| ބަނގުރަލާއި އޫރުމަހުގެ ގަވާއިދު ގެޒެޓްގައި ޝާއިއުކުރުމަށް ނިންމާނީ ދީނީ ގޮތުން މިއީ ކޮންކަހަލަ ކަމެއްތޯއާއި ރައްޔިތުންގެ ޝުއޫރުމިކަމުގައި ހުރި މިންވަރަށް ބައްލަވާފައިކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެ  |                
                                    |    ..    |                
                                    ބަނގުރަލާއި އޫރުމަހުގެ ގަވާއިދު ގެޒެޓްގައި ޝާއިއުކުރުމަށް ނިންމާނީ ދީނީ ގޮތުން މިއީ ކޮންކަހަލަ ކަމެއްތޯއާއި ރައްޔިތުންގެ ޝުއޫރުމިކަމުގައި ހުރި މިންވަރަށް ބައްލަވާފައިކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެއޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ މިގަވާއިދު ގެޒެޓް ގައި ޝާއިއުކުރުމާއިމެދު އަދި ވަކިގޮތެއް ނުނިންމޭކަމުގައެވެ. އަދި ހޯމަދުވަސް އަންނަން ވާއިރަށް ގެޒެޓްނުކުރެވިއްޖެނަމަ ޢަމަލު ނުކުރެއްވޭނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މިގަވާއިދާއި ގުޅޭގޮތުން އަދާލަތުޕާޓީއާއިއެކު އަންނަ އާދިއްތަދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެކަމުގައި ޒުހައިރު ވިދާޅުވިއެވެ. މިބައްދަލުވުމުގައި އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ބައިވެރިވާނެކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ. އަންނަ މާރޗްމަހު މިގަވާއިދަށް އަމަލުކުރަން ފަށާނެކަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރުމާއި ގުޅިގެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުންވަނީ މިކަމާއި ނުރުހުން ފާޅުކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެ ގެނައުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ، އިސްލާހް ކޮށްފައިވާ ގަވާއިދު އަނބުރާ ގެންދިޔުމަށް މަދަނީ ޖަމިއްޔާތަކާއި އަދާލަތުޕާޓީންވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. މިފަރާތްތަކުން މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ. އަދާލަތުޕާޓީގެ ނައިބް ޒައީމް މުހައްމަދުދީދީ މިއަދު ވިދާޅުވީ މިއަދަކީ މިކަމާއި ދެކޮޅަށް އެންމެން ތެދުވަން ޖެހިފައިވާ ދުވަހެއްކަމަށެވެ. އަދި މިހުއްދަ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފަސްވައުދާ ހިލާފަށް ކުރައްވާކަމެއްކަމަށް ވިދާޅުވެ މިކަން ހުއްޓާލުމަށް ރައީސްއަށް ގޮވާލެއްވިއެވެ. މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރާގޮތަށް އިސްލާހްކުރެވިފައިވާ ގަވާއިދާ ދެކޮޅުހެދުމުގެ ގޮތުން އަދާލަތުޕާޓީން ބާއްވާ އެއްވުމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ގައުމީ ޕާޓީން ވެސް ގޮވާލާފައެވެ. އެޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއް ގައި ކައުންސިލް މެމްބަރު މުހައްމަދު ޖަމީލް ވިދާޅުވީ މިގަވާއިދާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ކޮންމެ ހަރަކާތަކަށް އެޕާޓީން ތާއީދުކުރާކަމުގައެވެ. އަދި މިގަވާއިދަކީ ގާނޫނު އަސާސީއާއި ހިލާފަށް ހަދާފައިވާ ބާތިލް ގަވާއިދެއްކަމަށާއި އަދި މިކަމަކީ ވަކިބައެއްގެ ރުހުން ހޯދުމަށް ސަރުކާރުންކުރަމުންދާކަމެއްކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ގައުމީ ޕާޓީންވެސް ވަނީ މިގަވާއިދު އަނބުރާ ގެންދިޔުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.  | 
Enjoyed reading? Share this
 
 
0 ޚިޔާލު:
Post a Comment