December 6, 2009

ރާއްޖެ އިސްލާމްވި ދުވަސް


ރާއްޖެ އިސްލާމްވި ދުވަސް
ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީންސުރެ އެދީނަކަށް އަޅުކަންކުރަމުންއައި ބުޑިސްޓުދީން ދޫކޮށްލައި ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު (1135 މ. ޖޫން) މަހުގެ ތެރޭގައެވެ.

ރަސްމީގޮތުން ދިވެހި ދައުލަތުން ޤަބޫލު ކުރައްވާގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަޣްރިބުކަރައިގެ މައުލާނަ އަލްޙާފިޒު އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއެވެ. އެކަލޭގެފާނަކީ ހިޖުރައިން ހަވަނަ ޤަރުނުގެ ތެރޭގައި އިސްލާމްދީނަށް ނުހަނު ޚިދުމަތްކުރެއްވި މާތް ވަލީވެރި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު މުޅި ދިވެހި އުންމަތް އިސްލާމްދީނަށް އެނބުރުނީއްސުރެ އަދިއަދަށް ދާންދެންވެސް މިރާއްޖޭގައި މިއޮތީ އިސްލާމްދީނެވެ. ރާއްޖޭގެ މީސްތަކުން އިސްލާމްވީއްސުރެ ދިވެހިންނަކީ ދީނަށް ޙުރުމަތްތެރިކޮށް ހިތާ އިޢުތިޤާދު ހަރަދަނާ ބައެކެވެ.

ކޮންމެއަކަސް ރާއްޖެ އިސްލާމްވީ ދުވަހެއް ގެންނަވާ އެދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ވަރަށް ކުރީކޮޅުއެވެ. ވަޒީރުންގެ މަޖިލީހުން ކުޅަ ފާސްކުޅައުމެއްގެ މަތީން ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1942 ގެ ނޮވެމްބަރ 28 އެވެ.

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށްފަހު އޭގެ 33 އަހަރު ފަހުން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ 5 ވަނަ ދައުރުގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރައްވާގޮތަށް ދައުލަތުން ކަނޑައެޅުއްވިއެވެ. އަލުން މިދުވަސް ފާހަގަކުރައްވާގޮތަށް ނިންމެވީ ރާއްޖެ އިސްލާމްވި ދުވަހަކީ ޤައުމީ ގޮތުން ފާހަގަކުރާ ދުވަހެއްކަމުގައި ހަމަޖެއްސުމަށް 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހުއޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވުމާ ގުޅިގެންނެވެ. އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަ ކުރެއްވުމަށް ފެނިވަޑައިގަންނަވާތީއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު މާލެ އާއި އަތޮޅުތަކުގައި ތަފާތު ޙަރަކާތްތަކެއް ހިންގެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރެވެމުން މިދަނީ ކޮންމެ އަހަރެއްގެވެސް 2 ރަބީޢުލްއާޚިރު ގައެވެ. މިގޮތުން މިއަހަރު 1428 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ފާހަގަ ކުރެވިފައިވަނީ ރާއްޖެ އިސްލާމްވީތާ 880 ވަނަ އަހަރު ފުރުމުގެ މުނާސަބަތެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino