March 11, 2010

ކަނޑު ޙިމާޔަތް ކުރަން ކުރެވިދާނެ ކަންތައްތައް

ކަނޑު ޙިމާޔަތް ކުރަން ކުރެވިދާނެ ކަންތައްތައް

ދުނިޔޭގެ ސަތަޙައިގެ ހަތްދިހަ އިންސައްތައަށްވުރެން ބޮޑުބަޔަކީ ކަނޑެވެ. އަދި ދުނިޔޭގެ ދިރުމުގެ %90 އަކީ ކަނޑުގެ ދިރުމެވެ. ދުނިޔޭގައި ހިކިފަސް ތަނަށް ވުރެ ބޮޑީ ކަނޑެވެ. ހަމަ އެފަދައިން ރާއްޖޭ އަކީ ވެސް ކަނޑުގެ މުއްސަނދިކަން ލިބިގެން ވާ ކުދި ޖަޒީރާ ރަށްތަކެއް އެކުލެވިގެން ވާ ރީތި ޤައުމެކެވެ. އަދި މި ރަށްތަށް އުފެދިފައި ވަނީ ފަރުގެ ސަބަބުންނެވެ. ދިރޭ ގަލުގެ އެތަކެއް އަހަރު ތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން ފަރުތަކާއި ކަނޑުގެ ރަނގަޅު ޞިއްޙަތަކީ މި ކުދިކުދި ރަށްތައް ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެކެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގެ މައިގަނޑު ދެބާރަކީ މަސްވެރިކަމާއި، ފަތުރުވެރިކަމެވެ. މި ދެ މަސައްކަތް، ސީދާގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ނަމަވެސް ގުޅިފައި ވަނީ ކަނޑާއެވެ. ކަނޑުގެ ދިރުމާއެވެ. ރާއްޖޭގެ ކަނޑުގެ ދިރުމުގެ މުއްސަނދި ކަމާއެވެ. ވީމާ އަޅުގަނޑުމެންގެ އިޤުތިޞާދު ކުރި އެރުވުމަށްޓަކައި ވެސް، މިރީތި ކަނޑުތަކާއި ފަރުތައް ދެމި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަނޑު ތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކަމާއެކު ދެމެހެއްޓުމަށް ކުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ.

ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވިދާނެ އެތައް ކަމެއްވެސް އެބަހުއްޓެވެ. ކަނޑުގެ ދަތުރު ފަތުރު ކުރާއިރު އުކާލަން ބޭނުން އެއްޗެއް ހުރިނަމަ ކަނޑަށް ނުވަތަ މޫދަށް އުކާނުލައި، ހިކިފަސް ތަނަކަށް އާދެވުމުން އުކާލުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އަދި މޫދަށް ނަގިލި ވައްޓާލާއިރު ބަލާނުލައި ވައްޓާލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ފެންނަމުން އަންނަ ކަމެކެވެ. މިކަމުގެ ސަބަބުން އެތަކެއް ގައުތަކެއް ހަލާކުވެ، މަރުވެއެވެ. ވީމާ ބަލާފައި ނަގިލި ވައްޓައި ލުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ރަނގަޅު ކަމެކެވެ. ކޮންމެ ދިވެއްސަކީ ކޮންމެވެސް ދުވަސްވަރެއްގައި މޫދަށް އެރޭނެ ނުވަތަ އެރިފައިވާ މީހެކެވެ. އަދި ކޮންމެ ދުވަހުކުހެން މޫދަށް އެރޭ މީހުންވެސް އުޅެއެވެ. މިހެން އުޅުމުގެ ތެރޭގައި މޫދުން ގައު އަދި ދިރޭ މުރަކަ ނެގުމަކީ ވަރަށް ގޯސް އަދި ކަނޑުގެ ދިރުމަށް ނުރައްކައުތެރި އަސރުތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން މޫދަށް އެރި އުޅޭއިރު މިފަދަ ތަކެތި ނުނެގުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޚާއްޞަކޮށް ޑައިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް ވެއެވެ. ޑައިވްކުރަން އުޅޭއިރު ފިންސުން ގާގަލުގައި ނުޖެހުމާއި، ފޮޓޯނަގާއިރު ބަޔޯންސީ ކޮންޓްރޯލް ކުރުމަށް ސަމާލުކަން ދިނުން މިކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހައި ކަމަކަށް ސަމާލުކަން ދީގެން އުޅުމަކީ ކަނޑުތައް ޙިމާޔަތް ކުރުމަށް އުޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން އަދުގެ ސަރުކާރުން ވެސް ވަނީ ކަނޑުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެތަކެއް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރައްކާތެރި ކުރެވިފައިވާ ބައެއް ސަރަޙައްދުގެ ގޮތުގައި ފަނަރަ ސަރަޙައްދެއް ވަނީ 27 ސެޕްޓެމްބަރ 1995 ވަނަ އަހަރު ކަނޑަ އަޅުއްވައިފައެވެ. އަދި ކަނޑުގެ ބައެއް ދިރުންތައް ޙިމާޔަތް ކުރައްވާފައިވެސް ވެއެވެ. އަދި މޫދުން ގަލާއި ވެލިފަދަ ތަކެތި ނެގުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިފަދަ ތަކެތި ރާއްޖެއިން ބޭރުކުރުންވެސް ވަނީ މަނާ ކުރައްވާފައެވެ. އިހުޒަމާނުގައި ރާއްޖޭގެ ކުޑަކުދިންނަކީ ވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫނެވެ. ނަމަވެސް މިހާރުގެ ކުޑަކުދިންނަކީ ފަށާ ތަޢުލީމުން ފެށިގެންވެސް މިފަދަ ކަންތައްތަކަށް ހޭލުންތެރި ކުރެވެމުން އަންނަ ބައެކެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި މިއީވެސް ދިވެހި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން ބޭރުގެ އެކުވެރި ޤައުމުތަކުގެ އެހީ ހޯދައިގެން ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދުތައް ހޯދުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ދިވެހި ސަރުކާރުން ވެސްވަނީ މިކަންތައްވެސް ކުރައްވަން ފަށްޓަވާފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ކަންތައްތައް ކުރައްވާ، ކަނޑު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އުއްމީދެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންދަނީ ވެށި ޙިމާޔަތް ކުރުމަށް ހޭލުންތެރި ވަމުންނެވެ. އަދި މިކަމުގައި ދިވެހިންވެސް ދަނީ ވަރަށް ހަރުދަނާ ކަމާއެކު ފައިތިލަ ސާބިތު ކުރަމުންނެވެ. މި ދިވެހިރާއްޖޭގެ ކަނޑާއި ކަނޑުގެ ދިރުންތައް އަބަދުގެ އަބަދަށް ރައްކާތެރި ކަމާއެކު ދަމަހައްޓަވާށިއެވެ. މިއީ އަޅުގަނޑުގެ އުންމީދެވެ. ހިތުގެ އަޑިން ކުރާ ދުޢާއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino