ރާއްޖޭގައި ދޭތެރެދޭތެރެއިން މިފަދަ މުބާރާތްތައް ބާއްވާ.
މިފަހަކަށް އައިސް ދިވެހިރާއްޖޭގައި ނިވާކަންކުޑަ ގޮތަށް އަންހެނުންގެ ފެޝަންޝޯތަކާއި، ރީތީގެ މުބާރާތްތައް ބާއްވަމުންގެންދާތީ، ވަރަށް ގިނަބަޔަކު މިކަމުގެ ޝަރުޢީ ޙުކުމް ހޯދުމަށް އެދި ސުވާލު ކުރަމުންދާތީވެ، ޙައްޤު ބަޔާންކުރުމުގެ ގޮތުން ބުނަމެވެ.
އަޅުގަނޑުމެންގެ ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އަޅުގަނޑުމެންގެ އަޖުދާދުންގެ ފަރާތުން މި ޤައުމު އަޅުގަނޑުމެންނަށް ވާރުތަވީ އެގޮތަށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ކުރީގެ ދިވެހި ދީބެއްނޫނެވެ. އިސްލާމީ އާދަކާދަތަކާއި މަތިވެރި އުޞޫލުތަށް އެދީބުން ފޮހެވެމުންދާ ދީބެކެވެ. އިސްލާމީ ހިދާޔަތުގެ ދަންމަރުގެ އަލިކަން ފަނޑުވަމުންދާ ދީބެކެވެ. މިހާރު މިދީބުގެ މިސާލަކީ ތުރުކީ ވިލާތުގެ މިސާލެވެ. ދިވެހި ދީބު ތުރުކީވިލާތަކަށް ބަލިވެ އިނދެއްޖެފަދައެވެ. ވަރަށް އަވަހަށް ވިހާފާނެތޯއްޗެކެވެ.
އިސްލާމީ ތަރުބިޔަތެއް އަޚްލާޤެއްނެތް ޖީލުތަކެއް ހެދިބޮޑުވަމުން ދާއިރު. ޒުވާނުންގެ ބަނޑުކެއުމަކަށް ވެފައިވަނީ މަސްތުވާތަކެއްޗެވެ. މިސްކިތްތަކުން ވައްކަން ކުރުންދަނީ ގިނަވަމުންނެވެ. ނާމާންކަމާއި ބިރުވެރިކަންވަނީ މުޅި ޤައުމުގެ ކަންކޮޅުތަކުގައި ފެތުރިފައެވެ. ދީނުގެ ޙުރްމަތް ކެނޑިއްޖެއެވެ. ﷲ ހަރާމް ކުރައްވާފައިވާ ހުރިހާ ކަމެއްދަނީ ޢާއްމުވަމުންނެވެ. މިހުރިހާކަމަކީ ވެސް ﷲ ގެ ދީނާއި ދުރަށް ދިއުމުގެ ނަތީއްޖާއެވެ.
ސުނާމީގެ މުޞީބާތުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކަށް ވަން ބިރުވެރިކަން ފިލާ ނުދަނީސް ، އަދި ވީރާނާ ވެފައިވާ ތަންތައް އާބާދު ނުކުރެވެނީސް ، މިހާރު އިވެމުންދާ އަޑަކީ އެންމެ ރީތި އަންހެން ސޫރައެއް ހޮވަން އުޅޭވާހަކައިގެ އަޑެވެ. މިފަދަކަންތައްތަކުން ޔަހޫދީންނާއި ނަޞާރާއިންނަށް ހިންހަމަޖެހުންލިބޭނެއެވެ. ނަމަވެސް އަބަދައްޓަކައި އެބައިމީހުންގެ ރުހުން ހޯދުމަށް ބޭނުންނަމަ ޖެހޭނީ އެއްކޮށް ދީނުން ބޭއްރުވެ އެބައިމީހުންގެ މިއްލަތަށް ތަބަޢަވާށެވެ.
ރީތީގެ މުބާރާތުގެ ސަބަބުން ﷲ އަށް އީމާންވެގެންތިބި ދިވެހި ލޮބޮވެތި އެތައް އަންހެން ދަރީންނެއްގެ ޙުރްމަތް ކެނޑިގެންދާނެއެވެ. އެކުދީންގެ އަބުރާއި ޢިއްޒަތް ގެއްލިގެންދާނެއެވެ. އެކުދިންގެ ނާޒުގެ ހަށިގަނޑާއި ރީތި ސޫރަތަކުން އިންސާނުންގެ ތެރެއިންވާ ޝައިޠާނުން ހިންހަމަޖެހުން ހޯދާނެއެވެ. މިފަދަކަމެއް ކުރުމަކީ ސުނާމީގެ މުޞީބާތަށްފަހު ﷲ އަށް ގޮންޖެހުންފަދަ ކަމެކެވެ. ސުނާމީގައި ޙާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށްޓަކައި ބޭއްވުނު ދިވެހިތާރީޚުދުށް އެންމެ ބޮޑު އެއް އުރެދުމަށްފަހު ، އަނެއްކާވެސް ކޯފާގެ ތުންފަތް މައްޗަށެވެ. ﷲ އަށް ބިރުވެތި ނުވަނީބާވައެވެ؟ އަޅުތަކުން ވަނީ ޣާފިލުކަމުގައި ޣަރަޤުވެފައެވެ. އެއީވެސް ކޯ ފާއެކެވެ. ހިތާއި ބުއްދި ދެއްވާފައިވެއެވެ. އެއިން ހެޔޮމަގަށް ވާޞިލުވާނެގޮތެއް ނުވިސްނެއެވެ. ލޯތަށް ދެއްވާފައިވެއެވެ. އެއިން ނުފެންނަފަދައެވެ. ކަންފަތްތައް ދެއްވާފައިވެއެވެ. އެއިން ﷲގެ އާޔަތްތައް އަޑެއްނުއިވޭފަދައެވެ. މިއީ ނަޢަމް ސޫފީގެ މިސާލެވެ. އިންސާނުންނަށް މިހެން ވެއްޖެނަމަ ، އެބައިމީހުން އެތަކެއްޗައްވުރެން ފުރެދުންތެރިކަން ބޮޑެވެ. ޝައިޠާނާ އޭނާގެ މަޤްޞަދު ޙާޞިލްކޮށްފިއެވެ. އައްނިސާއު ސޫރަތުގެ 118 -119 ގައި ﷲ ވަޙީކުރައްވާފައިވާ އާޔަތްތަކުގެ މާނައިގައިވެއެވެ: '' ﷲ ޝައިޠާނާއަށް ލަޢްނަތް ލައްވާފައިވެއެވެ. އަދި އެޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ތިމަންނައަށް ވީވަރަކުން މީހުން މަގުފުރައްދާ ހުށީމެވެ. އަދި ތިމަން ، އެބައިމީހުނަށް ﷲ އެންގެވިގޮތުން ، އެބައިމީހުން އެއްކިބާކުރާ ހުށީމެވެ. އަދި އެބައިމީހުން ނުބައިކަންތައްތަކަށް އެދުންވެރިކުރުވާ ހުށީމެވެ. އަދި ގެރިބަކަރި ، ޖަމަލުގެ ކަންފަތްތައް ކަނޑައި ފާހަގަލުމަށް އެބައިމީހުންނަށް އަމުރުކުރާހުށީމެވެ.( މިކަމަކީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން އެބައިމީހުން އަޅުކަން ކުރަމުންދިޔަ ބުދުތަކުގެ ނަމުގައި ޚާއްޞަކޮށް ރައްކާތެރިކުރާ ޖަނަވާރު ފާހަގަކުރުމުގެ ގޮތުން ކުރަމުން ދިޔަކަމެކެވެ. މިއީ ﷲ އަށް ކުރެވޭ ޝިރުކެކެވެ. ޝައިޠާނާގެ މަޤްޞަދަކީ މިކަމަށް ބާރު އެޅުމެވެ.) އަދި ﷲ ހައްދަވާފައިވާ ގޮތްބަދަލުކުރުމަށް އެބައިމީހުންނަށް އަމުރުކުރާހުށީމެވެ. ﷲ ފިޔަވައި ، ޝައިޠާނާ އެއީ ، އެމީހެއްގެ އެހީތެރިއަކު ކަމުގައި ބަލައިފިމީހާ ، ހަމަކަށަވަރުން ބަޔާންވެގެންވާ ގެއްލެނިވުމަކުން ގެއްލެނިވެއްޖެއެވެ.'' އަދި ހަމަ އެސޫރަތުގެ 120 ވަނައާޔަތާއި – 121 ވަނަ އާޔަތުގެ މާނައިގައި ވެއެވެ : '' އެޝައިޠާނާ އެބައިމީހުންނަށް ވަޢުދުވެއެވެ. އަދި އެބައިމީހުންގެ ހިތްތަކުގައި ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށް އުންމީދުތައް އުފައްދައި އެދުންވެރި ކުރުވައެވެ. ހެއްލުންތެރިކަން މެނުވީ އެހެން ކަމެއް ޝައިޠާނާ އެމީހުންނަށް ވަޢްދު ނުކުރެއެވެ. އެބައިމީހުން ވަދެ ތިބޭ ތަނަކަށް އޮތީ ހަމަ ނަރަކައެވެ. އެތަނުގައި އެބައިމީހުން ފިލައިގެން ދާނޭ މަގެއް އެބައިމީހުން ނުދެކޭނެއެވެ.''
ރީތީގެ މުބާރާތަކީ އިސްލާމީ ޘަޤާފަތުންބޭރު ، އިސްލާމްދީން ހުއްދަނުކުރާ ފާހިޝް ޢަމަލެކެވެ. އެއީ ސަމާވީ އެއްވެސް ޝަރީޢަތެއް ހުއްދަކުރައްވާފައިވާ ކަމެއްނޫނެވެ. އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. މިކަމަކީ ބިންމަތީގައި ކުރެވޭ ވަރަށް ބޮޑު ފަސާދައެކެވެ. ފަސާދަ ކުރާ މީހުންނާ ބެހޭގޮތުން އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.'' ﷲ އާއި ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ދެކޮޅުވެރިވެ ހަނގުރާމަކޮށް ފަސާދަކުރުމުގެ ގޮތުން ބިމުގައި މަސައްކަތްކޮށް އުޅޭމީހުންގެ ޖަޒާއެއްކަމުގައިވާ ކަންކަށަވަރީ އެބައިމީހުން ޤަތުލު ކުޅައުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތު ކޮށް އެބައިމީހުންގެ އަތްތަކާއި ފައިތައް ބުރިކުރުމެވެ. ނުވަތަ ރަށުން ފޮނުވާ ( އަރުވާލުމެވެ. ) މިއީ އެބައިމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެބައިމީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ. އާދެ! މާތް ﷲ ކީރިތި ޤުރްއާނުގައި އަންހެނާގެ މަޤާމު މަތިވެރިކުރައްވައި ، އޭނާ އަކީ ކަރާމާތް ލިބިގެންވާ އަބުރުވެރި އިންސާނެއްކަމުގައި ލެއްވިއެވެ. އޭނާގެ އަބުރަށް އަރައި ޙުރްމަތް ކަނޑަލާ މީހުންނަށް ދެދުނިޔޭގައި ލަޢުނަތް ލައްވައި ގަދަފަދަ އަޒާބު ދެއްވާނެކަމަށް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މުއުމިނުންގެ ތެރޭގައި ފާހިޝްކަންތައްތައް ފެތުރިގެންދިއުމަށް ލޯބިކުރާމީހުންނަށް ވެސް ދެދުނިޔޭގައި ވޭންދެނިވި އަޒާބު ދެއްވާނެކަމަށް ﷲ ވަޢްދުވެ ވޮޑިގެންފައިވެއެވެ. އަދި ހަމަ އެހެންމެ އަންހެނާގެ ޒީނަތްތެރިކަން ބޭނުންކުރަންޖެހޭނެ ގޮތާއި ، އޭނާ އުޅެންވާ ޙުދޫދަކީ ކޮބައިކަން ބަޔާން ކުރައްވަމުން އަންނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. '' އެކަނބަލުންގެ ބެލުންތިރިކުރުމަށާއި ، އެކަނބަލުންގެ ލަދުވެތި ގުނަވަންތައް ރައްކާތެރިކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ހަށިގަނޑުން ގަސްތަކާއިނުލައި ފައުޅުވެއްޖެތަނެއް އެބަހީ މޫނާއި ދެއަތްތިލަ ) ފިޔަވައި އެކަނބަލުންގެ ޒީނަތްތެރިވުމުން ފައުޅުނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުގައި އަޅައި ނިވާކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ފިރީންނަށް ، ނުވަތަ އެކަބަލުންގެ ބަފައިންނަށް ނުވަތަ ، އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ، ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެންދަރިންނަށް ނުވަތަ ، އެކަނބަލުންގެ އަޚުންނަށް ، ނުވަތަ އެކަބަލުންގެ އަޚުންގެ ފިރިހެންދަރީންނަށް ، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެތެރެއިން އަންހެނުންނަށް ، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ މީހުންނަށް ނުވަތަ އަންހެނުންގެ އައުރަ ނޭގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ގަހަނާތަކާއި ، ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން އެކަނބަލުން ނުތަޅާހުށިކަމެވެ. އޭ އެއްމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެކުގައި ﷲ އަށް ތަވްބާ ވާށެވެ. ތިޔަބައިމީހުންނަށް ނަޞީބުލިބި ދިންނަވާތޯއެވެ.'' އަދި އަލްއަޙްޒާބު ސޫރަތުގެ 59 ވަނަ އާޔަތުގެ މާނައިގައިވެއެވެ : '' އޭ ނަބިއްޔާއެވެ. ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި ، ދަރިދަރިކަނބަލުންނަށާޢި ، މުއުމިނުންގެ އަންހެނުން ، އެކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް އެކަނބަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ( އެބައިހީ: މުޖުތަޢުތެރެއަށް ނިކުމެ އުޅޭއިރު ހަށިގަނޑާއި ، ހަށިގަނޑުގެ އެކި ގުނަންތަކުގެ ސިފަ ނޭގޭ ގޮތަށް ނިވާކުރާފަދަ ފޭރާމެއް ލައި ނިވާވެގަންނާށެވެ ! ) އެކަނބަލުން އެނގިގެން ވުމަށާއި ، އެކަނބަލުންނަށް އުދަގޫ ނުލިބުމަށް އެގޮތް ގާތްކަން ބޮޑެވެ. ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.''
އިސްވެދިޔައީ ﷲ އާއި އެކަލާނގެ ނަބިއްޔާގެ އަމުރުފުޅެވެ. މިފަދަ އާޔަތްތަކުގެ ކުރިމަތީގައި މުއުމިނުންގެ ސިފަޔަކަށް ވާންޖެހޭނީ ބޯލަނބައި ކިޔަމަންގަތުމެވެ. ﷲ ގެ ބަސްފުޅަށް ގޮންޖަހައި ފަސާދަކުރުމެއްނޫނެވެ. އަލްއަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތުގެ މާނައިގައިވެއެވެ: '' ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަކާއިމެދު ވަކިގޮތެއް ނިޔާކުރައްވައިފި ހިނދު އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ، މުއުމިނު ފިރިހެނަކަށްވެސް ، އަދި ، މުއުމިނު އަންހެނަކަށްވެސް އޮތް ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އުރެދިއްޖެ މީހާ ، ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.
'' އާދެ ! އިސްވެދިޔަ އާޔަތްތަކުން އެކަނިވެސް ރީތީގެ މުބާރާތް ފަދަކަންތައްތައް ބޭއްވުމަކީ ޙަރާމްވެގެންވާ ކަމެއްކަމަށް އެނގި ފާޅުވެއްޖެއެވެ. މިފަދަ ޢަމަލުތައް ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ﷲ އާއި ހަނގުރާމަ އިޢުލާންކުރުން ފަދަކަމެކެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ﷲ އަށް ބިރުވެތިވެ ތަވްބާވާންޖެހޭނެއެވެ. މިކަމަށް ހޭދަކުރެވޭ ފައިސާ އަކީ އިސްރާފު ކުރެވޭ ފައިސާއެކެވެ. އިސްރާފް ކުރުމަކީ ކަނޑައެޅިގެން ޙަރާމް ޙަރާމްކަމެކެވެ. މިކަމަށް ހޭދަކުރެވޭ ފައިސާ ޚަރަދުކުރުން ޙައްޤުކަންބޮޑު އެތަށް އަޚުންނާއި އުޚުތުންނާއި ، ޙާލުގައި ޖެހިފައިވާ އެތައް ކުޑަކުދިނެއް މިއަދު ޤައުމުގައި އެބަތިއްބެވެ. މިފަދަ ޙާލަތެއްގައި މި އިސްލާމީދީބު ވަނިކޮށް މިފަދަ ކަމަކަށް ފޫގެޅުމަކީ ޙަރާމް ކަން ބޮޑުވެގެންވާ އުރެދުމެކެވެ. މިކަން އިންތިޒާމު ކުރާ ފަރާތްތަކާއި ، މީގައި ބައިވެރިވާ އަންހެންބޭފުޅުންނަށް އަޅުގަނޑު ހިތުގެ އަޑިން ގޮވާލަނީ މިކަމުން ދުރުވެ ، ﷲ ގެ އެނގެވުންތަކަށް ބޯލަނބައި ކިޔަމަން ގަތުމަށެވެ. މިއީ ބިންމަތީގައި ކުރެވޭ ފަސާދައެކެވެ.
ޔަހޫދީންނާއި ނަޞާރާއިންނާއި އެބައިމީހުންގެ މިއްލަތަށް ތަބާވެގެން ތިބޭ މީހުން ﷲ ގެ ކަލިމަފުޅު ބަދަލުކޮށް ޙަރާމް ކުރައްވާފައިވާ އެތައްކަމެއް ތަފާތު ނަންތަކުގައި ކުރަމުންދާ ގޮތައް އަޅުގަނޑުމެން ވެސް އެހެން އުޅެންވީތޯއެވެ؟ ރީތީގެ މުބާރާތް ބޭއްވުން ފަދަ ސުންޕާ ޢަމަލުތަކަކީ ޔަހޫދީންނާއި ނަޞާރާއިން އެބައިމީހުންނަށް ﷲ ބާވައިލެއްވި ، ފޮތްތަކުގައިވާ ހަމަތަކާއި އުޞޫލުތަކާއި ފޮނުއްވުނު ނަބިއްޔުންނާއި ، ރަސޫލުންގެ މަގުން އެއްކިބާވެ ، އެބައިމީހުންގެ އަމިއްލަ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ މެދުގައި އުފެދިގެން ދިޔަ ޘަޤާފަތްތަކެކެވެ. މިއުންމަތުގެ މީހުންގެ ތެރޭގައި އެބައިމީހުންނަށް ތަބަޢަވާނޭ މީހުން ތިބޭނެ ކަމާއި އެމީހުންގެ ކިބައިން ސަލާމަތް ވުމަށް މި އުންމަތުގެ މާތް މުހައްމަދު ނަބިއްޔާ ވަނީ އަންގަވާފައެވެ. އެކަލޭގެފާނުގެ އަރިހުން ، އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު ޢަޙްމަދާއި އަދިވެސް އެހެނިހެން މުޙައްދިޘުން ރިވާކުރެއްވި ޞައްޙަ ބަސްފުޅެއްގެ މާނައިގައިވެއެވެ:'' ތިޔަބައިމީހުންގެ ކުރީގައި އުޅުނު މީހުންގެ ޘަޤާފަތްތަކާއި ، ކަންތައްތަކަށް ތިޔަބައިމީހުން ތަބަޢަވާނެއެވެ. އަދި އެބައިމީހުން ޟައްބު ( ސަހަރާގައި އުޅޭ ޖަނަވާރެއް ) ގެ ހަރަށް ވަތްކަމުގައި ވިޔަސް ތިބައިމީހުން އެމީހުންގެ ފަހަތުން ގޮސް ތަބަޢަވާނެއެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އެބައިމީހުންނަކީ ޔަހޫދީންނާއި ނަޞާރާއިންތޯއެވެ؟ މާތް ނަބިއްޔާ ޙަދީޘްފުޅު ކުރެއްވިއެވެ: ދެންފަހެ ކޮންބައެއްހެއްޔެވެ؟ ''
އާދެ! އިސްލާމީ އުންމަތުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ ޒިންމާއަކަށްވާން ޖެހޭނީ މިފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމެވެ. އިސްލާމީ ޝަރީއަތުގައި ވެރިކަމުގެ ނިޒާމެއް ލެއްވިގެންވަނީ ހެޔޮކަންތަކަށް އަމުރުކޮށް ، ނުބައިކަންތައް ނަހީކޮށް ، ދީން ޙިމާޔަތްކޮށް ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގުމަށެވެ. މިހެންކަމުން އެފަރާތްތަކުން މިފަދަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުމީ ލާޒިމު ކަމެކެވެ. އަލްޙައްޖު ސޫރަތުގެ 40- 41 ގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ''އަދި ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ ބަޔަކަށް ﷲ ނަޞްރު ދެއްވާނެކަން ކަށަވަރެވެ ހަމަކަށަވަރުން ﷲ އީ ކީރިތިވަންތަ ބާރުވެރިވަންތަ ރަސްކަލާންގެއެވެ. އެގޮތަށް ނަޞްރު ދޭ މީހުންނީ ތިމަންﷲ އެބައިމީހުންނަށް ވެރިކަން ދެއްވައި ތަމްކީން ކޮށްދެއްވައިފި ހިނދު ނަމާދު ޤާއިމުކޮށް ، ޒަކާތްދީ ، ހެޔޮކަންތަކަށް އަމުރުކޮށް ، ނުބައިކަންތައް ނަހީކޮށް އުޅޭމީހުންނެވެ. ކަންތަކުގެ ނިންމުން މިލްކުވެގެންވަނީ ﷲ އަށެވެ.''
އަޅުގަނޑުމެންގެ ޤައުމުން ދީނުގެ ކަންތައްތައް ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ނިކަމެތިވަނުން ދާއިރު ދީނުގެ ޢިލްމުވެރިން މިކަންތައްތައް ހުއްޓުވުމަށް އެކަތިގަނޑަކަށް ވާންޖެހިއްޖެއެވެ. ދީނަށް ނަޞްރުދިނުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ވަކިން ބޮޑަށް ﷲ ގެ ޙުދޫދުތަކުގެ ޙުރްމަތް ކެނޑިގެންދާއިރު ޢިލްމުވެރިންނާއި ދަންނަ މީހުން މިކަމުގައި އިސްނެގުމަކީ ވާޖިބުވެގެންވާ ކަމެކެވެ. މިހެންކަމުން އަޅުގަނޑު އެންމެހައި ޢިލްމުވެރިންގެ އަރިހުން އެދެނީ ރާއްޖޭގައި ބާއްވަން އުޅޭ ރީތި މުބާރާތާ ބެހޭގޮތުން ބަޔާނެއްނެރުއްވައި މީސްތަކުންނަށް މިފަދަކަންތައްތަކުގެ ޙުކުމް ބަޔާންކޮށްދެއްވުމަށެވެ . މިއުންމަތް ހަލާކުވެދިއުމުގެ ކުރިން ސަލާމަތްކޮށް ދެއްވުމަށެވެ.
ޝައްކެއްނެތް ގޮތުގައި ނަސޭހަތްދިނުމާއި ޙައްޤަށް ވަޞިއްޔަތްކޮށް އުޅުމަކީ މުއުމިނުންގެ ސިފައެކެވެ. އެބައިމީހުންނަކީ އެބައިމީހުން ދިރިއުޅޭ މުޖުތަމަޢުން ފާހިޝް ކަންތައްތަކާ ، މުންކަރާތްތައް ނައްތާލުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ ، އެހީތެރިވެ އުޅޭބަޔެކެވެ. މިގޮތުން ބަލާއިރު އިސްލާމީ މުޖުތަމަޢަކީ ޞާލިޙު ، ރަނގަޅު ، ފަސާދަ މަދު މުޖުތަމަޢަކަށް ހެދުމައްޓަކައި ، ނަސޭހަތްތެރިވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރަމަކީ އިސްލާމް ދީނުގެ އިޖުތިމާޢީ ރުކުންތަކުގެ ތެރެއިން ވާ މުހިންމު ރުކުނެކެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގެ އުޞޫލަކީ އިސްލާމީ ނިޒާމުގައި ކަނޑައެޅިފައިވާ ފަދަ ހަރުދަނާ އަދި ފުރިހަމަ ގޮތަކަށް އެހެން އެއްވެސް ދީނީ އަދި ފަލްސަފީ ނިޒާމެއްގައި ކަނޑައެޅިފައިވާ އުޞޫލެއްނޫނެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ ކުރިންވެސް ދެންނެވިފަދައިން މުޖުތަމޢުގެ އެންމެހައި އަފްރާދުންގެ ވާޖިބެކެވެ. މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންގެ ވާޖިބެކެވެ. އައްތަވްބާ ސޫރަތުގެ 71 ވަނަ އާޔަތުގެ މާނައިގައިވެއެވެ: '' މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމު ކުރެއެވެ. ޒަކާތްދެއެވެ. އަދި ﷲ އާ އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންވެއެވެ. އެބައިމީހުންނަސް ﷲ ރަޙްމަތް ލައްވާ ހުއްޓެވެ. ހަމަކަށަވަރުން ﷲއީ ގަދަފަދަ ވަންތަ ޙަކީމު ވަންތަ ރަސްކަލާންގެ އެވެ. ''
އިސްލާމްދީނުގައި ނަސޭޙަތްދިނުމުގެ މުހިންމުކަން ވަރަށް ޞަރީޙުކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ: ''ދީނަކީ ނަސޭހަތެވެ.'' އަޞްޙާބު ބޭކަލުން ދެންނެވިއެވެ : ކާކަށްތޯއެވެ ؟ ޙަދީޘްކުރެއްވިއެވެ. '' ﷲ އަށާއި ، އެކަލާންގެ ފޮތަށާއި ، އެކަލާނގެ ރަސޫލާއަށާއި ، މުސްލިމުތަކުންގެ ވެރިންނަށާއި ، އެއުރެންގެ އާންމުންނަށެވެ.''
އާދެ! އަލްބަޤަރާ ސޫރަތުގެ 159 – 160 ވަނަ އާޔަތް ﷲ ބާވާލައްވާފައި ނުވާނަމަ އަޅުގަނޑު މިވާހަކަތައް ނުލިއުނީމުއެވެ. އެއާޔަތްތަކުގައި އައިސްފައިވެއެވެ: '' ހަމަކަށަވަރުން ތެދުމަގާއި ، ހެކިތަކުގެތެރެއިން ތިމަން ﷲ ބާވާލެއްވި ތަކެތި މީސްތަކުންނަށް ބަޔާންކޮށްދެއްވައި ފޮތުގައި އެކަން ސާފުކޮށް ދެއްވާފައިވަނިކޮށް އެކަންތައްތައް ވަންހަނާކޮށް ފޮރުވާ މީހުންނަށް ﷲ ލަޢްނަތް ލައްވާނެތެވެ. އަދި ލަޢްނަތްދޭ މީހުންވެސް އެބައިމީހުންނަށް ލަޢްނަތް ދޭނެތެވެ. އެބައިމީހުންގެތެރެއިން ތައުބާވެ އިޞްލާޙުކޮށް ބަޔާންކުޅަ މީހުންމެނުވީ އެވެ. އެފަދަ މީހުންނަށް ތިމަން ﷲ ތައުބާ ލައްވާހުށީމެވެ. ފަގެ ތިމަން ﷲ އީ ތަވްބާ ޤަބޫލު ކުރައްވާ ރަޙީމުވަންތަ އިލާހެވެ. ''
އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަޅުގަނޑު ގޮވާލަނީ ޝައިޠާނާގެ މަގުން އެއްކިބާވެ ﷲ ގެ ދީނަށް ރުޖޫޢަވުމަށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތާއި ތަވްފީޤު ދެއްވާށި – އާމީން






0 ޚިޔާލު:
Post a Comment