ޝަފީނާ ބިންތި ޢަބްދުﷲ
ދިވެހި ތާރީޚް ދެކިފައި ނުވާފަދަ މަޢްލޫމާތު ފޯރުކޮށްދިނުމާއި ލިޔުންތެރިކަމުގެ އިންގިލާބެއް އައިސްފައި ވާ މިޒަމާނުގައި، ސައްތައިން ސައްތަ އިސްލާމީ މުޖްތަމަޢުން އިތުރު ކަންތައްތަކެއް މިވަނީ ފެންނަންފަށާފައެވެ. އާދެ! ފާފަތައް އިޝްތިޙާރުކުރުމެވެ. ދިވެހިން އިސްލާމްދީނުގެ ހިޔާވަހިކަމަށް ވަނުމަށްފަހުގައިވެސް އެތަށް ޒަމާނެއް ފާއިތުވެ ދިޔައިރުވެސް މިއަދު މިދެކޭފަދަ ފާޙިޝް ކަންތައްތައް އިސްތިހާރުކުރުމުގެ ޘަގާފަތެއް މިމުޖުތަމަޢް ދެކެފައި ނުވެއެވެ. ކޮންމެ ވެބްސައިޓަކާއި، ކޮންމެ ދުވަހު ނޫހަކާއި މަޖައްލާއެއްގައާއި އަދި ޓީވީ ޗެނަލެއްގައި ދީނީ ކޮލަމެއް އޮތުމަކީ މުޙިއްމު ކަމެއްގެ ގޮތުގައި ދެކެމުން ދިޔައިރު، ކޮންމެ ޕްރޮގްރާމެއްގެ ފަހަތުން ނުވަތަ ކޮންމެ ރިޕޯޓެއްގެ ފުލުން ވަޙުޝީ ވީޑިޔޯތަކާއި ފާޙިޝް މަންޒަރުތަށް ފުލުފުލުން ގެނެސްދިނުމަކީ ފަޚުރުވެރި ކަމެއްގެ ގޮތުގައި އެޑިޓަރުންނާއި، ވެބްސައިޓްތައް ހަދާމީހުންނާއި ޗެނަލްތަކުގެ ވެރީން ދެކޭކަހަލައެވެ.
ނިވާކަން ކުޑަ ހެދުންތައްލުން އޭގެ ކުންނަށް ވާސިލްވެފައިވާއިރު "ބަރަހަނާ އިސްތިހާރުކުރުން" މިއަދު މިވަނީ ޢާއްމު ކަމަކަށް ވެފައެވެ. ދަރުސްތަކުގެ ފަހަތުން އަންނަ ވީޓީވީގެ އޮރިޔާން އަދި ބަދްއަޚްލާޤީ ލަވަތަކާއި، ޚުތުބާތަކަށްފަހު ޓީވީއެމްއިން ދައްކާ ހަޔާތްކުޑަ މަންޒަރުތަކާއި އަދި ދަންނަބޭކަލުންގެ ވާހަކަފުޅަށްފަހު ދިޓީވީން ދައްކާ ފެޝަންޗޯތަކާއި ކޮންމެވެސް އިންފޯއެއް ނުވަތަ ލައިވް.ކޮމްއެއްގައި ނުޖަހައި ނުފުދޭ ފޮޓޯތަކަކުންނެވެ. ތިމަންމެންގެ ސައިޓަށް ތާއީދުކުރާ ފޭސްބުކް އައިކަންތަކަކީ ދެމީހަކު ޒިނޭކުރާ މަންޒަރަކަށް ވިޔަސް ނުވަތަ ނާޒުކު ގުނަވަނަކަށްވިޔަސް ހެޔޮތާއެވެ. ތިމަންމެންގެ ސައިޓަކީ ގިނަބަޔަކު ތާއީދުކުރާ ސައިޓަކަށް ހެދުމަށް، ނުވަތަ ޗެނަލް ޕްރޮމޯޓްކުރުމަށް ހުރިހާ އެއްޗެއްވެސް ޤުރްބާނެވެ.
އޭ މުސްލިމު ބަފައެއްގެ ގޮތުގައި ދައުވާކުރާ މީހުންނޭވެ. މުސްލިމު ބޭބެއިންނާއި މުސްލިމު ދަރިންނާއި މުސްލިމު ބޮޑުބޭބެއިން ކަމުގައިވާ އަޚުންނޭވެ. ފަސްވަގުތު މިސްކިތަށް އަރާ 30ދުވަހު ރޯދަހިފާ އަދި ޤުރްޢާންކިޔަވާ މީސްތަކުންނޭވެ. ތިބައިމީހުންގެ އަންހެންދަރިންނާއި އަނބިންނާއި، އަދި އުޚްތުން އެފަދަ ފާހިޝް ޢަމަލުތަށް ކުރާތަން ތިޔަބައިމީހުންގެ ސައިޓްތަކާއި ޗެނަލްތަކުގައި އިޝްތިހާރު ނުކުރާނަންހެއްޔެވެ. ވަރަށް ގިނަބަޔަކު އެމަންޒަރުތަށް ބަލައި ޕްރޮމޯޓްކުރާނެއެވެ. އަދި ތިބާގެ ސައިޓާއި ޗެނަލްތަކުގައިވާ ފޮޓޯތަކާއި މަންޒަރުތައް ތިބާގެ އަންހެން ދަރީންނާއި އުޚްތުންނާއި މައިންނަށް ނުދައްކާނަންހެއްޔެވެ. އެހެނީ އެމީހުންވެސް އެފަދަ ތަކެތި ބަލާނެއެވެ. އަދި ބައްޕަ ނުވަތަ ބޭބެ ނުވަތަ ދަރިފުޅު އެ އިސްތިޙާރުކުރާ ތަކެތި ޕްރޮމޯތްވެސް ކޮށްދޭނެއެވެ. އެކަމަކު އެއީ ތިބާ ލަދުނުގަންނަ ނަމައެވެ. އަދި ހެއްދެވި ފަރާތަށް ބިރުވެތި ނުވާނަމައެވެ. ލޮބުވެތި ރަސޫލާ (ޞޢވ) ޙަދީޘުކުރަށްވާފައި ވެއެވެ. إِذَا لَمْ تَسْتَحْيِ فَصْنَعْ مَا شِئْتَ މާނައީ: ކަލޭގެ ކިބައިން ލަދުޙަޔާވެރިކަން ގެއްލިޖެނަމަ، ހިތުހުރި ކަމެއް ކުރާކަށް ކަލޭ ފަހެއް ނުޖެހޭނެއެވެ.
އޭ އަޚުންނޭވެ! ތިޔަބައިމީހުން ތިޔަ ފަޚުރުވެރިވާ ސައިޓްތަކަކީ ނުވަތަ ނޫސްމަޖައްލާތަކާއި ޗެނަލްތަކުގެ މޮޅުކަމަކީ މާތްﷲގެ ހަޟްރަތުގައި ތިޔަބައިމީހުން މޭފުއްޕާލާވަރުގެ ކަމެއްކަމުގައި ދެކެނީހެއްޔެވެ. މާތް ރަސޫލުންނާއި، ތެދުވެރި އަދި އީމާންތެރި ޞަޙާބިންނާއި ދީނުގެ އެހެނިހެން ޢިލްމުވެރީންގެ ބަސްފުޅުތަކަށް ކޮޅުފައިން އަރައި ނުވިތާކަށް ހަޖޫޖަހާއިރު ﷲގެ ހަޟްރަތުގައި ތިޔަބައިމީހުންނަކީ މަދިރިއަކަށް ވުރެވެސް ނިކަމެތި ބައެއްކަން ހަނދާން ނުކުރަނީހެއްޔެވެ؟ ތިޔަބައިމީހުން ލިޔާ މޮޅަތި ވާހަކަތަކަކުން އެކަލާނގެ ޙައިރާންވެވޮޑިގެން ނުވެއެވެ. ތިޔަބައިމީހުން ލިޔާ ޖޯކުތަކަކުން އެކަލާނގެ ހިނިފުޅެއްވެސް ނުވަޑުވައެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ތިޔަ އިޢްލާންކޮށް އިޝްތިހާރުކުރާ ފާޙިޝް ޢަމަލުތަކުގެ މަންޒަރުތަކާއި ލިއުންތަކުން އެކަލާނގެ ކޯފާ ގަދަވެގެންދެއެވެ. އެހެނީ ފާފަ ކުރާމީހާ ތަޥްބާވުމުން އެކަލާނގެ އެފާފަ ފުއްސަވައެވެ. އެހެނެއްކަމަކު ފާފަކުރުން ފާޅުކުރާ މީހާއާއި، ފާޙިޝް ކަންތައްތައް އިޢްލާނުކުރާ މީހުނަށް ގަދަފަދަވެގެންވާ ޢަޒާބު ހުއްޓެވެ. ހަމަކަށަވަރުން އިޚްލާޞްތެރިޔަކީ ފާފަތަށް ތަކުރާރުކުރުމުން ދުރުހެލިވެ ޢަމަލުތައް އިޞްލާޙްކޮއްފި މީހާއެވެ. (ނިމުނީ)






0 ޚިޔާލު:
Post a Comment