ޅެން މާނަކުރުން
ޅެން މާނަކުރުމަކީ ޅެމުގައި  ބުނާ ވާހަކައެއް އަމިއްލަ ޢިބާރާތުން ކުރުގޮތަކަށް ބުނެދިނުމެވެ. 
ޅެން މާނަކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް
ޅެންބައިތުގައި ބުނާ ވާހަކަތައް، ޅެމުގެ ވަޒަން ދޫކޮށް އަމިއްލަ ޢިބާރާތުން ގެނައުން.
މާނަފުން ލަފުޒުތައް ތިލަ ޢިބާރާތުން ގެނައުން. 
ޅެންބައިތުތަކުގައި ދައްކާ ވާހަކަތަކުގެ ތަފްޞީލަށް ނުދިއުން.
މިސާލު
ނަތީޖާވެދާނޭ ފަހުންމާ ނުރައްކާ
ވަށައިގެން ކިޔާތީހެ ލަވަ ރީތި މޮޔައިން
ނަށައިގަންނަނީ ދަޅަތަކަށް ދުނިޔެ ދައްކާ
ޔަޤީންކަން ދެނީ ފެންނަ ހުވަފެންތަކަށްހޭ
ޙަޤީޤަތް ނުފިލިޔަސް އެއިން ވަހުމު ޝައްކާ
ވަނީނަމަ ލިބެން ތިޔަ ހިލޭ ކޮންމެ ބުއިމެއް
ދަނީ ފިލުވަމުންހޭ ހިކުން ކަރު އެހިއްކާ
މިދުނިޔޭގެ ދަހިވެތިކަމަށް ހެއްލެމުންގޮސް
ދެދުނިޔޭން އެކީ ގެއްލެނީހޭ އަނެއްކާ
ނެތިއްޔާ ތިމާ ވިސްނުމެއް ޢަމަލުތަކުގައި
ނަތީޖާ ވެދާނޭ ފަހުން މާ ނުރައްކާ 
މާނަ
ދުނިޔެދައްކާ ދަޅަތަކަށް ތިޔަ ނަށައި ނަގަނީ ވަށައިގެން ތިބެ މޮޔައިން ރީތި ލަވަތައް ކިޔާތީހެއްޔެވެ؟ ޙަޤީޤަތް އޮޅުން ނުފިލިޔަސް ޝައްކާއި ވަހުމުގައި ހުރެ ޔަޤީންކަން ތިޔަދެނީ ތިމާއަށް ފެންނަ ހުވަފެންތަކަށް ހެއްޔެވެ؟ ލިބޭ ކޮންމެ ބުއިމެއް އެއީ ހިލޭ ލިބޭ ބުއިމެއްނަމަ، އެއިން ތިމާގެ ކަރުހިއްކާ ހިއްކުން ފިލުވަނީ ހެއްޔެވެ؟ މިދުނިޔޭގެ ދަހިވެތިކަމަށް ހެއްލެމުންގޮސް އަނެއްކާ ދެ ދުނިޔެއެކީ ގެއްލެނީ ހެއްޔެވެ؟ ތިމާ ކުރާ ކަންކަން ވިސްނައި ނުލައި ކުރަންޏާ ފަހުން، އާޚިރުގައި ނަތީޖާ މާ ނުރައްކާ ވެދާނެއެވެ.






0 ޚިޔާލު:
Post a Comment