March 13, 2010

ރައީސުލްޖުމްހޫރިއްޔާ، އައިސްލެންޑުގެ ރައީސާއި، ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އައިސްލެންޑުގެ ރައީސާއި، ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައިސްލެންޑުގެ ރައީސް އޮލަވުރު ރަގްނާ ގްރިމްސަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ. އައިސްލެންޑުގެ ރައީސްގެ ރަސްމީ ގެކޮޅުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އައިސްލެންޑާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އައިސްލެންޑްގެ ރައީސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގަޔާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި އައިސްލެންޑަކީ، ވަރަށް ކުރިއަރާފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ދެ ދާއިރާގައި އައިސްލެންޑުގެ ތަޖުރިބާއާއި އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ، ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ. އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ، ތަރައްޤީއަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫންކަން އައިސްލެންޑުންވަނީ ދައްކައިދީފައި ކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވެސް އައިސްލެންޑުގެ މި ތަޖުރިބާ ޙިއްޞާ ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައިސްލެންޑުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރައްވަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، މަސްވެރިކަމާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ވެދެއްވެން އޮތް އެހީތެރިކަމެއް ރާއްޖެއަށް ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އައިސްލެންޑުގެ ރައީސް އޮލަވުރު ރަގްނާ ގްރިމްސަންއާ ދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައިސްލެންޑުގެ ބޮޑުވަޒީރު ޔޮހާނާ ސެވަރަދޮއްތޭއާވެސް މިއަދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައިވެސް ދިވެހިރާއްޖެއާއި އައިސްލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައިސްލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އައިސްލެންޑަށް ވަޑައިގަތީ، ރޭ މެންދަމުގެ ވަގުތެއްގައެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino