September 3, 2009

މާލޭ މަސްމާރުކޭޓްގައި މީހަކު މަރާލި ޙާދިސާ

ނޯޓް: މިލިޔުމަކީ ހިނގާފައިވާ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔުން ފުރިހަމަ ކޮށްލުމުގެ ގޮތުން އިތުބައިތަށް ލައިގެން އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައިބޭނުންކޮށް ފައިވާ ( ނޫރުއްދީން ) ނަމަކީ އަސްލުނަމެއް ނޫނެވެ.

ނޫރުއްދީނަކީ ރާއްޖެތެރޭގެ ރަށަކަށް އުފަންމީހެއްކަމަކު މާލޭ ގައިދިރިއުޅުން ވޭތުކުރި މާލޭގެރައްވެއްސެކެވެ. އޭނާ މާލޭ ގެ ރައްވެއްސަކަށްވީފަހުން މިހާރު އެތައްޒަމާނެއްވެއްޖެއެވެ. ނޫރުއްދީނުގެ އަންހެނުނަކީ ސީދާ ހަތަރު މަތިފުށް މާލޭ މީހެކެވެ. އެހެންކަމުން މިދެމަފިރިންގެ ހަތަރު ދަރިންނާއި އެކު ދިރިއުޅެމުން ގެންދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ނޫރުއްދީނަކީ ވަރަށް ރުޅިމަޑު ހިތްމައިތި އެކުވެރިން ގިނަ ރަގަޅު އަޚްލާޤެއްގެ ވެރިއެކެވެ.

ރަމަޟާން މަހެއްގެ ފުރަތަމަ ދިހައެވެ. އެއްދުވަހު ހަވީރު ނޫރުއްދީނުގެ އަންހެނުން ނޫރުއްދީނަށް ގޮވާލައިފާ އެބަނުނެއެވެ. " މިއަދު މަހެއް ގަނެދެންވެސް ނުދަނީތަ؟ ދޭބަލަ ރޯދަވީއްލަން ވާއިރަށް އެއްޗެއް ހެދޭހާމޫސުމުގައި މަހެއް ގަނެގެން ގެނެސްދެން"

ނޫރުއްދީނުގެ އާދައިގެ މަތިން އެދުވަހުވެސް މާރުކޭޓަށް މަހެއް ގަންނަށް ދިޔައެވެ. އަދަކީ އާދަޔާ ޚިލާފު ދުވަހެކެވެ. މަސްގެންގެޅޭލެއްވެސް ވަރަށް މަދެވެ. އެކަމަކު މާރު ކޭޓްތެރެއަށް ފަސޭހަކަމާއި އެކު ވަދެވޭވަރަށް ވުރެ ބައިބޯވެފައި އަޑުވެސް ގަދައެވެ. ނޫރުއްދީނުވެސް ވަރަށް މަސައްކަތުން މީހުންތަކުގެ ތެރެއިން މަސްގެންގުޅޭ ހިސާބަށް ވަދެފިއެވެ. ކެޔޮޅާ މިތަނުން މަހެއް ކިހާވަރަކަށްތަ؟ އެތާހުރި މަސްތަކަކަށް އިޝާރާތް ކޮށްފާ ނޫރުއްދީނު އަހާލިއެވެ. މިތަނުން ދިހައަކަށް އެތަނުން ފަންސާހަށް އެހެރަތަނުން ފަސްދޮޅަހަށް މިކަހަލަ ގޮތަކަށް ކެޔޮޅުވެސް ޖަވާބުދިނެވެ. ނޫރުއްދީނު އެހެން ބައެއް މީސްމީހުން ކައިރިންވެސް މަހުގެ އަގުއަހާލިއެވެ. ވަކިތަފާތެއް ނެތެވެ. ގާތްގަޑަކަށް ހުރީ ހަމަ އެއް އަގުތަކެކެވެ. އެހެންކަމުން މާބޮޑަށް ލަސްވެދާނެތީ ގިނަ ތަންތަނަށް ނުހިގާ އެތަނުން ފަސްދޮޅަހަށް ދޭތަނުން އާދައިގެ ހެޔޮވަރު ފޫފަލަ މަހެއް ނަގައިފިއެވެ.

މަހުގެ އަގު ކެޔޮޅުމީހާއަށް ދިއްކޮށްލުމަށްފަހު ނޫރުއްދީނު ގެއަށްދާންވެގެން އެނުބިރި ލިއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން މާރުކޭޓްތެރޭގައި މީހުން ގިނަކަމުން މީހުންތަކުގެ ތެރެއިން ނޫރުއްދީނު ނުކުތުމަށް ފުދޭވަރެއްގެ ތަކުލީފެއް އުފުލާން ޖެހިއްޖެއެވެ. ކުރިން ނޫރުއްދީނު އެތަނަށް އައި އިރަށްވުރެ މިހާރު އަދި މީހުންތައް މާގިނަހެން ހީވެއެވެ. މީހުން ގައިން ނައްޓަމުން ވަރަށް ފަރުވާތެރިވެގެން ނިކުމެ ނުކުމެ ހުއްޓާ މީހަކު ގައިގާ ނޫރުއްދީނު ހިފައިގެން ހުރި މަހުން ކޭއްތިލައިފިއެވެ. އެއީ ނޫރުއްދީނު ގަސްތުގައި އެމީހާގެ ގައިގާ މަސް ޖެއްސީއަކީ ނޫނެވެ. ބައިބޯކަމުން މަހުން އެމީހާގެ ގައިގާ ޖެހުނީއެވެ. އެމީހާ ލައިގެން ހުރީ ހުދުކުލަޔަކަށް ދާ ފަޓުލޫނެއްކަމުން މަސްޖެހުނު ހިސާބު ވަރަށް ރީތިކޮށް ފާހަގަވާން ހުއްޓެވެ. ކުޑަކޮށް ލޭ ވެސް ހޭކިފާ ހުއްޓެވެ.

މަހުން އެމީހާގެ ގައިގާ ޖެހުނުތަނާ އެމީހާ ވަރަށް ބޮޑަށް ރުޅިގަދަވެގެން ނޫރުއްދީނުއާއި ދިމާއަށް ހަޅޭފަޅޭ ޖަހައިގެންފިއެވެ. އޭގެ ޖަވާބު ދިނީ ނޫރުއްދީނެއްނޫވެ. ނޫރުއްދީނަށް ޖަވާބުދޭންނުކެރުނީ އެއްވެފައިވާ މީހުން ގިނަކަމުންނާއި މިކަމަކީ ނޫރުއްދީނުގެ އިހްމާލުން ވީކަމެއް ކަމަށްވާތީއެވެ. ނޫރުއްދީނުގެ ބަދަލުގައި އެމީހާއަށް ޖަވާބުދިނީ އެތާހުރި އެހެން މީހެކެވެ. އޭނާ ވެސް ވަރަށް ގަދައަށް ރުޅިއައިސްފާ ކަލޭ ޖެހޭތަ، މީހުންގެ މޫނަށް ކުޅުބުރުވަން؟ މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ތަންކޮޅެއް ބަލާލައިގެން އުޅެބަލަ ،! މިފަދަ ބަހުރުވައަކުން މީނަވެސް އެއްކަލަ މަހުން ޖެހުނު މީހާއާއި ދިމާއަށް އެއްޗެހި ގޮވަން ފަށައިގެންފިއެވެ.

އިސާހިތަކު މާރުކޭޓަށް އެއްވެ ތިބި ހުރިހާ އެންމެންގެ ސަމާލުކަން މިދިމާއަށް ހުއްޓި މިތަނަށް އެންމެން ޖަމާވާން ފަށައިފިއެވެ. މިދެމީހުންގެ ޒުވާބު ގަނޑު ވަރަށް ރަގަޅަށް އަޑުއަހަން އަދި އެމަންޒަރު ބަލަން ނޫރުއްދީނު ހުރީ މިސްކިތް ގެއްލިފައިހުރި މުދިމަކު ހުރިހެންނެވެ. މިދެމީހުންގެ ޒުވާބު ގަދަވެ އެކަކު އަނެއްކަކަށް ރުޅިކޮންޓްރޯލް ނުކުރެވޭ ހިސާބަށްވެސް ހިނގައްޖެއެވެ.

ރޯދަމަހު ހަވީރަކީ ޢާއްމުންކޮށް މީހުން ރުޅިގަދަވާ ވަގުތުކޮޅެކޭ މީހުން ބުނެއުޅެއުޅެއެވެ. މިދެމީހުންވެސް ރުޅިގަދަވެގެން ގޮސް އެކަކު އަނެއްކެއްގެ ގަޔަށް އަރާ ތަޅާފޮޅައިގެންފިއެވެ. މިތަޅާ ފޮޅުމުގެ ތެރޭގައި އެތަނުން އެކަކު އަނެއްކެއްގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިތަނާ އެމީހާ ހޭބަލިވެގެން ބިއްމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު "އަސްތާ މަގޭދަރި" އޭ ކިޔާފާ ނޫރުއްދީނު ވެއްޓިފައިވާ މީހާ ނެގޭތޯ މަސައްކަތް ފަށައިފިއެވެ.

ތަނުގައި އެއްވެފައިވާ އެހެންމީހުންގެ އެހީއާއިއެކު ، ވެއްޓުނު މީހާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޑޮކްޓަރުން ބެއްލެވުމަށް ފަހު ޑޮކްޓަރުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. ހާދަ ހާދެރައެވެ.

ނޫރުއްދީނުގެ އަންހެނުން ނޫރުއްދީނު ލަސްވެގެން ކުރާނެކަމެއް ނެތިގެން އުޅެނިކޮށް ބަންގި ގޮވާގޮވާ އޮއްވާ ނޫރުއްދީނު ގެއަށް އަތުވެއްޖެއެވެ. ރޯދަވީއްލަން ވީނު، ނޫރުދީނު އަންހެނުން މާ ނުކިއްސަރު ގޮތަކަށް ބުންޏެވެ. އޭގެ ޖަވާބުދިނީ ގޭދޮރުމަތީގައި ހުރި ފުލުހުންގެ މީހާއެވެ. ނޫން އޭނާ މިއަދު ރޯދަވީއްލާނެކަމެއްނެތް ، އަހަރެމެން މިއައީ އޭނާ ބަލައި. ފުލުހުންގެ މީހާ ބުންޏެވެ.

ވެގެން އުޅޭ ގޮތެއް ނޭންގިގެން އުޅެނިކޮށް ދެއަތުގައި ބިޑިއަޅުވައިގެން ނޫރުއްދީން ފުލުހުންގެ ޖިޕަށް އަރުވައިފިއެވެ. އަދި މަރުވިމީހާގެ މަރުގެ ޒިންމާ ނޫރުއްދީނުގެ ބޮލުގައި އަޅުވާ ނޫރުއްދީނު ޖަލުގައި ހައްޔަރު ކޮށްފިއެވެ.

ނޫރުއްދީނު ޖަލުގައި އެތައްދުވަހެއް ވޭތުކުރުމަށް ފަހު ނޫރުއްދީނު ޖަލުން ސަލާމަތްވީ މަރުވިމީހާގެ ގައިގާ ޖެހިމީހާ ފުލުހުން ނާއި އަމިއްލައަށް ޙަވާލުވުމުންނެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino