December 18, 2009

ބީ.ބީ.ސީ.އިން ބޭއްވި ބޮޑު ބަޙުޘްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ބީ.ބީ.ސީ.އިން ބޭއްވި ބޮޑު ބަޙުޘްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ބީ.ބީ.ސީ.ގެ ފަރާތުން ބޭއްވި ބޮޑު ބަޙުޘް "ގްރޭޓަސްޓް ޑިބޭޓް އޮން އަރތް"ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. ބީ.ބީ.ސީ.އާއި، ޑެނިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޚާއްޞަ ދަޢުވަތަކަށް މި ބަޙުޘްގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި، ސްވިޑްންގެ ބޮޑުވަޒީރާއި، މެކްސިކޯގެ ރައީސާއި، ސައުތު އެފްރިކާގެ ތިމާވެށްޓާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. ރޭ ރާއްޖެގަޑިން މެންދަމު 1.10ގައި ބީ.ބީ.ސީ.އިން ފޮނުވި މި ބަޙުޘް އަޑުއެހުމަށްޓަކައި، ބަޙުޘް ބޭއްވި ހޯލަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޙާޟިރުވިއެވެ.

މި ބަޙުޘަކީ، ކޯޕަންހޭގަންގައި މިހާރު ހިނގަމުންދާ މޫސުމާބެހޭ މަޝްވަރާތައް މިހާރު ގޮސްފައިވާ ހިސާބާއި، މިކަމުގައި އިސް ދައުރެއް އަދާކުރާ ޤައުމުތަކުން ދެކޭގޮތް ދުނިޔެއަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ބޭއްވި ބަޙުޘެކެވެ.

މިބަޙުޘްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ކޯޕަންހޭގަން ސަމިޓުން އެއްބަސްވުމަކަށް އައުމަކީ، ރާއްޖެފަދަ ކުދި ޤައުމުތަކުގެ ދެމިއޮތުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް މިކަމަކީ، ވަކި ބައެއްގެ މަސްއޫލިއްޔަތެއް ކަމުގައި ނުދެކި މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ޖައްވަށް ވިހަގޭސް ބޭރުކުރުން މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖެފަދަ ލިބޭ އާމްދަނީ ކުޑަ ޤައުމަކަށް ކާބަން ނިއުޓްރަލް ވެވޭނަމަ، ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން މިކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށާއި، މިކަމަށްޓަކައި ބޭނުންވާ ޓެކްނޮލޮޖީވެސް އުފެއްދުމުގެ ޤާބިލުކަން ދުނިޔެއަށް ލިބެގެންވާ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން މިއަދު ރާއްޖެ ސަލާމަތްނުކުރެވިއްޖެނަމަ، މާދަމާ، ދުނިޔޭގެ އެހެން ޤައުމުތައްވެސް ސަލާމަތް ނުކުރެވޭނެ ކަމަށާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޕަންހޭގަން ސަމިޓުގައި، އިއްޔެއާ ހަމައަށް އެއްބަސްވުމަކަށް އާދެވިފައި ނެތްކަމުގައިވިޔަސް، މި ސަމިޓުން އެއްބަސްވުމަކާ ހަމައަށް އާދެވިދާނެކަމުގެ އުންމީދު އެބައޮތް ކަމަށް މި ބަޙުޘްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވިއެވެ.

މިބަޙުޘްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް، ވަރަށް ބޮޑު ތަރުޙީބެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

"ގްރޭޓަސްޓް ޑިބޭޓް އޮން އަރތް"ގެ ރިޕީޓެއް މިއަދު ރާއްޖެގަޑިން މެންދުރު 12.10އަދި މިރޭ 8.10ގައި ބީ.ބީ.ސީ.އިން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino