ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުނީރު ކްރައިމް ކޮމާންޑްގެ ޑިޕާރޓްމަންޓްތަކާއި ބައްދަލުކުރައްވަން ފައްޓަވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުނީރު ޕޮލިސް ކްރައިމް ކޮމާންޑްގެ ޑިޕާރޓްމަންޓްތަކާއި ބައްދަލުކުރައްވަން ފައްޓަވައިފިއެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވިފަހުން ޑިޕާރޓްމަންޓްތަކާއެކު ފުރަތަމަ ފަހަރަށް ބާއްވަމުން ގެންދާ މިބައްދަލުވުމުގެ ދަށުން އިއްޔެ ބައްދަލުކުރައްވާފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި، ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓުގެ ފުލުހުންނާއެވެ. އިއްޔެ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ތިއޭޓަރ ހޯލުގައި ވަކިވަކިން ބޭއްވެވި މިބައްދަލުވުންތަކުގައި ޑެޕިއުޓީ ހެޑް އޮފް ކްރައިމް ކޮމާންޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއެކު ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި އެޑިޕާރޓްމަންޓްގެ ޑެޕިއުޓީ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު އަޒުހާންއާއި އެތަނުގެ އެހެނިހެން އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކަސްޓޯޑިއަލް ޑިޕާރޓްމަންޓާއެކު ބޭއްވި ބައްދަލުކޮށްލެއްވުމުގައި އެޑިޕާރޓްމަންޓުގެ އެކްޓިންގ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި އެޑިޕާރޓްމަންޓުގެ އެހެނިހެން އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުންތަކުގައި ފުލުހުންނާއި ބައްދަލުކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުނީރު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އިދާރީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ފުލުހުންނަކީ އާންމު ރައްޔިތުންނާއި ވީހާވެސް ގާތުން އޯގާތެރި ޚިދުމަތެއް ފޯރުކޮށްދޭން ތިބޭ ބަޔަކަށްވީހިނދު އެޚިދުމަތް ފޯރުކޮށްދޭއިރު ފުލުހުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަމެއް ނާންނަ ގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭގޮތަށް ހުރިހާ ފުލުހުންވެސް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުންތަކުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުވެސް ވާހަކަފުޅުދެއްކެވިއެވެ. އެސިސްޓެންޓް ކޮމިޝަނަރގެ ވާހަކަފުޅުގައި ޑިޕާރޓްމަންޓުތަކަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅުދެއްކެވިއެވެ. އަދި އިއްޔެ ބައްދަލުކުރެއްވި ކަސްޓޯޑިއަލްއާއި ޑްރަގް އެންފޯސްމަންޓްގެ ފުލުހުން އެޑިޕާރޓްމަންޓްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރައްވަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ ފުލުހުންނަށް ޝުކުރުއަދާކުރައްވާ ހިތްވަރުދެއްވިއެވެ.
މިބައްދަލުވުންތަކުގެ އިތުރުން ކްރައިމް ކޮމާންޑުގައި ހިމެނޭ އެހެނިހެން ޑިޕާރޓްމަންޓްތަކާއެކުވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުނީރު މިހަފްތާގެ ތެރޭގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.






0 ޚިޔާލު:
Post a Comment