March 4, 2010


ބެދޭ މަޅިއެއް ނުފެންނާނެ

ހިމޭން ދަންވަރުގެ ހަމަހިމޭންކަން ފޫދުއްވާލީ އިންސާނެއްގެ ރުއިމުގެ އަޑެވެ. އެއަޑުގައިވަނީ ހިތާމައާއި ކެކުޅުމުގެ އަސަރެވެ. މާޔޫސީއާއި ވޭނުގެ އިޙްސާސެވެ. މިފިނިގަދަ ރޭ މިހަމަހިމޭން ދަންވަރު މިއެކަނިވެރި ގޮޅީގެ އެއް ކަނެއްގައި ކުރުގެޅިގެން ރޯން އެއިން މީހަކީ އަޖްމަލެވެ. އޭނާއަކީ މީގެ ދުވަސްކޮޅެއް ކުރިން، ރަނގަޅު ދިރިއުޅުމެއް އުޅެމުން އައި ކާމިޔާބު ޒުވާނެކެވެ. މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވި ރަންދަރިއެކެވެ. ލޯބިވާ އަންބަކާއެކު ދިރިއުޅެމުން އައި ލޮބުވެތި ފިރިއެކެވެ. މިދޭހަށް ނޭވާލުމަށް ތައްޔާރުވަމުން އަންނަ ޅަކުއްޖެއްގެ ފަޚުރުވެރި ބައްޕައެކެވެ. ސަރުކާރު އޮފީހެއްގެ ޒިންމާދާރު މަގާމެއް ފުރަމުން އައި ހީވާގި މުއައްޒަފެކެވެ.

މިއީ ގިނަ މީހުން އޭނާއާ މެދު ދެކެމުން އަންނަ ގޮތެވެ. ޢާއިލާގެ މީހުންނާއި ރައްޓެހި ރަޙްމަތްތެރިންނާއި ވަޒީފާގެ ބައިވެރިންނަށް އޭނާ ފެންނަނީ މި ސޫރައިގައެވެ. އެއްވެސް މީހަކު އޭނާއާ ދޭތެރޭ ނުބައި ހީއެއް ނުކުރެއެވެ. ނުރަނގަޅު ކަމެއް ކޮށްފާނެކެމަކަށް ޝައްކެއްވެސް ނުކުރެއެވެ. އޭނާ ބޭނުންވާ ގޮތަކީވެސް އެއީއެވެ. އޭނާއަކީ ތެދުވެރި އަމާނާތްތެރިއެއްގެ ގޮތުގައި މީހުން ދުށުމެވެ. ވަފާތެރި އިޚްލާޞްތެރިއެއްގެ ގޮތުގައި އޭނާ ބަލައިގަތުމެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ހެޔޮއެދޭ މީހުންނާއި ހެޔޮ ނެދޭ މީހުން ތިބޭނެއެވެ. އޭނާ ރަނގަޅަށް ދަންނަ ބައެއް މީހުން ބުނާ ގޮތުގައި އޭނާއަކީ ގޮތް ނޭނގޭ ޖަންގައްޔެކެވެ. ފުންމިން ނޭނގޭ ކަނޑެކެވެ.

އަޖްމަލުގެ ހީވާގިކަމާއި މުރާލިކަމުގެ އިނާމަކަށް، އޭނާގެ އޮފީހުން ލިބުނު ސްކޮލަރޝިޕްގައި ދިޔުމުގެ ތައްޔާރީތައް އޭނާ ވަމުން ދިޔައެވެ. ފުރުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގެ މަސައްކަތްކުރަމުން ދިޔައެވެ. އޮފީހުގައި އޭނާ ކުރަމުންދިޔަ މަސައްކަތްތައް އެހެން މީހުންނާ ހަވާލުކުރުމެވެ. އަންހެނުން ވިހަންވާއިރަށް ގޭގައި ކޮންމެހެން ކުރަން ހުރި ކަންތައްތައް ނިންމުމެވެ. ދަތުރަށް ބޭނުންވާ އެއްޗެތި ހޯދުމާއި އެހެނިހެން ކަންތައްތަކެވެ. ލިބިފައި އޮތް ވަގުތުކޮޅުގެ ކުޑަކަމާއި ކުރަންހުރި މަސައްކަތްތަކުގެ ގިނަކަމާއެކު އޭނާ މަސައްކަތްކުރަމުން ދިޔައީ ވަރަށް އަވަދިނެތިއެވެ. އެހެންމީހުން އޭނާއާ މެދު ކުރާ އިތުބާރު ގެއްލިގެން ދިޔުމަކީ އޭނާ އެދޭ ގޮތެއްނޫނެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކޮށް ނިންމުމެވެ.

މިހާސްކަމާއި އަވަދިނެތި ކަމުގައި އޭނާގެ ޕާސްޕޯޓް ގެއްލުންވީ އޭނާއަށް ދިމާވި އިތުރު އުނދަގުލަކަށެވެ. ފުރަން ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު އަލުން ޕާސްޕޯޓު ހައްދަން އުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ޕާސްޕޯޓު އައުކުރުމަށް ހުށަހަޅާއިރު ފުލުސް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. ރިޕޯޓު ލިބުން ލަސްވެއްޖެނަމަ ދަތުރު ފަސްކުރަން ޖެހިދާނެއެވެ. އެހެންކަމުން އަވަސްއަވަހަށް ސިޓީއެއް ލިޔެލިއެވެ. އޭގައި ޕާސްޕޯޓު ގެއްލުނު ގޮތާއި އޭނާގެ ދަތުރު ހަމަޖެހިފައިވާ ގޮތާބެހޭ އެހެނިހެން މަޢުލޫމާތުތައް ލިޔުނެވެ. އަދި ވީ އެންމެ އަވަހަށް ފުލުސް ރިޕޯޓެއް ހައްދައިދިނުމަށް އެދުނެވެ. އޭނާ ސިޓީ ޕުރިންޓުކޮށް ފަތްޖަހާލުމަށްފަހު ސިޓީއުރައަކަށްލާ ބަންދުކޮށްލިއެވެ. އަދި ސިޓީއުރަ މޭޒުމަތީ ބޭއްވުމަށްފަހު، ތާޒާވެލުމަށްޓަކައި ފާޚާނާއަށް ވަނެވެ.

ސިޓީ ފުލުސް އޮފީހަށް ލުމަށްފަހު އޭނާ އަނެއްކާވެސް ދިޔައީ އޮފީހަށެވެ. އޭނާ ކިޔެވުމަށް ރާއްޖޭން ބޭރަށް ފުރަން އުޅޭކަމުގެ އުފަލުގައި އޭނާގެ ބައްޕަދޭ ޕާޓީއަށް ދާން ވާއިރަށް، އަދިވެސް ކޮންމެވެސް ކަމެއް ކޮށްލެވޭތޯއެވެ. މަސައްކަތުގައި ހޭބޯނާރާ އުޅެނިކޮށް ފޯނު ރިންގުވާން ފަށައިފިއެވެ. ގަޑިއަށް ބަލައިލިއިރު ހަތްގަޑި ބައިވަނީއެވެ. ފޯނުކުރަނީ އަންހެނުންނެވެ. އެގުޅަނީ އަޖްމަލް ގެއަށް ދިޔުން ލަސްވެގެންނެވެ. އަންހެނުން ބުނީ؛ ބައްޕަމެން ދިޔަ ވާހަކައާއި އޭނާ ތައްޔާރުވެގެން ހުރި ވާހަކައެވެ. އަދި އަވަހަށް ގެއަށް އައުމަށްވެސް ބުންޏެވެ. އަޖްމަލް އާއެކޭ ބުނެ ފޯނު ކަނޑާލުމަށްފަހު މޭޒުމަތި ކުޑަކޮށް ތަރުތީބުކޮށްލިއެވެ. އަދި އޮފީސް ބަންދުކުރުމަށްފަހު ގެއަށްދާން ނުކުތެވެ.

އޭނާއަށް ގެއަށް ދެވުނުއިރު އަށެއް ޖަހަނީއެވެ. ކޮޓަރިއަށް ވަދެ ކުޑަކޮށް ތައްޔާރުވެލައިގެން އަންހެނުން ގޮވައިގެން ސަލްސާ ކެފޭއަށް ދެވުނު އިރު ހުރިހާ ރައްޓެހިންނާއި އާއިލާގެ މީހުން އެތާނގައި ތިއްބެވެ. އޭނާ ކެފޭއަށް ވަނުމާއެކު އެންމެން އައިސް އޭނާ ވަށާލިއެވެ. ހުރިހާ އެންމެން އޭނާއަށް ތަހުނިޔާ ކިޔަން ފެށިއެވެ. ހުނުމާއި އުފަލާއި މަޖަލުގައި ޕާޓީ ކުރިއަށް "ދުއްވައިގަތެވެ."

ކުއްލިއަކަށް އެންމެން ހިމޭންވީ ދޮރުން ވަދެގެން އައި ހަތަރު ފުލުހުން ފެނިފައެވެ. ވެގެން އުޅެނީ ކީއްކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ. އެންމެންނަށްވެސް އާގަމަވެފައި ތިބެވުނީއެވެ. އެންމެންގެވެސް ކަޅި ހުއްޓިފައި ހުރީ އެހަތަރު މީހުންނާ ދިމާއަށެވެ.

ތަނަށް ވެރިވި ހަމަހިމޭންކަން ނައްތާލީ އެތަނުން ފުލުހެކެވެ. ހައްޔަރުކުރުމުގެ އަމުރު ދައްކާލަމުން އޭނާ ބުންޏެވެ. އަޖްމަލް އަޅުގަނޑުމެންނާއެކު ފުލުސް އޮފީހަށް ދުރުވާށެވެ.

އަޖްމަލަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ މުޅިން ގަނޑުވި ކަހަލައެވެ. އެވަގުތު އޭނާގެ ބޮސް ކުރިއަށް ޖެހިލަމުން ފުލުސް މީހާއާ ސުވާލުކޮށްލިއެވެ. ވެގެން މިއުޅެނީ ކީއްހެއްޔެވެ؟ އަޖްމަލް ހައްޔަރުކުރެވެނީ ކޮން ކުށެއްގައި ހެއްޔެވެ؟

އަޖްމަލަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ މީހެކެވެ. ރާއްޖޭން ބޭރުގައި ހުންނަ، އޭނާގެ އޭޖެންޓަކަށް އޭނާ ލިޔެ ސޮއިކޮށްފައި އޮތް ސިޓީއެއް މިއަދު ފުލުހުންނަށް ލިބިއްޖެއެވެ.

އަޖްމަލްގެ ފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ؟ އޭނާ މުޅި ދުނިޔެއަށްވެސް ސިއްރުން ބިނާކުރަމުން އައި ކުށުގެ ޢިމާރާތް މިކަހަލަ ގޮތަކަށް އޭނާގެ ބޯމައްޗަށް ވެއްޓިދާނެ ކަމަކަށް އޭނާއަށް ހީވެސްކުރެވިފައެއް ނުވެއެވެ. އޭނާގެ ހަގީގީ ސޫރަ މިކަހަލަ ގޮތަކަށް އެންމެންނަށް ކަޝްފުވެގެން ހިގައިދާނެ ކަމަކަށް ވިސްނާލެވިފައިވެސް ނެތެވެ. އޭނާ އެދުވަހު ދެ ސިޓީއެއް ލިޔުނެވެ. އެއް ސިޓީއަކީ ޕާސްޕޯޓް ގެއްލިގެން ފުލުސް ރިޕޯޓެއް ހޯދުމަށް ލިޔުނު ސިޓީއެވެ. އަނެއް ސިޓީއަކީ، އޭނާ ކޯހެއްގައި ރާއްޖޭން ބޭރަށް ދާން އުޅޭކަމާއި، ކޯހުގައި ދެ އަހަރެއްވަރު ވާނެކަމާއި، އެދުވަސްތަކުގައި، މަސްތުވާ ތަކެތީގެ ވިޔަފާރި މެދުކަނޑާލަން ޖެހޭކަމަށް ބުނެ، އޭނާގެ އޭޖެންޓަށް ލިޔުނު ސިޓީއެވެ. ކަންވީގޮތް އޭނާއަށް ރަނގަޅަށް ވިސްނިއްޖެއެވެ. އޭނާގެ ކުށްތަކުގެ ހެކި އޭނާގެ އަމިއްލަ އަތުން ފުލުސް އޮފީހަށް ގެންދެވުނީއެވެ.

އަޖްމަލް އޭނާގެ ބައްޕައާ މަންމައާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާގެ އަންހެނުންނާ ދިމާއަށް ބަލާލިއެވެ. އެންމެންވެސް ތިބީ ބަސް ހުއްޓިފައެވެ. މިއީ އިވިދާނެކަމަށް އެމީހުން ދުވަހަކުވެސް ހިތަށް އެރި ވާހަކަތަކެއް ނޫނެވެ. އެމީހުންގެ އަޖްމަލް އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެއެވެ. އެކަމަކު ފުލުހުން އެފަދަ ތުހުމަތެއް އޭނާގެ ބޮލުގައި އެއަޅުވަނީ ކީއްވެބާއެވެ؟ އެކަމާ ދެކޮޅަށް އޭނާ އެއްވެސް އެއްޗެއް ނުބުނީ ކީއްވެބާއެވެ؟ އޭނާގެ އެ ހަމަހިމޭންކަމަކީ ކުށް ގަބޫލުކުރުންބާއެވެ؟

އަޖްމަލް މަޑުމަޑުން އޭނާގެ ދެއަތް ކުރި މައްޗަށް ދިއްކޮށްލިއެވެ. އޭރު އޭނާގެ އުފާވެރި ދިރިއުޅުން ފުނޑުފުނޑުވެ ކުނޑިކުނޑިވަމުން ދާތަން އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލުވަމުން ދިޔައެވެ. އޭނާގެ މަންމަ ބިން މައްޗަށް ތިރިވަމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. އޭނާގެ އަންހެނުން ރޮއި ގިސްލަމުން ދާއަޑު އޭނާއަށް އިވުނެވެ. އޭނާގެ ބައްޕަގެ ގަނޑުވެފައިވާ މޫނު އޭނާއަށް ފެނުނެވެ. އޭނާގެ އެކުވެރިންތައް ފަހަރަކު މީހަކު އޭނާ ދޫކޮށް އެތަނުން ނުކުންނަމުން ދާތަން އޭނާއަށް ފެނުނެވެ.

މިއަދު އޭނާއަށް ވިސްނިއްޖެއެވެ. ކުށަކީ އަބަދުވެސް އޭގެ އަދަބާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އިހަށް ނުވަތަ ފަހުންނެވެ. ކުށްވެރިއަކަށް މާތް ރަސްކަލާނގެ މުހުލަތު ދެއްވަފާނެއެވެ. އެކަމަކު މުޅި އުމުރަކަށް ނޫނެވެ. އިންސާނަކަށް ރޭވުންތައް ރޭވިދާނެއެވެ. ތަދްބީރުތައް އެކަށައެޅިދާނެއެވެ. ނަމަވެސް އެކަލާނގެ އިރާދަކުރެއްވުމުން، އެރޭވުންތަކާއި ތަދްބީރުތަކަކީ އެއްވެސް ބުރަދަނެއް ހުރި އެއްޗަކަށް ނުވެއެވެ.

މިއަދު އަޖްމަލަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގައި ޢުމުރަށް ޖަލަށްލާފައިވާ މީހެކެވެ. އޭނާގެ ވަގުތުތައް އެއަނދިރި ކުޑަ ގޮޅީގައި އެކަނިމާއެކަނި ވޭތުކުރަމުން ދާއިރު، އޭނާ ކުރާ ކަމަކީ ރޮއި ހިތާމަކުރުމެވެ. ބުނާ ބަހަކީ އަސްތަޣްފާރުގެ ބަހެވެ. ކުރާ އުންމީދަކީ މާތް ރަސްކަލާނގެ އޭނާގެ ތައުބާ ގަބޫލުކުރައްވައި ފާފަތައް ފުއްސެވުމެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino