December 18, 2009

ކޯޕަންހޭގަންއަށް މިހާރު ވަޑައިގެންއުޅުއްވާ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން އެބަގެންދަވާ

ކޯޕަންހޭގަންއަށް މިހާރު ވަޑައިގެންއުޅުއްވާ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން އެބަގެންދަވާ
އ.ދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކޯޕަންހޭގަންއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ. މިގޮތުން، ޗައިނާގެ ޕްރިމިއަރ ވެން ޖިއަބައޯއާއި، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝެންގ ލޫންގއާއި، ތައިލެންޑްގެ ބޮޑުވަޒީރު އަބީސިތް ވެއްޖެޖިވާއާ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބައްދަލުކުރެއްވިއެވެ.

ޗައިނާގެ ޕްރިމިއަރ ވެން ޖިއަބައޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ސޫދާނާއި، ބަންގްލަދޭޝްއާއި، އިތިއޯޕިއާގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޤައުމުތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، މިހާރު ކޯޕަންހޭގަންގައި ކުރިއަށްދާ މޫސުމާބެހޭ ވާހަކަތަކާއި، މި ވާހަކަތަކުން ރަނގަޅު ނަތީޖާއެއް ޙާޞިލް ކުރުމާބެހޭގޮތުންނެވެ. މީގެ އިތުރުން، އެޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވިއެވެ.

އަދި ސިންގަޕޫރުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެޗް1އެން1 ވައިރަސްއިން ދިފާޢުވުމަށް ދެވޭ ވެކްސިން ރާއްޖެއަށް ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ޤައުމު ތަކުގެ އެންމެ އިސްވެރިންނާއެކު އިއްޔެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން ތަކުގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނާއި، ނޯވޭ ގެ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެރިކް ސޮލެއިމްއާ ވެސް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން، އ.ދ.ގެ މޫސުމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު ކޯޕަންހޭގަންއަށް ވަޑައިގެންއުޅުއްވާ ޤައުމު ތަކުގެ އިސްވެރިންގެ ޝަރަފުގައި ޑެންމާކުގެ ރާނީ މާގަރީތް ދެވަނަ ރޭ ބޭއްވެވި ފަރިއްކޮޅުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino