެހެނީ، އަޅުގަނޑަކީ އަޅުގަނޑަށް އެމަގު ހުޅުވިގެން ވާގޮތާއި ދޭތެރޭ ޝުކުރުކޮށް، އެމަގުން ލިބެން އޮތްހައި ފައިދާޔެއް ލިބިގަނެ އެމަގުން އަޅުގަނޑު ހޯދާ މުއްސަނދިކަމުން އެހެންމީހުންނަށްވެސް ދީގެން ކައިއުޅޭ، އެމަގު އަޅުގަނޑަށް ހުޅުވައިދެއްވި ފަރާތަށް ޙަމްދާއި ޝުކުރު ކުރުންމަތީ ދެމިހުރި މީހަކީމެވެ. އަޅުގަނޑުގެ އެދުމަކީ އެމަގު އެގޮތަށް ހުޅުވިގެންދާ އެންމެންވެސް އެމަގުން ހިނގުމެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އަމިއްލައަށް ރައްޓެހިވެ، ދުނިޔޭގެ މިހާރުގެ ތަރައްޤީގެ ތެރެއަށް އަމިއްލަ ދެލޯހުޅުވައި، އުފާވެރިކަމާއި، ކެރުމާއި، ޢިއްޒަތާއި ޤަދަރާއި، ދީލަތިކަމާއި، ޚިދުމަތާއެކު ހިނގުމެވެ! ( އޮކްޓޯބަރ 2004ގެ ޖަމާޢަތުގެ ޚަބަރުގައިވާ ލިޔުމެއް )

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino