December 10, 2009

އިންޑިޔާ ބަލިކޮށް ރާއްޖެ ސެމީއަށް

އިންޑިޔާ ބަލިކޮށް ރާއްޖެ ސެމީއަށް

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިވެހިރާއްޖެ ދަތުރު ކޮށްފިއެވެ. ދިވެހި ޓީމު ސެމީއަށް މިދިޔައީ ޑާކާގައި މިރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެފަހު މެޗުގައި އިންޑިޔާގެ މައްޗަށް 2-0 ގެ ކުރިއެރުމެއް ހޯދައިގެންނެވެ. ރާއްޖެ ސެމީއަށް މިދިޔައީ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައިވެސް މެއެވެ.

މެޗުގެ ކުޅުން ފެށިއިރުވެސް ރާއްޖޭގެ ކުޅުންތެރިންގެ މޫނު މަތިން ފެނިގެން ދިޔައީ މޮޅުވުމަށް ކެތްމަދުވެފައި ތިބި މަންޒަރެވެ. އެއްވަރު ކޮށްލައިގެން ސެމީ ފައިނަލަށް ދިޔުމުގެ ދޮރު ހުޅުވިފައި އޮތް ނަމަވެސް ސެމީއަށް ދާން ބޭނުން ވަނީ އިންޑިޔާ ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައޭ ބުނާ ކަހަލައެވެ.

ރެފްރީގެ ކަށިގަނޑާއެކު މެޗުގެ ކުޅުން ފެށިއިރަށް ދިވެހި ކުޅުންތެރިންގެ ބާރުގެ ދަށަށް އިންޑިޔާގެ ކުޅުންތެރިން މަޑުމަޑުން ދާންފެށިއެވެ. ދިވެހި ޓީމުގެ ތަޖުރިބާގެ ކުރިމަތީގައި އިންޑިޔާގެ ކުޅުންތެރިން އިސްޖަހަމުންދިޔަ މަންޒަރު ފެނުނެވެ. މޮޅަކަށް ހުރިހާ ދިވެހިން ބޭނުންވާ ފަދައިން އިންޑިޔާގެ ހުރިހާ މީހުންވެސް ބޭނުންވާނީ ދިވެހިންގެ އަތްދަށުން އެމީހުންގެ ޅަ ޓީމު މޮޅުވެ މިދިޔަ އަހަރު އެމީހުންގެ ސީނިއަރ ޓީމުވެސް ބަލިކޮށް ޗެމްޕިއަންކަން ހޯދި ދިވެހިންނަށް މުބާރާތް ނިންމާލާށެވެ. ނަމަވެސް އެވަރު ވިސްނައިގެން ކުޅެމުންދިޔަ ދިވެހި ކުޅުންތެރިން އިންޑިޔާގެ ކިބައިން ސަލާމްވުމުގެ ފުރަތަމަ ފިޔަވަޅު އެޅީ މެޗުގެ 16 ވަނަ މިނިޓުގައެވެ.

މުޚްތާރު ނަސީރު (ޓޫކިލޯ) އަށް ލިބުނު ބޯޅައެއް ގޯލު އޭރިޔާގެ އެއްފަރާތުގައި ހުރި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ދިނުމުން ދަގަނޑޭ ވަރަށް ބަލާލުމަށް ފަހު އޭރިޔާ ތެރޭގައި ހުރި އަޙްމަދު ތޯރިގް (ޓޮމް) އަށް ބޯޅަ ދިނުން އޮތީ ލަސްވެފައެވެ. ދަގަނޑޭ އެބޯޅަ ޖައްސާލިއިރަށް އެންމެ ވަގުތުކޮޅެއްވެސް ނަގާލަން ނޫޅެ ޓޮމް އެބޯޅަ އިންޑިޔާގެ ގޯލާ އަމާޒުކޮށްލިއެވެ. ބޯޅަ ގޮސް ހުއްޓުނީ ގޯލުގެ އެތެރޭ ދާގަނޑުގައި ޖެހިފައެވެ. އެހިސާބުން 1-0 ން ރާއްޖެ ކުރިހޯދިއެވެ.

ދިވެހި ޓީމަށް މިލަނޑުގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. މެޗު ކޮންޓްރޯލް ކޮށްގެން މެޗުގެ ދެންހުރި ވަގުތުތައްވެސް ފުރިހަމަ ކުރަމުން ދިޔައެވެ. މެޗުގެ 25 ވަނަ މިނިޓުގައި ޓޫކިލޯއަށްވެސް ރަނގަޅު ފުރުޞަތެއް ތަނަވަސް ވެގެންދިޔައެވެ. އިބްރާހިމް ފަޒީލް (އޮއްޕޮ) ދިން ބޯޅަ ރަނގަޅު ގޮތަކަށް ޓޫކިލޯއަށް ނިންމާ ނުލެވުނީ އެބޯޅަ އޭނާއާ ހަމައަށް ނުފޯރައި ތަންކޮޅެއް ދުރުން ދިޔުމުންނެވެ.

ފުރަތަމަ ހާފު މިނަތީޖާގައި އޮވެ ނިމިގެން ދިޔުމުން ފަހު ހާފުގެ ކުޅުމުގެ ތެރެއަށް ދެޓީމު އައިއިރު އެއްވެސް ބަދަލެއް އެއްވެސް ޓީމަކަށް ނާދެއެވެ. މިހާފުގައިވެސް ފެނުނީ ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދައްކައި އިންޑިޔާއަށް ގްރޫޕްގެ 1 ވަނަ ނުލިބޭނެ ކަމުގެ ފެހި ސިގްނަލް އަޅަމުންދިޔަ މަންޒަރެވެ. ނަމަވެސް ފަހުހާފުގެ ވަކިހިސާބަކުން ދިވެހި ކުޅުންތެރިން ތަންކޮޅެއް ފަސޭހަކޮށްލި ތަން ފެނުނެވެ. އެއީ އިންޑިޔާގެ ބަލްބަންގ ސިންގއަށް ދެރީނދޫކާޑާއެކު ރަތްކާޑު ދައްކާ ފޮނުވާލުމުން އިންޑިޔާގެ އެއްކުޅުންތެރިޔަކު މަދުވުމުން ކަމުގައިވެސް ވެދާނެއެވެ.

ފަހު ހާފުގައި ދިވެހި ޓީމުން ވަނީ އިންޑިޔާގެ ކޮޅަށް ގިނަލަނޑު ތަކެއް ޖަހާނެ ފުރުޞަތު ތަނަވަސް ކޮށްފައެވެ. އެގޮތުން ފަހުހާފުގެ 10 ވަނަ މިނިޓުގައި ދަގަނޑޭއަށް ލިބުނު ޗާންސްގައި ލިބުނު ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފަހުހާފުގެ ކުރީކޮޅު ފެނުނީ ޓޮމްއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުން ބޭލި މަންޒަރެވެ. ޓޮމްގެ ބަދަލުގައި އެރުވީ އަސްއަދު އަލީ (އަޑުބަރޭ) އެވެ.

ދިވެހި ޓީމުން މުޙައްމަދު އާރިފް (ބަކާ) އާއި ދަގަނޑޭއަށް ރީނދޫ ކާޑެއް ދެއްކި މިމެޗުގައި ހެޓްރިކް ހަދާނެ ފުރުޞަތުވެސް ލިބިފައެވެ. އެގޮތުން ފަހުހާފުގައި ދަގަނޑޭއަށް ލިބުނު ފަސް ފުރުޞަތަކީވެސް ލަނޑަކަށް ހަދާލެވޭނެ ފުރުޞަތު ތަކެކެވެ. ދަގަނޑޭއަށް މިހާފުގައި ދެން ލިބުނު ފުރުޞަތުގައި އޭރިޔާ ތެރެއަށް ވަދެފައި ގޯލަށް ބޯޅަ އަމާޒުކޮށް ފޮނުވާލަން އުޅެނިކޮށް ދަގަނޑޭ ވެއްޓުނީއެވެ. ދެން ލިބުނު ފުރުޞަތުގައި އޭރިޔާ ތެރެއަށް ވަދެފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދާގަނޑުގެ ބޭރަށެވެ. އަދި މެޗު ނިމެން ދަނިކޮށް ދަގަނޑޭއަށް ވަނީ ރަނުގެ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. މެޗު ނިމުމުގެ ފަހު ސިކުންތު ކޮޅުގައިވެސް ދިވެހި ޓީމަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުޞަތެއް ލިބިފައެވެ.

މެޗު ނިމެންދަނިކޮށް ފެނުނީ ދިވެހި ޓީމު މިމެޗުން މޮޅުވެ ސެމީގައި ލަންކާއާ ބައްދަލު ކުރަން ޖެހޭނެ ކަމުގެ ޔަގީންކަން ހޯދި ތަނެވެ. އެއީ ލިބުނު ކޯނަރެއް ދަގަނޑޭ ގޯލު ކުރިމައްޗަށް ނަގައިދިނުމުން އިންޑިޔާ ކީޕަރު އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ އޮއްޕޮ ބަލާލުމަށް ފަހު ގޯލު އެތެރެއަށް ފޮނުވާލައިގެން ނަތީޖާ 2-0 ށް ބަދަލު ކޮށްލުމުންނެވެ.

މިނަތީޖާގެ ސަބަބުން ސެމީފައިނަލްގައި ރާއްޖެ ނުކުންނަން ޖެހޭނީ ސްރީލަންކާއާއެވެ. އިންޑިޔާ ސެމީފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ބަންގްލަދޭޝްއާއެވެ. ރާއްޖެއަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. އިންޑިޔާއަށް ލިބިފައި ވަނީ 6 ޕޮއިންޓެވެ. ސެމީފައިނަލް ފުރަތަމަ މެޗަކަށް ވާނީވެސް ރާއްޖެ އާއި ލަންކާ ބައްދަލުކުރަން ޖެހޭ މެޗެވެ. މިމެޗު ފަށާނީ ރާއްޖޭ ގަޑިން މާދަމާ 2 ޖަހާއިރުއެވެ. ބަންގާޅާއި އިންޑިޔާ ކުޅޭނީ ސެމީފައިނަލް ދެވަނަ މެޗުގައެވެ. ސެމީފައިނަލް ދެމެޗުވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މިގްރޫޕްގައި މިއަދު ނޭޕާލާއި އަފްގާނިސްތާން ބައްދަލުކުރި މެޗު ނިމުނީ 3-0 ން ނޭޕާލް މޮޅުވެގެންނެވެ. އެހެންކަމުން ދިވެހި ޓީމު ނުކުތީވެސް ސެމީއަށް ދިޔުމުގެ ފުރުޞަތު ބޮޑުކޮށް އޮވެގެންނެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino